ޣީލާ މަރެއްގައި މަރާލާފައިވާ ފަލަސްޠީނުގެ އަލްޖަޒީރާ ނޫސްވެރިޔާ، ޝިރީން އަބޫ އަގްލާގެ ގާތިލުގެ ނަން ޑޮކިއުމެންޓްރީއެއްގައި ބުނެފި އެވެ. ޒަޔަނިސްޓުންގެ ހަމަލަތައް، 2022 ވަނަ އަހަރު ރިޕޯޓް ކުރަމުން ދަނިކޮށް ހުޅަނގު އައްސޭރީގައި ބަޑިޖަހައި މަރާލި އަލްޖަޒީރާގެ ރިޕޯޓަރު ޝިރީން އަބޫ އަގްލާ މަރާލީ އިޒްރޭލު ސިފައިންގެ މީހެކެވެ.
އަބޫއަގްލާއަކީ، ފަލަސްޠީނު މީހުންނަށް ޒަޔަނިސްޓުން ދެމުންދިޔަ ހަމަލަތައް ކަވަރު ކުރުމުގައި މަޝްހޫރުކަން ހޯދި އަލްޖަޒީރާގެ ނޫސްވެރިއެކެވެ. އޭނާ މަރާލި އިރު އޭނާ ހުރީ މައިކް ހިފައިންގެ އަދި ނޫސްވެރިއެއްކަން ފާހަގަ ކޮށްދޭ ބްލެޓްޕުރޫފް ވެއްޓެއްވެސް ލައިގެންނެވެ. އޭނާ މަރާލާފައި ވަނީ ޖެނިންގައެވެ.
ޒަޔަނިސްޓު ވިޔަފާރިތަކާ ގުޅުމެއް ނެތް، މިނިވަން ނިއުސް ސައިޓްކަމަށްވާ މަހުދީ ހަސަންގެ ޒެޓިއޯ އިން ޕްރޮޑިއުސްކޮށްފައިވާ ޑޮކިއުމެންޓްރީ "ޝިރީން މަރާލީ ކާކު؟" ގައި ޒަޔަނިސްޓް ޔަހޫދީ ސިފައިންގެ މީހައަކީ، އެލޮން ސްކަޖިއޯ ކަމަށް ބުނެފައި ވެއެވެ.
ސްކައިޖޯ ޝީރީން މަރާލިއިރު އޭނާގެ އުމުރަކީ، 20 އަހަރެވެ. އަދި އޭނާއަކީ އެލީޓް ސިފައިންގެ ތަމްރީންތައް ފުރިހަމަ ކޮށްފައިވާ މީހެކެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން (ސީޕީޖޭ) އިން ބުނީ މިއީ އިޒްރޭލުން ނޫސްވެރިއަކު މަރާލި މައްސަލައަކާ ގުޅިގެން ޝައްކު ކުރެވޭ މީހެއްގެ ނަން ހާމަ ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
އިޒްރޭލަކީ އިންސާނީ ތާރީޚުގައި އެންމެ ގިނައިން އެއް ތަނެއްގައި އެއް ހަނގުރާމައެއްގައި ނޫސްވެރިން މަރާލުމުގެ ރެކޯޑު ހަދާފައިވާ މީހުންނެވެ.
ސްކައިޖޯއަށް ޝީރީން މަރާލައިގެން ލިބުނު އުފަލުގައި އުޅެވުނީ ދުވަސްކޮޅަކަށެވެ. ފަލަސްޠީނު މީހަކު ވަނީ ހުޅަނގު އައްސޭރީގައި ސްކައިޖީގެ ގަޔަށް ބަޑި ޖަހައިގެން އޭނާގެ ދުވަސް ދުއްވާލާފައެވެ.






