އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަލުން ހަމަލަ ދިނުމަށް އަމުރުކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ ހޯމަ ދުވަހު، ސްކޮޓްލޭންޑްގެ ހުޅަނގުގައި ހުންނަ ޓާންބަރީ ގޮލްފް ރިޒޯޓުގައި އިނގިރޭސި ބޮޑުވަޒީރު ކެއަރ ސްޓާރމަރއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިންޒާރަކީ މިދިޔަ މަހު އެމެރިކާއިން އީރާނަށް ބޮން އަޅައި ހަލާކުކޮށްލި ނިއުކްލިއަރ މަރުކަޒުތައް އަލުން ހިންގަން މަސައްކަތްކޮށްފިނަމަ އެކަން ހުއްޓުވުމަށް ޓްރަމްޕް ދެއްވާ އިންޒާރެކެވެ.
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތައް އީރާނުން ދޮގު ކުރެވެއެވެ. އީރާނުން ވަނީ އެމެރިކާއިން ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލަ ދީފައިވީނަމަވެސް، ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ އީރާނުގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ބޮން އަޅައި ހަލާކުކޮށްލާފައެވެ.
ރައީސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނުން ދަނީ "ނުރަނގަޅު ސިގުނަލްތަކެއް" ފޮނުވަމުން ކަމަށެވެ. އަދި އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް އަލުން ފަށަން މަސައްކަތްކޮށްފިނަމަ، ވަގުތުން އެކަން ނައްތާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން އީރާންގެ ނިއުކްލިއަރ ކުލަދާނަކަން ނައްތާލައިފިން. އެމީހުން އަލުން ޕްރޮގްރާމް ފަށައިފާނެ، ނަމަވެސް އެކަން ކޮށްފިނަމަ، ހީކުރާ ވަރަށްވުރެ އަވަހަށް އަޅުގަނޑުމެން އެތަންތަން ނައްތާލާނަން" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.





