މަގޫދޫ އެއާޕޯޓު މި ދައުރުގައި ނިންމައި ހުޅުވާނެކަމަށް ހައުސިންގ މިނިސްޓަރު އިއުލާންކުރައްވައިފި

ފ. މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓު މި ސަރުކާރުގެ ދައުރުގައި ނިންމައި ހުޅުވާނެ ކަމަށް ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު އިއުލާން ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު މި މަޢުލޫމާތު ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގަބޫލުކުރަން ލަސްތަކެއް އައިސްފިކަމަށް، ހަމަ އެއާއެއްކޮށް ގަބޫލު ކުރަން، އަބަދުވެސް، ނިލަންދޫގައި އަޅަން ކަނޑައެޅިފަ އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަށް ނޫންކަމަށް ވެސް، އެހެންވީމަ އެއާ އެއްކޮށް ސަރުކާރުން ޑިވެލޮޕްމަންޓް ޕްލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭނެ. އެހެންނަމަވެސް މަގޫދޫގައި ކުރިއަށް ގެންގޮސްފައި އެއޮތް މަޝްރޫއު ކުރިއަށްގެންގޮސް ނިންމާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، 200 މިލިޔަނެއްހައި ރުފިޔާ ހަރަދުކޮށްފައިވާ މަގޫދޫ އެއާޕޯޓަކީ ސަރުކާރުން ނިންމަން ބޭނުން ނުވިޔަސް ކޮންމެވެސް ދުވަހަކުން ނިންމައި ފްލައިޓް ޖައްސާނެ އެއާޕޯޓެއް ކަމަށެވެ. އަދި މަގޫދޫ އެއާޕޯޓުގެ އޭބީސީ ލޭޔަރު ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލައި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ރައްޔިތުންގެ ކިހާ ފައިސާއެއް އިސްރާފު ވާނެތޯ ވެސް ސުވާލު ކުރެއްވިއެވެ.

މަގޫދޫ އެއާޕޯޓަކީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ސިނާއީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމުލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައި، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރާ މަޝްރޫޢެކެވެ.

ހިއްސާ ކުރައްވާ!