އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން އީރާނާމެދު ކަންކުރަމުން ދަނީ ސައްދާމު ހުސައިންގެ ވެރިކަމުގައި އިރާގަށް ހަމަލަ ދިނުމަށް މަގުފަހިކޮށްދިން ގޮތަށެވެ. އީރާނުން ދަނީ ނިއުކްލިއަރ މަޝްވަރާތަކުގައި އެމެރިކާއާއެކު ހަވަނަ ބުރުގެ މަޝްވަރާތަކަށް ތައްޔާރުވަމުންނެވެ.
މި ދަނޑިވަޅުގައި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ދޮގު ވާހަކަތައް ފަތުރައި އިޒްރޭލުން ހަމަލައެއް ދިނުމަށް މެދުވެރި ކުރިޔަ ނުދިނުމަށް އީރާނުން އިންޒާރު ދީފިއެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ޑެޕިއުޓީ ހެޑް ބެހްރޫޒް ކަމާލްވަންދީ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އިން އިރާނާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ، އެކަމަށް މުނާސިބު ރައްދެއް އީރާނުން ދޭނެއެވެ.
"އަޅުގަނޑުމެންގެ އެއްބާރުލުން ކުޑަކުރިނަމަ އެ އިދާރާއަށް ވާޖިބުތައް އަދާ ނުކުރެވުނީސް. އަޅުގަނޑުމެން ވާނީ ރަސްމީ ވާޖިބުތަކުން ބޭރުގައި އެއްބާރުލުން ދީފަ، އަދި އެކަން އެކަމުގެ އަގު އިދާރާއިން ވަޒަން ނުކޮށްފިނަމަ އެއްބާރުލުން ދަށްކުރާނަން،" ހޯމަ ދުވަހުގެ ރޭ އިރާނުގެ ސަރުކާރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކަމާލްވަންދީ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އައިއޭއީއޭގެ ބޯޑު އޮފް ގަވަރުނަރުންގެ ފަސް ދުވަހުގެ ބައްދަލުވުމެއް ވިއެނާގައި ބާއްވާއިރު ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅު މުއާހަދާއަށް ތެހެރާނުން "ނުކިޔަމަންތެރި" ކަން ދައްކާ ކަމަށް ތުހުމަތު ކުރުމާ ގުޅިގެންނެވެ.
އެމެރިކާގެ ތާއީދާއެކު، 2015 ވަނަ އަހަރުގެ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި ބައިވެރިވާ ޔޫރަޕްގެ ތިން ގައުމު ކަމަށްވާ ފްރާންސް، ޖަރުމަން އަދި އިނގިރޭސިވިލާތް އިން ދަނީ އީރާނާ ދެކޮޅަށް މަސައްކަތްކޮށް ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް މި ހަފްތާގައި ވިދާޅުވެފައި ވަނީ ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތުން އަޅާ މިފިޔަވަޅަކީ "އަނެއްކާވެސް ބޮޑު ސްޓްރެޓެޖިކް ގޯހެއް" ގެ އިޝާރާތެއް ކަމަށެވެ. އަރަގްޗީ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށެވެ.
އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ބުނަނީ އީރާންގެ ބައެއް ސަރަހައްދުތަކުން ނިއުކްލިއަރގެ އަސަރު ފެނިފައިވާ ކަމަށެވެ. އީރާނުން ބުނަނީ އެއީ، އެ އިދާރާއިން ގަސްތުގައި އީރާނާ ދެކޮޅަށް ހެކި އުފެއްދުމަށް އެތަކެތި ފަތުރައިގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެތަންތަން ފަސޭހައިން ހޯދައި ގަނެފައިވާތީ އެކަން ސާފު ކޮށް ޔަގީންވާ ކަމަށް އީރާނުން ބުނެއެވެ. 






