ބްރެޒިލްގެ ކުރީގެ ރައީސާ ދިލްމާ ރޫސެފްއަށް، އޭނާގެ ޒުވާން ދުވަސްވަރު ސިފައިން ކުރި އަނިޔާއަށް ބަދަލު ދޭން ނިންމައިފިއެވެ. "ޓީވީ ގްލޯބޯ" ޓެލެވިޜަން ޗެނަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބްރަޒިލްގެ އިންސާނީ ޙައްޤުތަކާބެހޭ މިނިސްޓްރީގެ ކޮމިޓީއަކުން، ވަނީ ސިޔާސީ ގޮތުން އަނިޔާ ލިބިވަޑައިގެންފައިވާ ފަރާތެއްގެ ގޮތުގައި، ދިލްމާ ރޫސެފްއަށް، ބްރެޒިލިއަން އެއްލައްކަ ބްރަޒިލް ރިއާލް (17،720 އެމެރިކާ ޑޮލަރު) ގެ ބަދަލެއް ދިނުމަށް ނިންމާފައިވެއެވެ. އޭނާ ވެރިކަން ކުރެއްވީ 2011 އިން 2016 އަށެވެ.
އޭނާއަކީ ހައްޔަރުކުރެވުނީ 1970 ވަނަ އަހަރު، އޭނާގެ އުމުރުން 22 އަހަރުގައެވެ. ސިފައިންގެ އަސްކަރީ ކައުންސިލާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ސަބަބުން ގާތްގަނޑަކަށް 3 އަހަރު ދުވަހު ޖަލު ބަންދުގައި އެތައް ފަހަރަކު އަނިޔާ ކޮށްފައި ވެއެވެ.
ބްރެޒިލްގެ އަސްކަރީ ވެރިކަން ދެމި އޮތީ 1964 އިން 1985 އަށެވެ. ނެޝަނަލް ޓްރޫތް ކޮމިޝަންގެ ރިޕޯޓެއްގައިވާ ގޮތުން، އަސްކަރީ ވެރިކަމުގެ ދުވަސްވަރު 400 އަށްވުރެ ގިނަ މީހުން މަރާލެވި، އަދި ހާސްތަކެއް މީހުންނަށް އަނިޔާ ކޮށްފައި ވެއެވެ.
ރޫސެފްއަށް މީގެ ކުރިން ވެސް، ރިއޯ ޑި ޖެނެއިރޯ، ސާއޯ ޕައުލޯ، އަދި ރިއޯ ގްރާންޑެ ޑޯ ސުލް ގެ ސްޓޭޓްތަކުން ޖުމްލަ 72،000 ރިއާލްގެ ބަދަލުގެ ގޮތުގައި ލިބިވަޑައިގެންފައިވެއެވެ. އެ ސްޓޭޓްތަކުގެ ޖަލުތަކުގައި އޭނާއަށް އަނިޔާކޮށްފައި ވެއެވެ. އެފައިސާ އޭނާ ހަދިޔާ ކުރައްވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާތަކަށެވެ.






