ބެލްޖިއަމް އިން އުރުދުނާ ގުޅިގެން، ވައިގެ މަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޮސްޓް ވިދާޅުވެއެވެ.
އިތުރަށް އޭނާ އެކްސްގައި ހާމަކުރެއްވި ގޮތުގައި، އެގައުމުގެ ފޮރިން އަދި ޑިފެންސް މިނިސްޓްރީތަކާއި އަދި އެހެނިހެން ފަރާތްތަކުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދިނުމުގެ ބެލްޖިއަމްގެ އޮޕަރޭޝަން ވިލަރެސްކޮށްފައެވެ.
ޕްރެވޮސްޓް އިތުރަށް ވިދާޅުވީ، "ބީ-ފާސްޓް" ޓީމުން ފޯރުކޮށްދީފައިވާ އިންސާނީ އެހީ ފޮނުވަނީ ބެލްޖިއަމްގެ ވައިގެ ސިފައިންގެ އޭ400އެމް މަތިންދާބޯޓެއް ގައެވެ. މިއަދު އެ ބޯޓު އަންމާނަށް ފުރާނެ ކަމަށެވެ.
މި އޮޕަރޭޝަންތައް އެންމެ ރައްކާތެރި ގޮތުގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ބެލްޖިއަމް ސަރުކާރުން ކަށަވަރުކޮށްދެއެވެ. ޣައްޒާގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދަށްވުރެ ކުޑަ ތަނެއްގައި ދިރިއުޅެން މަޖުބޫރު ކޮށްފައިވާ ދެ މިލިއަން ފަލަސްޠީނު ރައްޔިތުންނަށް ކާނާގެ މިންވަރެއް ފޯރުކޮށް ދިނުމަކީ މި އޮޕަރޭޝަންގެ އަމާޒެވެ.
ޖޯޑަން އިން ވަނީ ޔޫއޭއީއާ ގުޅިގެން ޣައްޒާއަށް ކާނާގެ އެހީ ފޯރުވަން ފަށާފައެވެ. މިސްރުން ކާނާ ހިފައިގެން ވަންނަ ލޮރިތަކަށް ޔަހޫދީ މިލީޝިއާތަކުން ހުރަސް އަޅައި އެތަކެތި އެރޭޒް ޗެކް ޕޮއިންޓްގައި އުކާހަދާ ކަމުގެ މަންޒަރުތައްވެސް އާންމު ވެފައި ވެއެވެ.






