މިފަހަކާދެންދެން ތާރީޚުގައި ހިޓްލަރުގެ ނާޒީ ނިޒާމަކީ އެންމެ ވިޔާނުދާ އަދި ނަސްލީ ތަފާތުކުރުން އިންތިހާއަށް ބޮޑު ވެގެން ދިޔަ ވެރިކަން ކަމުގައި ގަބޫލުކުރެވުނެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރު ވެރިކަމަށް އައިސް، ފަލަސްތީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް މަޖުބޫރުކުރުމަށްޓަކައި، ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ އެކު، މި ތަޞައްވުރު މިހާރު ވަނީ ބަދަލުވެފައެވެ. މިކަމަކީ ހައިރާންކުރުވަނިވި ކަމެކެވެ؛ އެއީ 80 އަހަރު ކުރިން ނާޒީންގެ އަތްދަށުން ހޯލޮކޮސްޓްގެ ޝިކާރައަކަށް ވެފައިވާ ބަޔެއް ކަމަށް ދައުވާކުރާ ޔަހޫދީ ބަޔަކު، މިހާރު ފަލަސްތީނުގެ ހޯލޮކޮސްޓްގެ ޖައްލާދުންނަށް ވެފައިވާ ކަމެވެ.
ނަސްލީ ތަފާތުކުރުމުގެ ފިކުރު: ނާޒީންނާއި ޞަހްޔޫނީން
ނާޒީ ނިޒާމުގެ ޖަރީމާތައް ހަމައެކަނި ދެވަނަ ބޮޑު ހަނގުރާމަ ފެށުމުން ނުނިމެއެވެ. އެ ނިޒާމު ދޮން ނަސްލުގެ މީހުން އެހެން ނަސްލުތަކަށްވުރެ މަތިވެރިކަމަށް ގަބޫލުކުރިއެވެ. މިފަދަ ނުރައްކާތެރި ގަބޫލުކުރުމެއް ޞަހްޔޫނީ ހަރަކާތުން ވެސް ގެންގުޅެއެވެ. އެބައިމީހުން ދނިޔެއަށް ދައްކަނީ ޔަހޫދީންނަކީ "ﷲ އިޚްތިޔާރުކުރައްވާފައިވާ ބަޔެއް" ކަމަށާއި ފަލަސްތީނަކީ "ވަޢުދުކުރައްވާފައިވާ ބިމެއް" ކަމަށެވެ.
މި "ވަޢުދުކުރައްވާފައިވާ ބިން" ކަމުގެ ވިސްނުން ގުޅިފައިވަނީ ޔަހޫދީ ދައުލަތް ގަބޫލުކުރުމާއެވެ. ނަތަންޔާހޫގެ ސަރުކާރުގެ ބައެއް ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މި އަޤީދާ ބޭނުންކޮށް، ފަލަސްތީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ދީނީ ހައިސިއްޔަތެއް ދޭން މަސައްކަތްކުރެއެވެ. މިއީ ސީދާ ނާޒީންގެ ފިކުރުގެ ތަކުރާރު ވުމެކެވެ.
ހޯލޮކޮސްޓްގެ ހަޤީޤަތް އޮޅުވާލުން
ނާޒީ ނިޒާމުން ޖަރީމާތައް ހިންގީ ހަމައެކަނި ޔަހޫދީންނާ ދެކޮޅަކަށް ނޫނެވެ. އެ ނިޒާމުގެ ޝިކާރައަކަށް ވެފައިވަނީ ޖިޕްސީންނާއި، ނުކުޅެދޭ މީހުންނާއި، ޖިންސީ ގޮތުން ތަފާތު މީހުންނާއި، ސިޔާސީ އިދިކޮޅު ފިކުރުގެ މީހުން ކަމަށްވާ ސޯޝަލިސްޓުންނާއި ކޮމިއުނިސްޓުންނެވެ. އަދި ހިފާފައިވާ ސަރަހައްދުތަކުގެ މީހުން ވެސް އޭގައި ހިމެނެއެވެ. ނަމަވެސް، ޔަހޫދީންނަށް އެ ނިޒާމުން ލިބުނު އަނިޔާގެ ތެރެއިން ގާތްގަނޑަކަށް 6 މިލިއަން ޔަހޫދީން މަރުވެފައިވާ ކަމަށް ދައުވާ ކުރާއިރު ޞަހްޔޫނީ ހަރަކާތުން އެކަމުގެ ލިޔެކިޔުންތައް ޔަހޫދީންނަށް ހާއްސަކޮށްފައިވަނީ ނާޒީ ނިޒާމުން ހަމައެކަނި ޔަހޫދީންނަށް އަމާޒުކުރި ކަމުގެ ދޮގު ތަޞައްވުރެއް ދެއްކުމަށެވެ. މީގެ ބޭނުމަކީ ޔަހޫދީންނަށް އަމިއްލައަށް ކޮންމެ ކަމެއް ކުރަން ވެސް ހުއްދަވާނެ ކަމުގެ ނުރައްކާތެރި ފިކުރެއް ދުނިޔެއަށް އުފައްދައި ދިނުމަށެވެ.
ފަލަސްތީނުގައި ހިންގާ ޖަރީމާތައް ދެމިގެންދަނީ
އެހެންނަމަވެސް، ނާޒީ ނިޒާމުގެ ނުބައިކަން ހާމަކުރުމުގައި ހިންގުނު މަސައްކަތްތަކަކީ މުހިންމު ދައުރެއް އަދާކުރި ކަމަށް ބުނެވިދާނެއެވެ. އަދި މިއީ ފަލަސްތީނު މީހުންނަށް ދެމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ލިޔެކިޔުންތަކަށް ބަދަލުކުރުމަށް މަސައްކަތްކުރާ ހަރަކާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. ފަލަސްތީނު މީހުން ކުރިމަތިލަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަކީ މިއަދު ފެށުނު ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. އެއީ ޞަހްޔޫނީ މަޝްރޫޢުގެ އަސާސީ އަދި އެ ވިސްނުމުގައި ބިންވަޅު ނެގިފައިވާ ކަމެކެވެ. މި ޖަރީމާތައް ތާރީޚުގެ ސަފުޙާތަކުގައި ރަނގަޅަށް ލިޔެވި، އިންސާފު ގާއިމުވުމަށް މަސައްކަތް ކުރުމަށް މިވާހަކަތައް ތަކުރާރު ކުރުން މަތީގައި ދެމި ތިބެން ޖެހެއެވެ.






