ތައިވާނަށް ބިރު ދައްކަން މަނަވަރެއް ދުއްވައިފި

އެއްގަމަށް ސިފައިންނާއި ޓޭންކުފަދަ އަސްކަރީ އުޅަނދުތައް ބޭލުމަށް ފަރުމާކޮށްފައިވާ މަނަވަރު ޓައިޕް 072އޭ ޓައިވާން ކައިރިން ފެނިއްޖެއެވެ. އެ މަނަވަރަކީ، އޭގައި 10 ޓޭންކާއި 250 ސިފައިން އުފުލޭނެ ކަމަށް ބެލެވެއެވެ. މި މަނަވަރު ޓައިވާންގެ އައްސޭރިފަށާ ކައިރީގައި ބާއްވައިފިނަމަ އެއިން ޓައިވާނަށް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށް ޓައިވާން ސިފައިން ބުނެއެވެ.

ޓައިވާންގެ ސިފައިން ދަނީ ކަނޑާއި، ވައި، އަދި ބިންމަތީ އެސެޓްތައް ބޭނުންކޮށްގެން ޗައިނާގެ މަނަވަރުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުން ނެވެ.

މި ފިޔަވަޅަކީ ޗައިނާއިން ޓައިވާންގެ ކަނޑުއޮޅީގައި ދޭތެރެ ދޭތެރޭން ކުރިއަށް ގެންދާ ޓައިވާންގެ ދިފައީ ހާލަތު ޓެސްޓް ކުރުމުގެ ޑްރިލްތަކުން ބައެއް ކަމަށް ބެލެވެއެވެ. ފަހަކަށް އައިސް މެދުނުކެނޑި ޗައިނާއިން ދެކުނު ޗައިނާ ކަނޑާއި އުތުރު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތައް ބާއްވައެވެ.

މި މަނަވަރު ފެނިފައި ވަނީ ޓައިވާނުން ބާއްވަން އުޅޭ އަހަރީ ބޮޑު އަސްކަރީ ތަމްރީނުގެ ކުރިން ޓައިވާންގެ ކީލަންގްގެ އިރުއުތުރުން 60 ނޯޓިކަލް މޭލު ދުރުންނެވެ.

ޓައިވާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އިން ވަނީ މިމަނަވަރު ފެނިފައިވާކަން ކަށަވަރުކޮށްދީ، މަނަވަރު ޓައިވާން ސިފައިންގެ މުހިއްމު މަރުކަޒަކާއި އަދި ޓައިޕޭ ކައިން މާކަނޑަށް ނިކުންނަ ކަނޑުއޮޅިއާ ކައިރިކަން ފެނިފައިވާ ކަމަށް ބުނެފަ އެވެ.

މިމަނަވަރު ވަނީ އުތުރު ޓައިވާނާ އާދަޔާ ހިލާފަށް ކައިރިން ދަތުރުކޮށްފައެވެ. އަދި މިއިން ދައްކައި ދެނީ ޗައިނާއިން ބިރަކާ ނުލައި މި ސަރަހައްދުގައި ދަތުރު ކޮށް މަނަވަރުތައް ގެންގުޅޭނެ ކަމެވެ.

ޓައިވާންގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޗިއު ޗުން ޖަންގް ވިދާޅުވީ އެ މަނަވަރު އޮތް ސަރަހައްދު ޓައިވާނާ ގާތްކަމުން ޓައިވާންގެ މުހިންމު އަސްކަރީ އިންފްރާސްޓްރަކްޗާއަށް އެއިން ނުރައްކާވެދާނެ ކަމަށް ބަލައި އެކަމުގެ ސަބަބުން ޗައިނާގެ މަނަވަރުތަކަށް ފާރަވެރިވުން އިތުރު ކޮށްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!