އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއެކު މުޢާމަލާތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓުވުމަށް މަޝްވަރާ ކުރެއްވުމަށް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންފުޅުވާ ކަމަށް ވައިޓްހައުސްގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އުތުރު ކޮރެއާގެ ރަސްމީ ފަރާތްތަކުން ބުނެފައިވަނީ އެ ޤައުމުގެ ނިއުކްލިއަރ ބާރުވެރި ހާލަތަށް އިންކާރު ކުރެވޭ އެއްވެސް މަސައްކަތެއް އެ ޤައުމުން ބަލައިނުގަންނާނެ ކަމަށެވެ.
ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ވެސް ބުނެފައި ވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒު ގަދަ ދައްތަ ކިމް ޔޯ ޖޮންގް، އޭނާގެ ކޮއްކޮގެ ފަރާތުން ވާހަކަދައްކަމުން ވިދާޅުވެފައި ވަނީ ކިމްއާއި އެމެރިކާގެ ރައީސްގެ ޒާތީ ގުޅުން ގޯސްކަމަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ނިއުކްލިއަރ އާ ބެހޭ ގޮތުން ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވާނަމަ އެއީ މަލާމާތެއް ކަމަށް ބެލެވޭކަމަށް ވިދާޅުވެއެވެ. އިތުރަށް އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސްގެ ފުރަތަމަ ދައުރުގައި ކިމް އާއި ޓްރަމްޕް ތިން ފަހަރު މަޝްވަރާކުރެއްވި ކަމަށާއި އޭގެ ފަހުން އުތުރު ކޮރެއާގެ ނިއުކްލިއަރ ކުޅަދާނަކަމާއި ދުނިޔޭގެ މަސްރަހު ވަނީ އެއްކޮށް ބަދަލުވެފައި ކަމަށެވެ. އަދި ނިއުކްލިއަރއާ ބެހޭ މަޝްވަރާއަށް ބައްދަލު ވުމެއް ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.





