ގޭންގް ކުށްތައް ހުއްޓުވުމަށް މިހާތަނަށް އަޅާ އެންމެ ސީރިއަސް ފިޔަވަޅު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ފާސްކޮށްފިއެވެ. މި ބިލު ފާސް ވެފައިވަނީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ތާއީދާ އެކުގައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމެވެ.

  • ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް އުފެއްދުމާއި ހިންގުމަށް 25 އަހަރުގެ ޖަލު ހުކުމާއި 200,000 ރުފިޔާއިން 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވެއެވެ.

  • ކުށް ކުރުމަށް ބޭނުންކުރި އަދި ކުށުން ހޯދި މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު ލިބިދެއެވެ.

  • ގްރޫޕްތަކަށް މީހުން ރެކްރޫޓްކުރުމާއި، ކުށްކުރުމަށް އެހީތެރިވުމާއި ބައިވެރިވުމަށްވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.

  • ތޫނު އެއްޗެހި އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ކުށްތަކަށް ވަކި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ.

  • ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ.

  • ގޭންގްތަކުގެ މީހުންގެ ލިސްޓް އެކުލަވާލަން ޖެހެއެވެ.

  • ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެ ލިސްޓު ހިއްސާ ކުރަން ޖެހެއެވެ.

  • ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.

  • ގޭންގެއް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެފަދަ ނަމެއްގެ ބައެއް ބޭނުންކޮށްގެން ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ އެވެ.

  • ޕޮލިސް ކޮމިޝަނަރު ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހިއްސާ ކުރަން ޖެހޭނެއެވެ.

  • ގޭންގެއްގެ މެމްބަރަކު ދައުލަތުގެ ވަޒީފާގައި ބަހައްޓައިގެން ނުވާނެއެވެ.

  • ގޭންގު ކުށް ކުރާ މީހާގެ ފައިސާ އާއި މުދާ ދައުލަތަށް  ނެގޭނެ ހާލަތްތައްވެސް ބަޔާން ކޮށްފައި ވެއެވެ.

  • ތޫނު އެއްޗަކުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުން އަދި މާރާމާރީ ހިންގުން، ރަހީނުކުރުން، ބިރުދެއްކުން އަދި ބޮޑު ޖިސްމާނީ އަނިޔާއެއް ކުރުމުން ދެވޭ އަދަބުތައް ކަނޑައަޅާފައި ވެއެވެ.

  • މީހަކު މަރާލައިފިނަމަ މަރުގެ އަދަބު ދެވޭނެއެވެ.

  • އެހެނިހެން ކުށްތައް ކުރާ މީހުންނަށް ޖަލު ހުކުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

މިއީ ސީރިއަސް ގޮތަކަށް ގޭންގް ކުށް މަނާ ކުރުމަށް ސަރުކާރުން މިހާތަނަށް އެޅި އެންމެ ސީރިއަސް ފިޔަވަޅެވެ.

ހިއްސާ ކުރައްވާ!