ބެލްޖިއަމްއިން އިޒްރޭލް ސިފައިންގެ ދެ މީހެއްގެ މައްސަލަ އައިސީސީ އަށް ފޮނުވައިފި

ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި، ބެލްޖިއަމް ސަރުކާރަށް ހުށަހެޅުނު އިޒްރޭލް ސިފައިންގެ ދެ މީހެއްގެ މައްޗަށް ހުށަހެޅުނު މައްސަލައެއް، ބެލްޖިއަމްގެ ޕްރޮސެކިއުޓަރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ފޮނުވައިފިއެވެ. މި މައްސަލަ އައި.ސީ.ސީ. އަށް ފޮނުވުމަށް ނިންމާފައިވަނީ، ޣައްޒާގައި ހިންގި ބޮޑެތި އަނިޔާވެރި ޢަމަލުތަކުގެ ތުހުމަތާ ގުޅިގެންނެވެ.

ޔަހޫދީ ސިފައިންގެ ދެ މީހުން ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ފަހު ވަރުބަލި ފިލުވަން ބެލްޖިއަމަށް ދިއުމުން "ހިންދު ރަޖަބު ފައުންޑޭޝަން" އާއި "ގްލޯބަލް ލީގަލް އެކްޝަން ނެޓްވޯކް (ގްލޭން)" ގުޅިގެން އެމީހުންގެ މައްސަލަ ބްރަޒިލްގެ ސަރުކާރަށް ހުށަހެޅިއެވެ.

ހިންދު ރަޖަބު ފައުންޑޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ބެލްޖިއަމަށް އޮންނަ ޒިންމާތަކާ އެއްގޮތަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި، ކުށެއްނެތް އާންމުންނަށް ދެމުންދާ ގެއްލުންތަކާއި، ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކަން ބޮޑުވުން ފާޅު ކުރަމުންނެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ކަމަށްވާ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތަކާއި އަދި ނަސްލު ނައްތާލުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޯޓެކެވެ.

ހިއްސާ ކުރައްވާ!