ވައިގެ ދަތުރުފަތުރު ބަދަލުކޮށްލާ އައު އުދުހޭ ބޯޓު ޖެޓްޒީއޯ

ޖެޓްޒީރޯގެ އައު "ލިވިންގ ރޫމް އިން ދަ ސްކައި" އިން މަތިންދާބޯޓުގައި ވައިގެ ދަތުރުފަތުރު އެއްކޮށް ބަދަލުކޮށްލާނެއެވެ. ޖެޓްޒީރޯ ކުންފުނިން ތަޢާރަފުކުރި އައު ވައްތަރުގެ މަތިންދާބޯޓު، ޒެޑް4 (Z4)، އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދޭނެކަމަށް ބެލެވޭ ބޯޓެކެވެ. "ލިވިންގ ރޫމް އިން ދަ ސްކައި" ގެ ނަމުން މަޝްހޫރުވެފައިވާ މި ބޯޓަކީ ބޯޓުގެ ފިޔަގަނޑާއި ބޯޓުގެ މީހުން ދަތުރުކުރާ ބައި އެއްކޮށްގެން ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

މި އުދުހޭ ބޯޓު އެއަރބަސް އޭ380 އަށްވުރެ ފުޅާވާނެއެވެ. އަދި މި ބޯޓުގައި 200 އާއި 250 އަށް މީހުން ދަތުރުކުރެވޭނެއެވެ. މި ބޯޓުގެ ކެބިންތައް އެހެން ބޯޓުތަކަށް ވުރެން ތަނަވަސްކޮށް ފަރުމާ ކޮށްފައި ވެއެވެ. ހިނގަން އޮންނަ މަގުތައްވެސް ފުޅާވާނެއެވެ. ގޮނޑިވެއް ބޭނުން ގޮތަކަށް އަބުރާލައި ބަދަލު ކޮށްލެވޭނެއެވެ. އެގޮތަށް ގޮނޑިތައް ހުރުމުން ދަތުރުވެރިންނަށް ނުހަނު ފަސޭހަވާނެއެވެ.

މި ބޯޓުގެ އުދުހުމަށް ފަހިކޮށްދޭ، އޭރޯޑައިނަމިކް ބައްޓަމުގެ ސަބަބުން އާންމު ބޯޓުތަކާ އަޅާބަލާއިރު ތެލުގެ ޚަރަދު 50 އިންސައްތަ މަދުވާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާފައިވާ ތިމާވެށްޓާ ރައްޓެހި ތެޔޮ ބޭނުންކުރެވޭތީ، ތިމާވެށްޓަށް ގެއްލުން ނުވާ ގޮތަށް ދަތުރުކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން، އިންޖީނުތައް ހަރުކޮށްފައި ހުންނަނީ ބޯޓުގެ މަތީގައެވެ. އޭގެ ސަބަބުން، ވައިގެ ބަނދަރުތައް ކައިރީގައި ދިރިއުޅޭ މީހުން އުދަގޫވާތީ އުޅޭކަށް ނުޖެހޭނެއެވެ.

މި ބޯޓު ބޭނުން ކުރަން ފެށުމުން، މިހާރު ބޭނުންކުރަމުންދާ ރަންވޭތަކާއި ގޭޓްތަކަށް ބަދަލެއް ގެންނާކަށް ނުޖެހެނެއެވެ.

ޖެޓްޒީރޯ އުފެއްދުމަށް އެމެރިކާގެ ވާގެ ސިފައިން ވަނީ 235 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ. ނާސާގެ އެހީތެރިކަމާއެކު ޔުނައިޓެޑް، ޑެލްޓާ އަދި އެލާސްކާ އެއަރލައިންސްއިން މި މަޝްރޫޢުގައި އިންވެސްޓް ކޮށްފައިވެއެވެ.

ޖެޓްޒީރޯއިން ވަނީ 2027 ވަނަ އަހަރު މި ބޯޓުގެ ފުރަތަމަ ފްލައިޓެއް ދައްކާލުމަށް ރާވާފައެވެ. އަދި 2030 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ ބޭނުމަށް މި ބޯޓު ބޭނުންކުރަން ފެށޭނެކަމަށް ލަފާކުރެވެއެވެ.

ޖެޓްޒީރޯގެ ސީއީއޯ ޓޮމް އޯލިއަރީ ވިދާޅުވާ ގޮތުގައި ޒެޑް4 އިން ދަތުރުވެރިންނަށް ފެންވަރުގެ ތަޖުރިބާއެއް ލިބިދޭނެއެވެ.

ހިއްސާ ކުރައްވާ!