އީރާނު މީހުންނަކީ ކާފަރުން ތަ؟

ދީނީ ޢިލްމުވެރިޔާ އާދަމް ޝަމީމް، ދައްކާފައިވާ ވާހަކައެއްކަމަށް އޭނާގެ ވީޑިއޯއަކާއެކު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން، ހޫނު ބަހުސްތަކެއް ފެށިއްޖެއެވެ. ޗަސްޕެއް ނެތް ރާނގަކަށް ޝަމީމު ބުނަނީ އިޒްރޭލުން ހަމަލަ ދިނުމުން "އީރާން ރައްޔިތުން މަގުމައްޗަށް ނުކުމެ ހަޅުތާލު ކުރަނީ" ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ އީރާން މީހުން ގެންގުޅޭ ދިދައިގައި "ލައްބައިކަ ޔާ ހުސައިން" ލިޔެފައި އޮންނަ ކަމަށެވެ. އަދި އިތުރަށް ބުނަނީ، މިއީ ވަރަށް ގިނަ މީހުން މުސްލިމުން ކަމަށް ހީކުރާ "އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރާ މުސްލިމުން ކަމަށް ހީކުރާ މުސްލިމު ގައުމު" ކަމަށެވެ.

އަދި ނިއުކްލިއަރ ބާރަކަށް ވުމުގެ މަގްސަދާ މެދުވެސް އޭނާއަށް އޮޅުން އަރާފައިވާކަން ދޭހަވެއެވެ.

"އެ ނިއުކްލިއަރ އިން އަޅުގަނޑުމެންނަށްވީކޮން ފައިދާއެއްތޯ؟" އޭނާ މި ވާހަކަ ބުނާ ގޮތުން ހީވަނީ ނިއުކްލިއަރ އަކީ، ކޮންމެ ދުވަހަކު ލައިގެންކާން ބޭނުން ކުރާ އެއްޗެއް ހެންނެވެ!

އާދަމް ޝަމީމުގެ ވީޑިއޯގެ ތިރީގައި ދައްކާފައިވާ ދިދައަކީ، ލައްބައިކަ ޔާހުސައިން ލިޔެފައިވާ ދިދައެއް ނޫނެވެ. އެ ދިދައަކީ، އީރާނު މީހުން ހަނގުރާމައަށް ނަގާ ބަދަލު ހިފުމުގެ ރަތް ދިދައެވެ. އޭގައި އަރަބިން ލިޔެފައި ވަނީ: یا لثارات الحسین (ހުސައިންގެފާނު އަވަހާރަކޮށްލުމުން ބަދަލު ހިފަން ބޭނުންވާ މީހުން)  މިފަދައިންނެވެ.

އާދަމް ޝަމީމްގެ މި ޕޯސްޓާ ގުޅިގެން، ގިނަ ބަޔަކު ވަނީ އޭނާގެ މަގްސަދާ މެދު ސުއާކު އުފައްދާފައެވެ.

އީރާނުގެ 92 މިލިއަން ރައްޔިތުން ކާފަރުކުރަނީ ކަމަށް ތުހުމަތުކޮށް، އާދަމް ޝަމީމް މިވާހަކަ މިމޭރުމުން ދައްކަނީ ކޮން ހައިސިއްޔަތަކުންތޯ ވެސް ބައެއް ޕޯސްޓްތަކުގައި ސުވާލުކޮށްފައި ވެއެވެ.

ދާތޯޒަކީގެ ނަމުގައި ކުރެއްވި ޕޯސްޓްގައި ވަނީ: "ދެރަކަމުގެ ކޮޅެއްނެތެވެ. އަހަރެމެން މުސްލިމްގެ60,000 އަޚުންނާއި އުޚުތުންގެ މައްޗަށް ގަތުލުއާމް ހިންގާ މަރައި ބަނޑަށް މަރަމުންދާ ޝައިތާނީ ޔަހޫދީން ގެ ކަންފަތް މަތީ އެތިފަހަރެއް ޖަހަން ކެރުނު މުސްލިމު ގައުމާ އެފަދަ ގޮތަކަށް އެ ބެހި، އެޒާތަށް ބަސް އެބުނީ ކީއްވެބާއްވައެވެ؟"

މުހައްމަދު އަޒީޒު ބުނެފައި ވަނީ: "ނގކނޑ….. މުސްލިމު ފޭރާން ލާގެން ހުރި 100 ޕަސެންޓް ޔަހޫއްޖެއް" މިހެންނެވެ.

ނޫރު ބުނެފައި ވަނީ "ތިމާމެން އެންމެ ރަނގަޅު ކަމަށް ދައުވާ ކުރާނީ އެންމެ ބޮޑު ޖާހިލުން" ކަމަށެވެ.

ނިޔާމް ނައީމް ބުނެފައި ވަނީ "ހަދާފައި ވަނީ ދޮގެއް" ކަމަށެވެ.

އަހުމަދު ނިޒާރު ބުނެފައި ވަނީ، ދެ ކަލިމަ ކިޔައި ނަމާދުކޮށް ރޯދަ ހިފާ މީހުން "ކާފަރެއް ކަމަށް ބުނާ މީހާ އެއީ ކާފަރެއް" ކަމަށެވެ.

ޝިޒްނާގެ ޕޯސްޓްގައި މުހިންމު ސުއާލުތަކެއް ކުރިމަތިކޮށްފައި ވެއެވެ. އެގޮތުން، "ލައްބައިކަ" (لبيك) މިބަހުގެ މާނައަކީ ކޮބައިތޯއާއި، ﷲ ފިޔަވައި އެހެން ފަރާތަކަށް މިބަސް ބޭނުންކޮށްގެން ގެވޭނެތޯ، ނުވަތަ ޝަހީދުން ފަދަ މަރުވެފައިވާ މީހަކަށް މިބަހުން މުޚާޠަބު ވެވޭނެތޯއާ ބެހޭގޮތުން ވަނީ ސުވާލު ކޮށްފައެވެ. އަދި "ލައްބައިކަ ޔާ ޙުސައިން" (لبيك يا حسين) މިފަދައިން ބުނެފި މީހަކު ދީނުން ބޭރުވާނެތޯއާއި، އިސްލާމީ ޝަރީޢަތުގައި މިފަދަ ބަސްތަކުގެ ޙުކުމަކީ ކޮބައިތޯއާ ބެހޭގޮތުން އޭނާ ވަނީ ސުއާލުކޮށްފައެވެ.

އަދި މިފަދަ ބަޔާންތަކަކީ ދުނިޔޭގައި ތިބި 400 މިލިޔަނަށް ވުރެ ގިނަ މުސްލިމުން ކާފަރުކުރުން ކަމަށާއި އަދި މުސްލިމަކު، އެހެން މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމުގެ ނުރައްކާތެރިކަން ހަނދާންކޮށްދީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއް ވެސް ފާހަގަ ކޮށްފައި ބިރުވެތިވާންވެސް ގޮވާލާފައި ވެއެވެ.

އީރާނަކީ ދުނިޔޭގެ އެންމެ ގަދީމީ އެއް ޙަޟާރާ އެވެ.

އީރާނަކީ އާބާދީއާއި ބިމުގެ ސަރަހައްދުގެ ގޮތުން ދުނިޔޭގެ 17 ވަނައަށް އެންމެ ބޮޑު ގައުމެވެ.

އީރާންގެ އާބާދީއަކީ 92 މިލިއަން އެވެ.

އީރާނުގެ 92 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އެގައުމުގެ ހުޅަނގު ބައިގަ އެވެ.

އީރާނަކީ ވެސް ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ވަރަށް ތަފާތު ގައުމެކެވެ.

އީރާންގެ އާބާދީގެ ގާތްގަނޑަކަށް 61 ޕަސެންޓް މީހުންނަކީ ފާރިސީން ނެވެ.

ބައިމަދު މީހުންގެ ތެރޭގައި އަޒަރުބައިޖާނު ދަރިކޮޅު (16 ޕަސެންޓް)، ކުރުދީ ދަރިކޮޅު (10 ޕަސެންޓް) އަދި ލޫރުސް ދަރިކޮޅު (6 ޕަސެންޓް)، އަރަބި ދަރިކޮޅު (2 ޕަސެންޓް)، ބަލޫޗީން (2 ޕަސެންޓް) އަދި ތުރުކީ ގްރޫޕްތައް (2 ޕަސެންޓް) ހިމެނެ އެވެ.

ހިއްސާ ކުރައްވާ!