2015 ވަނަ އަހަރު ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާޢަތުން ކޮށްޓެއްގައި ބަންދުކޮށް ދިރިހުއްޓާ އަންދާލި ޖޯޑަންގެ ޕައިލެޓުގެ މައްސަލައިގައި ސްވިޑެންގެ ރައްޔިތަކަށް އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ސުއިޑްންގެ ކޯޓަކުން ޤާޟީ އަނާ ލިލްޖެންބަރގް ގުލެޖޯ ހުކުމް ކޮށްފައިވަނީ، ތަޙްޤީޤުން ހާމަވެފައިވާ ގޮތުގައި ދަޢުވާ ލިބޭ ފަރާތް – ކޯޓުގެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ގޮތުން އުސާމާ ކަރީމް – ހުރީ "މަރުގެ ކަންކަން ހިންގި ވަގުތު ވަގުތު ޔުނީފޯމް އަޅައިގެން، ހަތިޔާރު ހިފައިގެން، އަދި އޭނާގެ ޖަރީމާ ވީޑިއޯ ކުރުމުގެ ހުއްދަ ދީފައި" ކަމަށެވެ.
ވީޑިއޯ ހެކިތަކުން ދައްކާ ގޮތުގައި މުޢާތު އަލްކަސާސްބާ މަރާލި އަލިފާންގަނޑު ރޯކޮށްލީ އެހެން މީހަކު ކަމުގައި ވިނަމަވެސް، "ދަޢުވާ ލިބޭ ފަރާތުގެ ޢަމަލުތަކުގެ ސަބަބުން ޝިކާރައަށްވީ މީހާގެ މަރާލުމުގައި އެހާ ބޮޑު އެއްބާރުލުމެއް ދީފައި ވާތީ، ކަރީމަކީ ކުށްވެރިއެއްގެ ގޮތުގައި ބަލަންޖެހޭ" ކަމަށެވެ.
ކަރީމް މިހާރުވެސް ދަނީ 2015 އަދި 2016 ވަނަ އަހަރު ޕެރިހާއި ބްރަސެލްސްއަށް ދިން ޙަމަލާތަކުގައި އޭނާ އަދާކުރި ދައުރުގެ ސަބަބުން 30 އަހަރުގެ ދިގު ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާ ފްރާންސުން ސްވިޑެންއަށް ބަދަލުކުރީ ސްޓޮކްހޯމްގައި ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައެވެ.
ކެޕްޓަން މުޢާތު އަލްކަސާސްބާ އަކީ 2014 ވަނަ އަހަރުގެ ޑިސެންބަރު 24 ގައި ރޯޔަލް ޖޯޑަން އެއަރފޯސްގެ މަތިންދާބޯޓެއް ސީރިއާއަށް ވެއްޓުނު މީހެކެވެ.
އޭނާ އަތުލައިގަތީ ހަމަ އެ ދުވަހު އައިސިސްގެ ހަތިޔާރުއެޅި ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. އޭނާ އަންދާލައި މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ ވީޑިއޯގެ 22 މިނެތް ވަނީ އައިސިސްއިން އިންޓަރނެޓަށް ލައިފައެވެ. އެ ވީޑިއޯ ވަނީ ހެއްކެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ.




