އެމެރިކާއިން އަވަސް އަރުވާލައިގެން އީރާނަށް އަމާންދިނީ ކީއްވެގެންކަން ސާފުވެއްޖެ

އީރާނަށް އެމެރިކާއިން ދިން އުދުވާނީ ހަމަލާއަށް ފަހު ބަދަލު ހިފުމުގެ ގޮތުން އީރާނުން ޙަމަލަ ދިނީ ޤަތަރުގައި އެމެރިކާއިން ހަދާފައިވާ އަލްއުދައިދު އަސްކަރީ މަރުކަޒށެވެ. މިއީ އެމެރިކާއިން ބޭރުގައި ހުރި އެންމެ ބޮޑު މަރުކަޒެވެ.

އެމެރިކާއިން އިން ބުނީ އީރާނުގެ ހަމަލައިން މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އެއީ ތެދެކެވެ. ބޯޓުތަކެއް ހަލާކެއް ނުވެއެވެ. ނަމަވެސް އީރާނުން ހަމަލަ އަމާޒު ކުރީ އެ ސަރަހައްދުގައި އެމެރިކާއިން އޮޕަރޭޓް ކުރާއިރު ބޭނުން ކުރާ މައި ސިކުނޑިއަށެވެ.

އަލްއުދައިދަށް އީރާނުން ދިން ހަމަލަ ދިރާސާކޮށް، ރިޕޯޓެއް ނެރެފައި ވަނީ އެސޯސިއޭޓެޑް ޕްރެސްއިންނެވެ. އެ އެޖެންސީންވެސް ބަލަން ބޭނުންވީ އެމެރިކާއިން އެހާ އަވަހަށް ހަތިޔާރު ބަހައްޓައި އަމާންދިން ސަބަބާ ބެހޭ ގޮތުންނެވެ.

އީރާނުގެ ބެލިސްޓިކް މިސައިލްގެ ހަމަލާގެ ފޮޓޯތައް އެސޯސިއޭޓެޑް ޕްރެސްއިން ދިރާސާކޮށްފައި ވެއެވެ.

ޖޫން 23 ވަނަ ދުވަހު އިރާނުން ދިން މިކާމިޔާބު ހަމަލާ އަމާޒުކޮށްފައި ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ މުވާސަލާތަށް ބޭނުން ކުރާ އެންމެ މައި މަރުކަޒަށެވެ. އެއީ އެމެރިކާގެ ވައިގެ ސިފައިންގެ 379 ވަނަ އެއާ އެކްސްޕެޑިޝަނަރީ ވިންގުން ރައްކާތެރި މުވާސަލާތަށް ބޭނުންކުރާ މަރުކަޒެކެވެ. އެ މަރުކަޒަކީ، 15 މިލިއަން ޑޮލަރުގެ ޒަމާނީ ސާމާނުތައް ރައްކާކޮށްފައިވާ ޚާއްސަ އިމާރާތެއް ކަމަށް އެމެރިކާގެ ސިފާއީ ވުޒާރާގެ ތަރުޖަމާނު ޝޯން ޕާނެލް ބުނެފައި ވެއެވެ.

އީރާނުން އެމެރިކާއާ ދެކޮޅަށް ހަމަލަ ދިނީ، އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް އެމެރިކާއިން ވައިގެ އުދުވާނީ ހަމަލަތަކެއް ދިނުމުންނެވެ.

މި މުވާސަލާތީ މަރުކަޒަށް ހަމަލަ ދީފައި ވަނީ އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތުގެ މަޖިލީހުން ފާސްކޮށްގެންނެވެ. އީރާނުން ދިން ހަމަލައާއެކު މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކާއި ބޯޓުތަކާއި ސިފައިންގެ މުވާސަލާތުގެ މައި ވަސީލަތް ޚިދުމަތުން ބޭރުވިއެވެ.

ޕްލެނެޓް ލެބްސް އިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ޖޫން 23 ވަނަ ދުވަހުގެ ހެނދުނު މުވާސަލާތީ މަރުކަޒުގެ މައި ގުއްބަށް  އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޖޫން 25 ވަނަ ދުވަހު ގުއްބު ވަނީ ތަޅާލާއި އިމާރާތް ހަލާކުކޮށްލާފައެވެ.

އެމެރިކާ ގިއްގަޅުވާލެވުނު ހަމަލައަށް ފަހު ބުނެފައި ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ކަމަށެވެ. އެމެރިކާއިން އެހެން ބުނިއިރު އެތާގެ ހުރިހައި އިލެކްޓްރޯނިކް އާލާތެއް ހުރީ ފިހެވިފައެވެ.

އަނގައިން ދެރަނުވާ ފޮނި ޓްރަމްޕް ވެސް ބުނެފައި ވަނީ އީރާނުން ދިނީ ވަރަށް ވަޅޯ ރައްދެއް ކަމަށެވެ! އަދި އީރާނުން 14 މިސައިލް ފޮނުވާލިއިރު، އޭގެ ތެރެއިން 13 މިސައިލަށް ހުރަސް އެޅިކަމަށް ޓްރަމްޕް ބުންޏެވެ. އެ އެންމެ މިސައިލަކީ، އެމެރިކާއަށް އަމާން ދިނުމަށް މަޖުބޫރު ކުރުވި މިސައިލެވެ.

އީރާނުން ހަމަލަ ދިނީ އަލްއުދައިދަށް އަމާޒު ކުރާނެ ކަން އެމެރިކާއަށް އެންގުމަށްފަހުއެވެ. ނަމވެސް ހަމަލަ އަމާޒު ކުރާނީ އަލްއުދައިދުގެ ކޮންތާކަށް ކަމެއް އީރާނުން ނުބުނެއެވެ. އީރާނުން ދިން ހަމަލައިން އެމެރިކާ ސިއްސުވާލިއެވެ.

ހިއްސާ ކުރައްވާ!