އެެމެރިކާގެ ޓެެރަރިސްޓް ހަމަލައަށް ފަހު އީރާނަށް އޮތީ ދެ ގޮތެކެވެ.
ފުރަތަމަ ގޮތަކީ އުދަގޫ ހާލަތެކެވެ. އެއީ ޑިޕްލޮމެސީގެ މަގު އިޚުތިޔާރު ކުރުމެވެ. ނަމަވެސް އެއީ އޭގެ ނަތީޖާ އީރާނަށް އެނގި ކަށަވަރުވާ ކަމެކެވެ. އެހެންވެ، އިރާނުން މަޝްވަރާއަށް ދިޔައަސް އީރާނުން ދުލެއް ނުދޭނެއެވެ. އެެމެރިކާއާއި އިޒްރޭލުން ބޭނުން ވާނީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމު އެއްކޮށް ހުއްޓާލާށެވެ.
40 އަހަރު ވަންދެން ބުރަ މަސައްކަތުން މިހާތަނަށް އައިސް، އީރާނުން އެކަން ހުއްޓައެއް ނުލާނެއެވެ. އެހެންވެ، ޑިޕްލޮމެސީއަކީ އީރާނަށް އޮތް މަގެއް ނޫނެވެ. ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އީރާންގެ އަޒުމު މިހަރު ވާނީ ކުރިއަށް ވުރެން ބޮޑަށް ވަރުގަދަ ވެފައެވެ.
ދެވަނަ ގޮތަކީ އީރާނުން ބަދަލު ހިފުމެވެ. މިކަމަށް ޓަކައި އީރާނުން ވިސްނާނެ އެންމެ މުހިންމު ކަމަކީ ހުރުމުޒު ކަނޑު އޮޅި ބަންދު ކުރުމާ ބެހޭ ގޮތުންނެވެ. މިހާރުވެސް އީރާނުގެ މަސްއޫލުވެރިން ދަނީ އެކަމަށް ގޮވާލަމުންނެވެ. އެފަދަ ފިޔަވަޅެއް އަލައިފިނަމަ ތެލުގެ އަގު މައްޗަށް ގޮސް، މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
ހުރުމުޒު ކަނޑުއޮޅި ބަންދު ކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ އެމެރިކާއާއި އީރާނާ ކުރިމަތި ލުމެކެވެ. އޭގެ އިތުރުން ޔަމަނުގެ އަންސާރުﷲ ހޫސީން މެދުވެރިކޮށް ބާބުލްމަންދަބު ބަންދު ކުރުމަކީވެސް އީރާނުން ކޮށްފާނެ ކަމެކެވެ. ބާބުލް މަންދަބު ބަންދުކޮށްފިނަމަ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ނުރައްކާ ވާނެއެވެ.
އޭގެ އިތުރުން ބާބުލްމަންދަބަކީ، ދުނިޔޭގެ މީހުން ބޭނުން ކުރާ އިންޓަރނެޓް ގުޅައިދޭ ކަނޑު އަޑީގެ ކޭބަލްތައް ދަތުރުކުރާ މަގުވެސް މެއެވެ. އެ ކޭބަލްތަކަށް ނުރައްކާ ކުރުމަކީވެސް ހޫސީންނަށް ކުރެވިދާނެ ކަމެކެވެ. އަދި އެކަމަށް ކުރިންވެސް އިންޒާރު ދިން ކަމެކެވެ.
ބަދަލު ހިފުމަކީ އީރާނުން ކުރާނެ ކަމެކެވެ. މިހާތަނަށް ފެނިގެން ގޮސްފައި ވަނީ އީރާނުން ހަމަލަ ދިނުމަށް އަވަސްވެ ނުގަންނަ ކަމާއި އީރާންގެ ކެތްތެރި ކަމެވެ. އީރާނުން ބޮޑު ހަމަލައެއް ނުދީ ލަސްކުރާ ކޮންމެ ވަގުތަކީ ނުތަނަވަސްކަން އިތުރުކޮށްދޭ ކަމެކެވެ.
އެމެރިކާ މިއޮތީ ދުނިޔެ އައު ފައްތަރަކަށް ގެނަސް ދީފައެވެ. މިކަމުން އަދި އެމެރިކާއަށްވެސް އިޒްރޭލަކަށްވެސް މޮޅެއް ނުލިބޭނެއެވެ.






