އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އދން އީރާންގެ ނިއުކްލިއަރ ޕްރޮގްރާމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެހިސާބުން ޔޫރަޕްގެ ގައުމުތަކާއެކު ނިއުކްލިއަރގެ ރޮނގުން ކުރާ މަޝްވަރާތައް ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ.
2015 ވަނަ އަހަރު އެކުލަވާލި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ މާއްދާއެއްގައި ބުނެފައި ވަނީ ތެހެރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ޖަހަން ޖެހޭނެ ކަމަށެވެ. މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އެމެރިކާއިން ޚިލާފް ވުމުން އީރާނުން ވަނީ އެއަށް އަމަކުރުން ހުއްޓާލާފައެވެ.
އަރާގްޗީ ވިދާޅުވީ، އެމެރިކާއާއެކި ނިއުކްލިއަރ މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާއިން ދީފާނެ ދޯކާއަކަށް އީރާނުން ފާރަވެރިވާނެ ކަމަށެވެ. އެގޮތުން
ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން އެމެރިކާގެ މުނާފިގުކަމުން ސަލާމަތް ވުމަށް މަޝްވަރާތަކުގެ ތަފްސީލުތައް ތެހެރާނުން މުރާޖައާ ކުރަމުންދާ ނެއެވެ.
"އަޅުގަނޑުމެން މި ބަލަނީ އެ މަޝްވަރާގެ ވަގުތާއި، ބާއްވާ ތަނާއި، މަޝްވަރާ ބާއްވާ ގޮތް، އަދި އޭގައި ހިމެނޭ ކަންކަމާއި އެ މަޝްވަރާއަށް ދިއުމުގެ ކުރިން ހޯދަން ޖެހޭ ޔަގީންކަން" އަރާގްޗީ ވިދާޅުވިއެވެ.
އަރަގްޗީ ވިދާޅުވީ ނިއުކްލިއަރ އާ ބެހޭ ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ވެސް އީރާނުން ފޯކަސް ކުރާނީ ހަމައެކަނި އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަށެވެ. އީރާނުގެ އަސްކަރީ ގާބިލްކަން ހޯދުމާ ބެހޭ ވާހަކައަކީ މަޝްވަރާގެ ބަޔަކަށް ނުވާނެ ކަމަށެވެ.
"މަޝްވަރާތައް ބާއްވައިފިނަމަ… މަޝްވަރާގެ މައުޟޫއަކަށް ވާނީ ހަމައެކަނި ނިއުކްލިއާ އާ ބެހޭ ވާހަކަތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ވާހަކަ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިތުބާރު އުފެއްދުމަށް އެކަނި ވާހަކަ ދެއްކުން އޮންނާނީ،" ތެހެރާނުގައި ތިބި ޑިޕްލޮމެޓުންނާ ވާހަކަ ދައްކަވަމުން އަރަގްޗީ ވިދާޅުވި އެވެ. "އެނޫން އެހެން އެއްވެސް މައްސަލައެއްގެ މަޝްވަރާއަކަށް ޖާގަ ނުދެވޭ" އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިޒްރޭލުގެ އުދުވާނަށް ފަހު އީރާނުން މިހާރު ވަނީ ކުރިއަށް ވުރެން ހަރުދަނާ ކަމާއެކު ސާބިތުކަން ދައްކަން ފަށާފައެވެ. މެދުއިރުމަތީގައި އީރާނަކީ މިހާރު ބޮޑު ބާރެކެވެ.




