ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑެންޓް ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފިއެވެ. މި ކާޑު ތައާރަފުކުރުމަށް ބޭއްވި ހަފްލާ މިއަދު އޮތީ ހޮޓެލް ޖެންގައެވެ. ބީއެމްއެލްއިން މަޢުލޫމާތު ދިންގޮތުގައި މި ކާޑަކީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކާޑެކެވެ. މި ކާޑަކީ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ ކާޑެއް ކަމަށާއި، މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ގައުމީ ބޭންކުން އިތުރަށް ހާމަކުރިގޮތުގައި މި ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. އަދި ދަރިވަރުން މި ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭން ވަނީ ނިންމައިފައެވެ.
ބީއެމްއެލްއިން ބުނީ މި ކާޑު ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ ކަމަށާއި، ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
ފޮޓޯ: ބީއެމްއެލް



