ޖަރުމަންވިލާތުގެ ލުފްތާންޒާ ބޯޓަކުން ޕައިލެޓަކާ ނުލައި 10 މިނެޓު ވަންދެން ދަތުރުކޮށްފިއެވެ. ޖަރުމަނުން ސްޕެއިންއަށް ފުރި އެއަރބަސްގެ އޭ321 މަރުކާގެ ބޯޓުފުރި އިރު ޕައިލެޓާއި އޭނާގެ އެހީތެރިޔާ ވެސް ކޮކްޕިޓްގައި ތިއްބެވެ.
އެ ބޯޓު ސްޕެއިންގެ ވައިގެ ސަރަހައްދަށް ވަންނަން ކައިރިވެފައި ވަނިކޮށް ކައްޕި ދިޔައީ ފާޚާނާއަށެވެ. އޭނާ ދިޔައީ ބޯޓުގެ މިސްރާބު ބަލަހައްޓަން އޭނާގެ ފަސްޓު އޮފިސަރާ ހަވާލުކޮށްފައެވެ. ބަރާބަރު 8 މިނެޓު ފަހުން، ކައްޕި ފާޚާނާއިން އައިސް ކޮކްޕިޓަށް ވަންނަން އުޅެ، ސެކިއުރިޓީ ކޯޑްޖަހައިގެން ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ފްލައިޓްގެ އިންޓަރކޮމްއިން ފަސްޓް އޮފިސަރަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ.
ފަސްޓް އޮފިސަރު ކުއްލިއަކަށް ހޭނެތުނީއެވެ. ދޮރުގައި ތެޅުމާއި އެމެޖެންސީވެގެން ގުޅަމުން ދަނިކޮށް ހޭވެރިކަމެއް ވެގެން އޭނާއަށް ދޮރު ހުޅުވައި ދެވުނެވެ. އަދި ބޯޓުގައި ދަތުރުކުރި ޑޮކްޓަރަކު ފަސްޓް އޮފިސަރަށް ފުރަތަމަ އެހީ ދިނުމަށްފަހު އެންމެ ފުރަތަމައަށް ޖެހުނު އެއާޕޯޓް ކަމަށްވާ މެޑްރިޑް އެއާޕޯޓަށް ބޯޓު ތިރިކޮށް އޭނާ ހަސްފަތާލަށް ފޮނުވައި ލީއެވެ.
200 މުސާފިރުންގެ ފުރަނަ ހަމަ ސަލާމަތް ކުރެވުނީ ކިރިޔާއެވެ.






