އިޒްރޭލަކީ، ޓެރަރިސްޓުން އުފެއްދި ދައުލަތެއް.

ކުރީގެ ކަންކަން ދަނެގަތުމަށްޓަކައި މާޒީގައި ކަން ހިނގާފައިވާ ގޮތް ބަލައިލަން ޖެހެއެވެ. މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ޒަޔަނިސްޓް މުސީބާތަކީ، މީގެ ކުރިންވެސް އެކަމާ މެދު ބަހުސްކޮށް މިކަން ލައިގަންނާނެ ކަމަށް ލަފާކޮށް މުފައްކިރުން އިންޒާރު ދީފައިވާ މުސީބާތެކެވެ.

އެކަން އެނގިގެން ދަނީ، 1948 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ނިއުޔޯކް ޓައިމްސްގައި ޝާއިޢު ކޮށްފައިވާ ސިޓީއަކުންނެވެ.

އެ ސިޓީއަކީ ނިއުޔޯކަށް ޒިޔާރަތް ކުރަން އުޅުނު ފަލަސްޠީނު މީހުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގުމުގައި އިސްވެ ހުރި ޓެރަރިސްޓެއް ކަމަށްވާ، ޕޯލެންޑުގެ ޒައިނިސްޓް ފިކުރުގެ މަނާހިމް ބެގިން، އެމެރިކާއަށް ކުރަން ހަމަޖެހިފައި އޮތް ދަތުރާ ދެކޮޅު ހަދައި ޝާއިއުކޮށްފައިވާ ސިޓީއެކެވެ.

ޒަޔަނިސްޓް ޓެރަރިސްޓު ބޭގިން 1973-83އަށް ޔަހޫދީންގެ ބޮޑު ވަޒީރުކަން ކުރިއެވެ.

އެ ސިޓީގައި ސޮއިކުރީ ނަން މަޝްހޫރު ޔަހޫދީން 27 މީހެކެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ނަން މަޝްހޫރު ފަރާތަކީ، ސައިންޓިސްޓް އަލްބަރޓް އައިންސްޓައިން އެވެ. އަދި އޭނާއާއެކު ސިޔާސީ މުފައްކިރެއް ކަމަށްވާ ހާނާ އަރެންޓް ފަދަ އިލްމީ ނަންވިދާ ބަޔަކު ވެސް ހިމެނުނެނެވެ.

މި ފަރާތްތަކުން ބޭނުންވީ، ޓެރަރިސްޓް ބޭގިން އެމެރިކާއަށް އެތެރެވިޔަ ނުދިނުމަށެވެ. އަދި އޭނާއަށް އިޢުތިރާޒުކުރުމުގެ އިތުރުން، އޭނާގެ ސިޔާސީ ޕާޓީއަށްވެސް ފާޑުކިޔައި އެމީހުންގެ ޖަރީމާތައް އެމެރިކާގެ ސިޔާސީ ފަންތީގެ މީހުންގެ ސަމާލުކަމަށް ގެނަސް ދިނެވެ. އެ ސިޓީގައި މި 27 ފަރާތުން ލިޔެފައިވާ ގޮތުގައި:

"1948 ގެ މެއި މަހު އިޒްރޭލުގެ ދައުލަތް އިޢުލާނުކުރުމަށްފަހު، މެނަހިމް ބެގިންގެ އޯޑަރަށް އިރުގުން ފަދަ ހުރިހާ ޓެރަރިސްޓް ގްރޫޕްތަކާއި، ޔިޓްޒަކް ޝަމީރުގެ ލެހީ ފަދަ ގްރޫޕްތައް އެއްކޮށްލައި، އަނިޔާވެރި އިޒްރޭލުގެ "ދިފާޢީ" ބާރުގެ ތެރެއަށް އެއްކޮށްލެވުނުކަން ފާހަގަ ކޮށްލަން ޖެހެއެވެ."

ޝަމީރަކީ، 1983-84 އަށް އަދި 1986-1992އަށް ޔަހޫދީންގެ ބޮޑު ވަޒީރުކަށް ޒަޔަނިސްޓް ޓެރަރިސްޓެކެވެ.

ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތައް އިޒްރޭލު ސިފައިންގެ ތެރެއަށް ވެއްދުމުން އިޒްރޭލު ސިފައިންގެ ކިބައިގައި ފެޝިޒަމްގެ ސިފަ ޖެހުނީ ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

ޒަޔަނިސްޓު ޔަހޫދުންގެ ދައުލަތް އުފެއްދުމަށް ފަލަސްޠީނު މީހުންނަށް ޓެރަރިސްޓް ހަމަލަތައް ދެމުން ދިޔަ ޔަހޫދީންނަކީ ނުލަފާ ގޭންގްތަކަށް ނިސްބަތްވި މީހުންނެވެ. މިއީ ބޮލުގައި އުކުނު އަޅާފައިވާ، މުޑުދާރު، ވަސްނުބައި އަދި ވީދިފައި ހުރި ހެދުންތަކެއް ލައިގެން ހުސް ފަޔާ ފަލަސްޠީނަށް ފޭބި މީހުންނެވެ.

މިމީހުން ނިސްބަތްވި ގޭންގްތަކަކީ، ހަގާނާ، އިރުގުން އަދި ސްޓަރން އެވެ. 1948ގައި އިޒްރޭލު އުފެދުމާއެކު އެ ގޭންގްތައް އިޒްރޭލު ސިފައިންގެ ތެރޭގައި ބައިވެރިކޮށް ކުރިން އެމީހުން ހިންގި ޖަރީމާތައް ސިފައިންގެ އޮޕަރޭޝަންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔައެވެ.

އިޒްރޭލުގެ ދައުލަތުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ދިރާސާކޮށް ލިޔާ ފަރާތްތަކުން ބުނަނީ، ޔަހޫދީންގެ ދައުލަތުގައި ޖެހިގެން ދިޔަ ސިފަތަކަކީ ނާޒީ ޖަރުމަނުގައި ފެނިގެން ދިޔަ ސިފަތަކެވެ. އަދި ޖަރުމަނަށް ޔަހޫދީންނާ އަދިވެސް ވަކި ނުވެވިގެން އުޅެނީ އެސަބަބާ ހެއްޖެވެ.

މީގެ އެތައް އަހަރުތަކެއް ކުރިން، ޖަލުގައި ހުރެ ފަލަސްޠީނުގެ މިނިވަންކަމާ ބެހޭ ގޮތުން ލިޔުނު މޮރޮކޯގެ ޔަހޫދީ ސިޔާސީ ހަރަކާތްތެރިޔާ އަބްރަހަމް ސަރްފަތީގެ މަޒުމޫނުތަކުގައި ވެސް އެކަން ފާހަގަ ކޮށްފައި ވެއެވެ.

"ޒައިނިސްޓުން ފަލަސްޠީނުގައި އާބާދުކުރުމުގެ އިސްތިޢުމާރީ މަޝްރޫޢުގެ މައި އަސާސަކީ، ޖަރުމަންވިލާތުން ފެނިގެން ދިޔަ ފެޝިސްޓް ވިސްނުމެވެ. އެ ވިސްނުމަކީ ނަސްލު ނައްތާލުމާއި އަޅުދާސްކުރުމާއި ފަލަސްޠީނު ވުޖޫދުން ފޮހެލުމުގެ ވިސްނުމެވެ."

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަންނާން އޮތް ޖީލުތައް ސަލާމަތްކޮށްދޭން ބޭނުންވި އަނިޔާވެރިކަން، ޒައިނިސްޓް އިޒްރޭލުން ވަނީ، އެމެރިކާގެ އެހީތެރިކަމާއެކު، އަލުން އައު ވިސްނުމަކުން ބައްޓަން ކޮށްދީފައެވެ.

އިޒްރޭލުގެ ފުޅާވަމުންދާ ސިޔާސަތު އެންމެ ބޮޑަށް ވައްތަރު ވަނީ ނާޒީ ވެރިކަމުގައި ޔޫރަޕާއި އެފްރިކާގައި ބިންތައް ހިފައި ހަންފެތުރުމަށް ގެންގުޅުނު ސިޔާސަތާއެވެ. އެއީ، ޖަރުމަން ބަހުން ލެބެންސްރައުމް ގެ ފަލްސަފާގެ ނަމުން ނަންދީފައިވާ ފަލަސްސަފާއެވެ. އެ ފަލްސަފާއަކީ، ޖަރުމަން މީހުންނަށް ދިރިއުޅޭނެ ޖާގަ ހޯދައި ދިނުމުގެ ވިސްނުމުގައި ބިން ހިފައި ހަންފެތުރުމުގެ ފަލްސަފާއެކެވެ.  މިވިސްނުމުގެ ދަށުން ނާޒީން ބިންތައް ފޭރިގަންނަމުން ދިޔައެވެ. އަދި ޖަރުމަން ނޫން ބައިމަދު ނަސްލުގެ މީހުން ނައްތާލުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

އިޒްރޭލުން ވެސް، ގެންގުޅެނީ ނާޒީ ޖަރުމަނުގެ އުސޫލެވެ. ބިންތައް ހިފައި، ސަރަޙައްދު ފުޅާކުރުމަށް މަސައްކަތް ކުރެއެވެ. ޔަހޫދީ ވެރިން އެކަން ސިއްރެއް ވެސް ނުކުރެއެވެ.

މިސްރާއި ސައޫދީ އަރަބިއްޔާއާއި އިރާގްގައި ބިންތައް ހިފައި "ބޮޑު އިޒްރޭލް" އެއް ޤާއިމުކުރާނެ ކަން ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫ އިއުލާން ކުރީ އދގެ މަޖިލީހުގައި އަރަބިން އަޑުއަހަން ތިބި ޖަލްސާއެއް ގައެވެ.

ލެބެންސްރައުމް "ބޮޑު ޖަރުމަނުވިލާތް" އާއި ޒަޔަނިސްޓުންގެ "ބޮޑު އިޒްރޭލް" ގެ ވިސްނުމަކީ އެއްގޮތް ވިސްނުމެކެވެ. ދެ ވިސްނުމުގައިވެސް ހައްދުފަނަހައަޅާފައިވާ ގައުމިއްޔަތާއި އަނިޔާވެރި އަސްކަރީ ހަރަކާތްތައް ހިމެނެއެވެ.

ޔަހޫދީންގެ ބޮޑު ދައުލަތެއް ގާއިމްކުރުމުގެ ވިސްނުމަކީ، ޒައެނިޒަމް ފިކުރުގެ ބަނީ ކަމަށްވާ ތިއޯޑޯ ހަރޒްލްގެ ޔައުމިއްޔާތަކުގައި ފެންނަން އޮތް ފިކުރެކެވެ. އޭނާ ވަނީ 1895 އިން 1904 އަށް ލިޔެފައިވާ ޔައުމިއްޔާތަކުގައި އެކަން ރެކޯޑުކޮށް ދީފައެވެ. ހަރޒަލް ލިޔެފައި ވަނީ، "މިޞްރުގެ ނީލަ ކޯރުން ފެށިގެން ޢިރާޤުގެ ފުރާތު ކޯރާ ހަމައަށް" ދެމިގެންދާ ބިމެއްގައި އިޒްރޭލު ގާއިމްވެފައި އޮންނާނެ ކަމަށެވެ.

އެ މަގްސަދު ހާސިލު ކުރުމަށް އިޒްރޭލުން ދަނީ އެބީދައިން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އިން ވަކި ކޮށްފައި ނުވާ ހަމައެކަނި ދައުލަތީ އިޒްރޭލެވެ. އިޒްރޭލުގެ ސަރަހައްދަކީ އިޒްރޭލުން އެވަގުތަކު ހިފައިގެން ބާރު ހިންގާ ހުރިހައި ބިމެކެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ހިފާފައިވާ ޤުދުސްއާއި ޖައުލާންގެ އުސް ބިންތަކާއި ޖަލީލް ސަރަހައްދާއި ދެކުނު ލުބުނާންގެ ޝީބާ ދަނޑުތަކަކީ އިޒްރޭލުން ހިފާފައިވާ އިޒްރޭލުގެ ވެރިކަމުގެ ދަށުގައި ގެންގުޅޭ ބިންތަކެވެ.

އިޒްރޭލުގެ ދައުވާއަކީ، މިސްރުގެ ސީނާއިން ސައުދީ އަރަބިއްޔާގެ ޚައިބަރާއި މަދީނާއާ ހަމައަށް އަދި ފަލަސްޠީނާއި ލުބުނާންގެ އިތުރުން ސޫރިޔާއިން ބަޔަކާއި ޖޯޑަންއާއި އިރާގްގެ ސަރަހައްދާއި ތުރުކީގެ ބައެއް އިޒްރޭލުގެ ސަރަހައްދުގައި ހިމެނުމެވެ. މިއިން އިސްތިސްނާ ވަނީ ކުވެއިތާއި އަރަބި ގަލްފްގެ ގައުމުތަކެވެ.

ވޭތުވެދިޔަ 21 މަސްދުވަހުގެ ތެރޭގައި، އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ސޮލީބީންނާއި އެމެރިކާއިން ވަނީ "އައު މެދުއިރުމަތި" އުފެއްދުމުގެ މަޤްޞަދުގައި ނަސްލު ނައްތާލުމުގެ މިކެމްޕޭނަށް ވާގިވެރި ވެފައެވެ.

އެކަން ފެށިގެން އައީ ޔަހުޔާ ސިންވާރު ފަލަސްޠީނުގެ މިނިވަންކަމަށް ފެށި، އަޤްޞާ ޠޫފާނާ ހަމައަކުންނެއް ނޫނެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ 22 ވަނަ ދުވަހު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހުގެ ކުރިމަތީގައި ހުރެ، "އައު މެދުއިރުމަތި" މި ނަމުގައި ކުރަހާފައިވާ ޗާޓެއް ދައްކާލިއެވެ. އަދި އިޒްރޭލާއި ޢަރަބި ޤައުމުތަކާ ދެމެދުގެ ގުޅުން އާދައިގެ ހާލަތަކަށް އައިސްފައިވާކަން ފާހަގަކުރިއެވެ. އަރަބިންގެ ދެކޮޅު ހެދުމަކާ ނުލައި ނަތަންޔާހޫ ހުށަހެޅީ ފަލަސްޠީނު ފޮހެލައި، "ބޮޑު އިޒްރޭލް" އެއް އުފެއްދުމަށް މަގުފަހިވާ ޒަޔަނިސްޓް ތަޞައްވުރެކެވެ.

އަރަބިންނަކީ، އެމެރިކާގެ ފަލަކުގައި ބަސް އަހައިގެން އެނބުރޭ ޚުދުމުޚުތާރު ބަލިކަށި ނިޒާމުތަކެއް ކަމުން އިޒްރޭލަށް އަރަބި ރަސްރަސްކަލުންގެ ވަފާތެރިކަން ޔަގީން ކުރެވެއެވެ. އިޒްރޭލަށް މުހިންމުވާ އެނޫން އެހެން އަރަބި ގައުމުތަކަކީ އެމެރިކާއިން އަހަރުން އަހަރަށްދޭ އެތިކޮޅުން ބަޖެޓު ހަމަޖައްސާ ކޮރަޕްޓް ސަރުކާރުތަކެވެ.

ދާދި ފަހަކާ ޖެހެންދެން ޢަރަބި ދުނިޔޭގައި ނަގާކިޔާ އުޅުނު ގައުމު، މިސްރު މިހާރު ވަނީ ޚުދުމުޚުތާރު ވެރިކަމެއްގެ ދަށުވެ، ބަލިކަށިވެ ފައެވެ. ގައުމު ހިންގަނީ، އެމެރިކާއިން އަހަރަކަށް ލިބޭ 1.3 ބިލިއަން ޑޮލަރުގެ އެހީގެ މައްޗަށް ބަރޯސާވެގެންނެވެ.

ޖޯޑަންއަކީ އިނގިރޭސިން އުފައްދާފައިވާ މަސްނުއީ ގައުމެކެވެ. އެ ގައުމުގެ 75 އަހަރުގެ ތާރީޚުގައި އަބަދުވެސް އުޅެފައި ވަނީ އެމެރިކާގެ ފަހަތުން ބަސް އަހައިގެންނެވެ. އަހަރަކު ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ އެމެރިކާގެ އެހީގެ މައްޗަށް ބަރޯސާވެއެވެ.

ތުރުކީއަކީ އަޑުގަދަ ސުންނީ ގައުމެކެވެ. ނަމަވެސް ކިތަންމެ ވަރަކަށް އަޑުގަދަ ކުރި ނަމަވެސް ތުރުކީ ނޯޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ހައި ހިނދަކު ހުޅަނގުގެ އަމުރު މައުރޫފުން ވަކިވެގެން އަމިއްލައަށް ކަމެއް ކުރުމަށް ފުރުސަތެއް ނޯންނާނެއެވެ.

އެހެންވެ، ސަރަހައްދުގައި އިޒްރޭލަށް މުހިންމުވާ ހުރިހައި ގައުމަކަށް ވަނީ ސައިކިޔާފައެވެ! މި ނުފޫޒުން ބޭރުގައި ތިބި ބަޔަކީ، އީރާނާއި ޔަމަނެވެ.

ހިއްސާ ކުރައްވާ!