މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ނިއު ޔޯކުގައި އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން ގައި އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ތަޤްރީރުކުރައްވައިފިއެވެ.
އެ ތަޤްރީރުގައި، އަލީ ނަސީރު ވަނީ ފަލަސްޠީނުގައި އިސްރާއިލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ޤަތުލު ޢާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުޞޫލުތައް އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު، އޭނާ ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަތުމަށާއި ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެއަށްފަހު، އެ އޭނާ ވަނީ އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ދިވެހިރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރި އެ މަޖިލީހުގެ ޤަރާރު ނަންބަރު A/RES/79/81 އިން ލާޒިމުކުރި މި ކޮންފަރެންސްގެ މަޤްޞަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަންއާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރަމަށް ބާރުއެޅުމެވެ. މި ކޮންފަރެންސް ގެ ރިއާސަތު ބަހަލަހައްޓަނީ ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ. މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މި ކޮންފަރެންސް ވަނީ ޖޫން މަހުގެ މެދުކަނޑާލާފައެވެ. އަދި މި ތިން ދުވަހުގެ ކޮންފަރެންސް އަލުން ފެއްޓީ މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.






