ނޫސްވެރިޔާ ޓަކަރ ކާލްސަން ބުނަނީ ކަސްބީ ދައްލާލު އެޕްސްޓެއިން އުޅުނީ އިޒްރޭލަށް ޖާސޫސްކޮށްދޭން ކަމަށް

އެމެރިކާގެ ރައީސުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ކަސްބީންނާއި އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައި ދޭން އުޅުނު ދައްލާލް ޖެފްރީ އެޕްސްޓެއިން މަސައްކަތް ކުރީ އިޒްރޭލުގެ ސަރުކާރަށާއި ޔަހޫދީންގެ ޖާސޫސީ އިދާރާއަށް ކަމަށް ޓަކަރ ކާލްސަން ބުނެފިއެވެ. ޓަކަރ ކާލްސަން އަކީ ޓްރަމްޕަށް ސަޕޯޓު ކުރާ ފޮކްސް ޓީވީގައި ހުރިން ޕްރޮގްރާމު ގެނަސްދިން މީހެކެވެ.

ފްލޮރިޑާގެ ޓަމްޕާގައި ބޭއްވި ޓާނިން ޕޮއިންޓް ޔޫއެސްއޭ ސަމިޓެއްގައި ވާހަކަ ދައްކަމުން ކާލްސަން ބުނީ އެމެރިކާގެ ސަރުކާރު ހިންގާ މައި މަރުކަޒުކަމަށްވާ ވޮޝިންޓަނުގެ ކޮންމެ މީހަކުވެސް ގަބޫލު ކުރަނީ ދައްލާލް އެޕްސްޓެއިން އަކީ އިޒްރޭލުގެ ޖާސޫސީ އެޖެންޓެއް ކަމަށެވެ. އެޕްސްޓެއިން އަކީ ޓްރަމްޕަށްވެސް ޚިދުމަތް ދިން މީހެކެވެ.

"އެނޫން ގޮތަކަށް ވިސްނާ މީހަކާ އަހަރެންނާ ބައްދަލުވެފައެއް ނުވޭ. މީހުންނަށް އެވާހަކަ ފާޅުގައި ދައްކަން ނުކެރޭ" ކާލްސަން ކިޔައި ދިނެވެ.

އިޒްރޭލުގެ މޮސާޑް ޖާސޫސީ އިދާރާއަކީ ދެކޮޅުވެރިން ނައްތާލުމަށް މަޝްހޫރު އިދާރާއެކެވެ. އެމެރިކާގައި އަދިވެސް ބަޔަކު މީހުން ޔަގީން ކުރާ ގޮތުގައި ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީވެސް މޮސާޑުންނެވެ. އަދި މުސްލިމުންގެ ބޮލުގައި ބަދުނާމު އަޅުވައި 11 ސެޕްޓެމްބަރުގައި އެމެރިކާގެ ދެ ޓަވަރު ގޮއްވާލީވެސް މޮސާޑުން އަޑީގައި އޮވެގެން ކަމަށް މީހުން ގަބޫލު ކުރެއެވެ.

ކާލްސަން ބެލުންތެރިންނާ ވާހަކަ ދައްކަމުން ބުނީ އެޕްސްޓެއިންގެ ޖަޒީރާއަށް އެމެރިކާ ރައީސުންނާއި ކަމު ވޮށިގެންވާ މީހުންނާއި އިސް ވިޔަފާރިވެރިން ގެންގޮސްގެން އަންހެނުން ހޯދައިދީ ވީޑިއޯކޮށް ހިންގީ "ބްލެކްމެއިލް ކުރުމުގެ އޮޕަރޭޝަނެއް" ކަމަށެވެ. އަދި އެޕްސްޓެއިން އުޅުނު މުއްސަނދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޝާރާތްކޮށް ކާލްސަން ބުނީ އޭނާއަށް އެފައިސާތައް ލިބެމުން ދިޔައީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ ރައީސް ޓްރަމްޕް ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންނަކީ އެޕްސްޓެއިންގެ ކަސްޓަމަރުންގެ ތެރޭގައި ހިމެނުނު މީހުންނެވެ.

ޓްރަމްޕް ސަރުކާރުގެ ކޮމާސް މިނިސްޓަރަކީ އެޕްސްޓެއިންގެ ރޯ ހައުސްއާ ޖެހިގެން ހުރި ގޭގައި ދިރިއުޅެމުން ދިޔަ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ.

ޖަލުގައި 2019ވަނަ އަހަރު ގޮތް ނޭނގޭ ގޮތަކަށް ދަންޖައްސައިގެން މަރާލާފައިވާ އެޕްސްޓެއިންގެ ވާހަކަ މިހާރު އަލުން ތިލަވެފައި ވަނީ އެމެރިކާ ރައީސާއި ސަރުކާރުގެ އިދާރާތަކުން އެޕްސްޓެއިންގެ މައްސަލަ މަތިޖަހަން މަސައްކަތް ކުރުމުންނެވެ. އެމެރިކާގެ ސިފާއީ ވުޒާރާއިން ބުނަނީ އެޕްސްޓެއިން އަންހެނުން ހޯދައިދިން މީހުންގެ ލިސްޓެއް ފެންނާން ނެތް ކަމަށެވެ. އެޕްސްޓެއިން ވަނީ ފޮތެއްގައި ނޯޓުކޮށްގެން އޭނާ އަންހެނުން ހޯދައިދިން ހުރިހައި ރައީސުންނާއި ކަމުވޮށިގެންވާ މީހުން ލިސްޓުކޮށްފައެވެ. އެޕްސްޓެއިންގެ ޝަރީއަތުގައިވެސް އެ ނޯޓު ފޮތް ސިފަކޮށްފައި ވަނީ އެޕްސްޓެއިންގެ ކަޅު ފޮތުގެ ގޮތުގައެވެ.

އެ ފޮތުގައި ފުރަތަމަ ސަފްހާގައި ލިޔެފައިވާ އެއް ނަމަކީ، އިޒްރޭލުގެ ދިފާއުގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރި ޔަހޫދީ ވަކީލު އަލަން ޑަޝޮވިޗް އެވެ. އޭނާއަކީ އެޕްސްޓެއިންގެ ދިފާއީ ވަކީލުވެސް މެއެވެ.

އެޕްސްޓެއިން ޖަލުގައި ދަންޖައްސައިގެން މަރާލުމަށްފަހު އޭނާގެ ފަހު ވަގުތުގެ ވީޑިއޯކަމަށް ބުނާ ވީޑިއޯގައި ބައެއް މިނިޓްތައް ޑިލީޓްކޮށްފައިވާ ކަމަށްވެސް ވެއެވެ. ކާލްސަން ވަނީ އެވާހަކަވެސް ދައްކާފައެވެ.

ކާލްސަން ގޮވާލީ ދައްލާލް އެޕްސްޓައިންގެ ރައްޓެހިންނާއި ކަސްޓަމަރުންގެ ތަހުގީގެއް ފާޅުކަން ބޮޑު ގޮތެއްގައި އަލުން ކުރުމަށެވެ.

ހިއްސާ ކުރައްވާ!