ބްރަޒިލްގެ ސަރުކާރުން ވަނީ އެމެރިކާ ސަރުކާރުން އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެކްސަންޑްރޭ ޑި މޮރޭސްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަން ކުށްވެރިކޮށްފައެވެ. އެމރިކާއިން މި ފިޔަވަޅުތައް އަޅާފައިވަނީ ބްރަޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްސަލަ އެ ފަނޑިޔާރު ބައްލަވާތީ ކަމަށް އެމެރިކާއިން ބުނެއެވެ. މި ފަނޑިޔާރަކީ، ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއާ ގުޅުންހުރި މައްސަލަތަކާއި، 2022 ވަނަ އަހަރުގެ އިންތިޚާބާ ގުޅޭގޮތުން ހިނގި ހަމަނުޖެހުންތަކުގެ މައްސަލަތައް ބެއްލެވި ފަނޑިޔާރެވެ.
މިކަމާ ގުޅިގެން ބްރަޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ނެރުއްވި ބަޔާނެއްގައި ވިދާޅު ވަނީ، އެމެރިކާގެ ސަރުކާރުން ބްރަޒިލްގެ އަދުލުވެރިކަމުގެ ނިޒާމަށް ހުރަސްއަޅާ ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. ރައީސް ލޫލާ ވިދާޅުވީ، މިއީ ބްރަޒިލްގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތަކުން ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމަށާއި، ބްރަޒިލްގެ އަމިއްލަ ސިޔާދަތީ ބާރަށް އަރައިގަތުމެއް ކަމަށެވެ.
ބްރަޒިލް ސަރުކާރުން އެމެރިކާގެ މި ފިޔަވަޅުތައް ސިފަކޮށްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްގެ ގޮތުގައެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ދެގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބްރަޒިލްގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



