އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) އިން ކުށްވެރިކުރުމަށް ނިންމުމުން އިންޑިއާ ވަނީ އެނިންމުމާ ދުރުހެލި ވެފައެވެ. މިއީ ހަފްތާއެއްގެ ތެރޭގައި އިންޑިއާއިން އިޒްރޭލަށް ތާއިދުކުރި ދެވަނަ އިޝާރާތެވެ.
އެސްސިއޯއަކީ، 2001 ވަނަ އަހަރު އުފެދުނު ސިޔާސީ އަދި ސަލާމަތީ ކަންކަމާ ބެހޭ މަޝްވަރާތައް ކުރާ ޖަމާއަތެކެވެ. އެ ޖަމާއަތުގައި ހިމެނެނީ ޗައިނާ، ބެލަރޫސް، އިންޑިއާ، އީރާން، ކަޒަކިސްތާން، ކިރްގިސްތާން، ޕާކިސްތާން، ރަޝިޔާ، ތަޖިކިސްތާން އަދި އުޒްބެކިސްތާން އެވެ. އަދި އިންޑިއާގެ ރިއާސަތުގައި 2023 ވަނަ އަހަރު އީރާން ވަނީ އެސްސީއޯގެ މެމްބަރުކަން ދީފައެވެ.
ޗައިނާ ރިއާސަތު ބަލަހައްޓާ އެސްސީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނާއި އިޒްރޭލުގެ ހަމަނުޖެހުން އިތުރުވަމުން ދިއުމާ ގުޅިގެން އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އީރާނަށް އިޒްރޭލުން ދޭ އަސްކަރީ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. އެސްސީއޯގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އިޒްރޭލުން ހަކަތައާއި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތަށް އާންމުންގެ މަދަނީ އަމާޒުތަކާ ދެކޮޅަށް ދޭ އުދުވާނީ ހަމަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފް އަމަލުތަކެއް ކަމަށެވެ.
"އިޒްރޭލުގެ ހަމަލާތަކަކީ] އީރާނުގެ އިސްތިގުލާލަށް އަރައިގަނެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ އަމާންކަން ނަގާލައި ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް ނުރައްކާތަކެއް ކުރިމަތި ކުރުވާ ކަމެއް،" އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ކިޔަމުން ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
"އެސްސީއޯގެ މެމްބަރު ގައުމުތަކުން ވަރުގަދައަށް ވަކާލާތު ކުރަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ހާލަތު ހަމައެކަނި ސުލްހަވެރި، ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތްތަކުން ހައްލުކުރުމަށް،" ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އިޒްރޭލުން ތެހެރާނަށް ދިން ފުރަތަމަ ހަމަލާތަކަށް ފަހު އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ސުބްރަހަމަންޔަމް ޖައިޝަންކަރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ފޯނުން ވާހަކަ ދައްކަވައި ނުތަނަވަސް ވާކަމަށް ވިދާޅުވެފައެވެ.
"ނިއުކްލިއާ ސައިޓްތަކަށް ދޭ ހަމަލާތަކާ ގުޅޭ ރިޕޯޓްތައް ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހާލަތު އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުން،" އިންޑިއާއިން އެ ކޯލަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ދެ ފަރާތުން ވެސް އިލްތިމާސްކޮށްފައި ވަނީ މިހާރު އޮތް މަޝްވަރާތަކާއި ޑިޕްލޮމެސީގެ ޗެނަލްތައް ބޭނުންކޮށްގެން "ހާލަތު ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް" ކަމަށެވެ.
"އިންޑިޔާއަކީ ދެގައުމާ ވެސް ގާތް އަދި އެކުވެރި ގުޅުންތަކެއް އޮންނަ ދެގައުމެއް ކަމަށާއި ދެވެން އޮތް ހުރިހާ ތާއީދެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް" ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެސްސީއޯގެ މެމްބަރު އެހެން ގައުމުތަކާ ޚިލާފަށް އިންޑިއާއަކީ އިޒްރޭލާ އެކު ދިފާއީ ގުޅުންތަކާއި އަދި އީރާނާއެކު އިގްތިސާދީ ގުޅުންތައް ދަމަހައްޓަން ޖެހޭ ގައުމެކެވެ.
އިންޑިއާ އަކީ އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ އަދި ގަންނަ އެއް ގައުމެވެ. 2024 ވަނަ އަހަރު އިންޑިއާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން ވަނީ ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ރޮކެޓާއި ގޮވާތަކެތި ވިއްކާފައެވެ. އެވާހަކަ އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ހަމައެއާއެކު އިންޑިއާއިން އަންނަނީ މެދުތެރޭ އޭޝިޔާ އާއި އަފްޣާނިސްތާނަށް މުދާ އެކްސްޕޯޓް ކުރުމުގެ މައި ދޮރާއްޓެއްގެ ގޮތުގައި އީރާނުގެ ޗާބަހާރު ބަނދަރު ތަރައްގީ ކުރަމުންނެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހިނގާ ހަނގުރާމައިގައި އިންޑިއާއަށް ޖެހިފައި ވަނީ ނާޒުކު ހަމަހަމަކަމެއް ގެންގުޅެން މަޖުބޫރު ވެފައެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ކުށްވެރިކޮށް އެސްސީއޯ އިން ނެރުނު ބަޔާނަށް ފަހު ނިއުދިއްލީން ވަނީ އެ ބަޔާނާ ގުޅޭ މަޝްވަރާތަކުގައި ބައިވެރި ނުވާ ކަމަށް ބުނެފަ އެވެ.
"އިންޑިއާއިން ދެކޭ ގޮތް އެސްސީއޯގެ އެހެން މެމްބަރުންނަށް ވެސް އަންގާފައި ވާނީ،" އިންޑިއާގެ ރަސްމީ ނިންމުމާ ބެހޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވެ އެވެ.
އެސްސިއޯގެ ނިންމުމާ ދުރުހެލިވެ، އިންޑިއާއިން ވަނީ އެ ޖަމާއަތުގެ ނިންމުން ބަލިކަށިކޮށްލާފައެވެ.
މިއީ އިންޑިއާއިން ހަފްތާއެއްގެ ތެރޭގައި އެޅި މިފަދަ ދެވަނަ ފިޔަވަޅެވެ. އޭގެ އެއްދުވަސް ކުރިން އިންޑިއާ އިން ވަނީ ޣައްޒާގައި ވަގުތުން ޝަރުތުތަކާ ނުލައި އަދި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާ އދގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތު ބައިވެރިވި ގަރާރަށް ވޯޓު ލުމަށް ފުރަގަސްދީފައެވެ.
އިންޑިއާއަކީ އެމެރިކާ ރުއްސަން ޖެހޭ ގައުމެކެވެ. އެމެރިކާއާއެކު ވިޔަފާރީގެ މަޝްވަރާތަކުގައި އިންޑިއާއަށް ވަނީ އެއްބަސްވުމަކާ ގާތް ވެވިފައެވެ. އިންޑިއާއަކީ ދުނިޔޭގެ ދެކުނު ބިތުގެ އަޑު ކަމަށް ވަކާލާތު ކުރާ އދގެ ދާއިމީ ގޮނޑިއަކަށް ދެކުނުން އުންމީދު ކޮށް ކެމްޕޭން ކުރާ ޤައުމެކެވެ.





