ޓައިވާންގެ ރައީސް ނިއުޔޯކުގައި މަޑުކުރެއްވުމަށް އެމެރިކާއިން ހުއްދަ ނުދިން

ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ، ލެޓިން އެމެރިކާގައި ތައިވާނަށް ތާއީދު ކުރާ ގައުމުތަކަށް ކުރައްވަން ނިންމެވި ދަތުރުފުޅު ލަސް ކުރައްވައިފިއެވެ. ބައިނަލްއަޤްވާމީ ތާއީދު ހޯދުމަށް ޓައިވާން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލެޓިން އެމެރިކާއަށް ޓައިވާން ރައީސް ކުރައްވަން އުޅުއްވި ދަތުރުފުޅު ހުއްޓުވައި ލެއްވީ އެމެރިކާއަށް އެތެރެ ވުމަށް ހުއްދަ ނުދިނުމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޓައިވާނަށް ދިމާވާން އުޅޭ މޫސުމީ ކާރިސާގެ ސަބަބުން ދަތުރު ލަސް ކުރެއްވީ ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ރައީސް ލައި ނިއުޔޯކުގައި މަޑުކުރެއްވުމަށް ހުއްދަ ނުދޭނެކަމަށް ފައެވެ. މީޑިއާއިން ބުނެފައި ވަނީ އެމެރިކާއިން "ޓައިޕޭއަށް އަންގާފައ ވަނީ ޓްރާންސިޓް އަލުން އެހެން ތަނަކަށް ހަމަޖެއްސެވުމަށާއި އެތަނަކީ ނިއުޔޯކު ނޫން ތަނެއް ކަމަށް ހަމަޖެއްސުމަށް" ކަމަށެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލައި އަށް ނިއުޔޯކުގައި މަޑުކުރެއްވުމުގެ ހުއްދަ އެމެރިކާއިން ދީފައި ނުވަނީ ޗައިނާއިން އެ ދަތުރުފުޅާ ގުޅޭ ގޮތުން އިޢުތިރާޟު ކުރުމާ ގުޅިގެންނެވެ. އެމެރިކާއިން ދަނީ ވިޔަފާރިއާ ގުޅޭ ގޮތުން ޗައިނާއާއެކު މަޝްވަރާތައް ބާއްވަމުންނެވެ. އަދި ބެއިޖިންގއަށް ދިއުމަށް ޓްރަމްޕްވެސް ބޭނުން ވާކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!