ތުރުކީގެ އިސްތަންބޫލް އެއާޕޯޓުގައި ސޫދާނުގެ ފަސިންޖަރަކު ތާށިވެފައި ހުންނަތާ 41 ދުވަސް ވެއްޖެއެވެ. މިމީހާއަށް އެނބުރި ގައުމަށް ދެވޭނެ ގޮތެއްވެސް ނެތެވެ. އަދި ތުރުކީއަށް އެތެރެ ވެވޭނެ ގޮތެއްވެސް ނެތެވެ.
ސޫދާން މީހާ އިސްތަންބޫލު އެއާޕޯޓުގައި ދިރިއުޅެނީ މެއި މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހާ އިސްތަންބޫލް އެއާޕޯޓްގައި ތާށިވެފައިވަނީ ތުރުކީއަށް ވަނުމަށް ވިސާ ނެތިގެންނެވެ. އަދި އެނބުރި ގައުމަށް ދިއުމަށް ޓިކެޓެއް ގަތުމަށް ފައިސާވެސް އޭނާގެ އަތުގައި ނެތް ކަމަށް ވެއެވެ.
ތުރުކީ މީޑިއާއިން ބުނިގޮތުގައި މި މީހާ ދަތުރުކުރީ ސޫދާނުގެ ޚަރްޠޫމުން ފުރައިގެން އިސްތަންބޫލް މަގުން ސީރިއާގެ ދިމިޝްގަށެވެ. ނަމަވެސް ސީރިއާއަށް ދާ ފްލައިޓްތައް ކެންސަލްވުމުން ދަތުރު ފުރިހަމަ ނުކުރެވި، އޭނާ އެއާޕޯޓްގެ ޓްރާންސިޓް އޭރިއާގައި މަޑުކުރަން މަޖުބޫރުވީ އެވެ.
މި މައްސަލަ ބޮޑުވީ ތުރުކީގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ޓްރާންސިޓް ފަސިންޖަރެއްގެ ގޮތުގައި އޭނާ ގިންތިކޮށް އެތެރެ ވުމަށް ހުއްދަ ނުދިނުމުންނެވެ. އަދި އޭނާ ގެނައި އެއާލައިނުންވެސް އަނބުރައި އޭނާ ގެންދިއުމަށްވެސް ދެކޮޅު ހެދުމުންނެވެ.
ތުރުކީގެ މަސްއޫލު ފަރާތްތަކުން ވަނީ މިވާހަކަ މީޑިއާއަށް ތިލަވުމުން މިމީހާގެ މައްސަލަ ބަލައި ހައްލެއް ހޯދައިދޭން މަސައްކަތް ކުރާކަމަށް ބުނެފައެވެ.




