އީރާނުން ގައުމީ އާޓިފިޝަލް އިންޓެލިޖެންސް (މަބު) ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ގައުމީ މަންހަޖުގައި ހިމަނައިފިއެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ މެދު މަދުރަސީ މަރުހަލާގައި އުޅޭ ދެ މިލިއަން ދަރިވަރުންނާއި އެއް ހާސް މުދައްރިސުންނަށެވެ.
ސައިންސާއި، ޓެކްނޮލޮޖީ އަދި ނޮލެޖު އިކޮނޮމީއާ ބެހޭ ނައިބު ރައީސްގެ އޮފީހުން ބުނި ގޮތުގައި، ދަރިވަރުން ފުރަތަމަ ފުރިހަމަ ކުރާނީ މަބުއާ ބެހޭ ތަޢާރަފު ކޯސްތަކެކެވެ. އޭގައި މަބުގެ އެހީގައި މަސައްކަތުގެ ދާއިރާތައް ގެނެވޭ ބަދަލުތައް ދިރާސާކުރުމާއި، އަމަލީ މަޝްރޫޢުތަކުގައި މަބު ބޭނުން ކުރާނެ ގޮތްތަކަށް ދަރިވަރުން ތައްޔާރު ކުރާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އިންޓަރެކްޓިވް ގޭމްތަކެއްގެ މައްޗަށް ބިނާކޮށް، އިންޓަރެކްޓިވް ޕްލެޓްފޯމެއް ގައެވެ. އަދި ބައިވެރިންނަށް ހިތްވަރުދިނުމަށްޓަކައި، މުބާރާތްތަކާއި، ސަރަޙައްދީ ވަނަތައް ދިނުމާއި، އިނާމުތައް ދިނުމަށް ރޭވިފައިވެއެވެ. އެންމެ މޮޅު ހުނަރު ދައްކާ ފަރާތްތަކަށް އިތުރު އެޑްވާންސްޑް ކޯސްތަކާއި އިންޓަރންޝިޕްތަކަށް ފުރުޞަތު ލިބޭނެއެވެ.
އީރާނުން ވަނީ މަބު އުގަންނައި ދިނުމުގެ ތަޢުލީމުން ދަރިވަރުންގެ ޑިޖިޓަލް ހުނަރު އިތުރުކޮށް، ދަރިވަރުން ކުރިމަގުގެ ވަޒީފާތަކަށް ތައްޔާރުކޮށް، ބިނާކުރަނިވި ވިސްނުން ހަރުދަނާކޮށް، އީޖާދީ ޤާބިލުކަން އިތުރު ކުރުމަށް މި ޕްރޮގްރާމުގައި ސަމާލުކަން ދީފައެވެ.
މީގެ އިތުރުން މި އިސްނެގުމުގެ މަޤްޞަދަކީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަޝްވަރާތަކަށް ހުޅުވާލައި، އާންމުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަމާޒުކޮށްގެން އަޚްލާޤީ ގޮތުން އޭއައި ތަރައްޤީކުރުމަށް މަގު ފަހިކުރުމެވެ.
ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރޭ އަޒޫލޭ، ދުނިޔޭގެ ތަޢުލީމުގެ ދުވަހު (ޖެނުއަރީ 24) ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭއައި އިން ތަޢުލީމަށް ގިނަ ފުރުޞަތުތަކެއް ފހިވާ ކަމަށާއި، ނަމަވެސް އެ ފުރުސަތުތައް އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށް ހާނަންޖެހޭ ކަމަށެވެ.
އީރާނުން ވަނީ މިދިޔަ އަހަރު އޮކްޓޯބަރު 9 ގައި ތެހެރާނުގައި ތައުލީމީ ދާއިރާގައި މަބު ބޭނުން ކުރުމާ ބެހޭ ގައުމީ ކޮންފަރެންސެއް ވެސް ބާއްވާފައެވެ.
މި ކޮންފަރެންސްގައި ބަހުސްކުރި މުހިންމު މައުޟޫއުތަކުގެ ތެރޭގައި މެޑިކަލް އެޑިއުކޭޝަންގައި އޭއައި، ކޮގްނިޓިވް ސައިންސް، ތައުލީމީ ދާއިރާގައި އޭއައި ބޭނުން ކުރުން ހިމެނެ އެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ތައުލީމީ ނިޒާމުގައި އޭއައިގެ ތަރައްގީވަމުން އަންނަ ރޯލަށް ހޭލުންތެރިކުރުވުމެވެ






