ޗައިނާއިން ނިއުކްލިއާ ހަތިޔާރު އިތުރުކުރަމުން ދަނީ އެމެރިކާއާއި އެކުވެރިންގެ ނުފޫޒު ހުއްޓުވުމަށް

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރުގެ ގޮތުން ތިންވަނައަށް އެންމެ ބޮޑުމެ ބޮޑު ބާރެއްގެ ގޮތުގައި ހިމެނޭ ޗައިނާއިން، ހަނގުރާމައަށް ދިއުމަކާ ނުލައި އެ ޤައުމުގެ ޖިއޯޕޮލިޓިކަލް ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، އެމެރިކާއާއި އޭޝިއާގެ އެކުވެރި ޤައުމުތަކުގެ ނުފޫޒު ހުއްޓުވުމަށްޓަކައި ނިއުކްލިއާ ކުޅަދާނަކަން ހަލުއި ދުވެއްޔެއްގައި ޒަމާނީކުރަމުންދާ ކަމަށް އައު ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ. ހަޑްސަން އިންސްޓިޓިއުޓުން އާންމުކޮށްފައިވާ އަންދާޒާގައި، ޗައިނާގެ ނިއުކްލިއާ ބާރުގެ އަދަދު 600 ވޯހެޑަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެއެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައި 100 ވޯހެޑް ގެ އިތުރުވުމެކެވެ.

އެފަރާތުން އެކުލަވާލި ދިރާސާ، "އިމްޕްލިކޭޝަންސް އޮފް ޗައިނީސް ނިއުކްލިއާ ވެޕަންސް މޮޑަނައިޒޭޝަން ފޯ ދަ ޔުނައިޓެޑް ސްޓޭޓްސް އެންޑް ރީޖަނަލް އެލައިސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގެ ނިއުކްލިއާ އުފެއްދުން އިތުރު ކރުމުގެ މަޤްޞަދަކީ ސްޓްރެޓެޖިކް ގޮތުން ހަމަޖެހުން ލިބިގަތުމަށާއި ބިރު ދެއްކުމުގެ ނަޒަރިއްޔާތަށް ބާރުދިނުމަށާއި ސިޔާސީ އަދި ނަފްސާނީ އަސަރުތަކެއް އުފެއްދުމަށް ކަމަށް ބުނެއެވެ. ރިޕޯޓުގެ މުޞައްނިފުންކަމުގައިވާ ޖޯން ލީ އާއި ލަވީނާ ލީ ފާހަގަކުރާ ގޮތުގައި، ބެއިޖިންގގެ ނަޒަރުގައި ހަމަޖެހުމަކީ އެމެރިކާއާއެކު އަސްކަރީ އެއްބާރުލުން ފަދަ ޢަމަލުތަކުން އިދިކޮޅު ފަރާތްތައް ދުރުކޮށް، އެފަރާތްތަކުގެ ސްޓްރެޓެޖީތައް ކުޑަކޮށް އަދި ހަނިކުރުމަށް ނިއުކްލިއަރ ބިއރު ދެއްކުމުގެ ހަތިޔާރު ބޭނުންކުރުމެވެ.

މިސާލަކަށް، ޓައިވާން ކަނޑު އޮޅީގައި ހަނގުރާމައެއް ހިނގައިފިނަމަ، ފިލިޕީންސް އެމެރިކާއާ ގުޅިގެން ޗައިނާއާ ދެކޮޅަށް ނިކުތުމަށް ފުރުސަތު ނުދިނުމަށް ޗައިނާއިން "ނިއުކްލިއާ އިންޒާރުތައް" ދިނުން ހިމެނެއެވެ. އަދި ޗައިނާގެ "ނިއުކްލިއާ ނަފްސާނީ ހަނގުރާމައިގެ" މަޤްޞަދަކީ އެމެރިކާގެ ނިއުކްލިއާ ރައްކާތެރިކަމުގެ ދަށުގައިވާ ޖަޕާން ހިތް ނުތަނަވަސްކޮށްލުމެވެ.

ޚާއްޞަ ގޮތެއްގައި، އުތުރު ކޮރެއާގެ ނުރައްކަލަށް އިސްކަންދޭ ދެކުނު ކޮރެއާގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓައިފިނަމަ، މިފަދަ ފިއްތުންތަކެއް ކުރިމަތި ކޮށްފާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޮޝިންގްޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ނިއުސްވީކަށް ދީފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބެއިޖިންގއިން ފުރަތަމަ ނިއުކްލިއަރ ބާރު ބޭނުންކުރުމުގެ ސިޔާސަތު ގެންގުޅޭ ކަމަށާއި، ނަމަވެސް އެއީ ހަމައެކަނި ދިފާޢީ ސްޓްރެޓެޖީއެއް ދެމެހެއްޓުމަށް ގެންގުޅޭ ސިޔާސަތެއް ކަމަށެވެ. އަދި ޤައުމީ ސަލާމަތަށް ބޭނުންވާ އެންމެ ދަށް މިންވަރެއްގައި ނިއުކްލިއާ ބާރު ޗައިނާއިން ބަހައްޓާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ޗައިނާގެ ސްޓްރެޓެޖީއާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓާލުމަށާއި، ޚާއްޞަކޮށް ޓައިވާނާ ގުޅޭގޮތުން އުދުވާނީ ޢަމަލުތައް ހުއްޓުވުމަށް އެމެރިކާއާއި އެކުވެރި ޤައުމުތަކަށް ޗައިނާ އެމްބަސީން އިލްތިމާސްކޮށްފައިވެއެވެ.

ރައީސް ޝީ ޖިންޕިންގ ޗައިނާގެ ސްޓްރެޓެޖިކް ޑިޓަރެންސް ފޯސްތައް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، ސަރަޙައްދީ ގޮތުން އޮތް ކަންބޮޑުވުންތައް އިތުރުވެ އެވެ. އަދި، އޭޝިއާގައި އެމެރިކާ އިސްނަގައިގެން އުފައްދާފައިވާ އިއްތިހާދުތަކަށް ސްޓްރެޓެޖިކް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް މި ރިޕޯޓުގައި ދީފައިވެއެވެ.

މި ރިޕޯޓުގެ ހޯދުންތަކުން ދޭހަވާ ގޮތުގައި، ޗައިނާގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ ޕްރޮގްރާމަކީ ހަމައެކަނި އަސްކަރީ ބާރު އިތުރުކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި، މިއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޗައިނާގެ ނުފޫޒު އިތުރުކޮށް، އެމެރިކާއާއި އެކުވެރި ޤައުމުތަކުގެ ބާރު ހަނިކުރުމަށް އަމާޒުކޮށްފައިވާ ފުޅާ ސްޓްރެޓެޖީއެއްގެ ބައެކެވެ. މި ކަމުގެ ސަބަބުން، އޭޝިއާ-ޕެސިފިކް ސަރަޙައްދުގައި ބާރު ދެއްކުމުގެ ވާދަވެރިކަން އިތުރުވެ، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ބެލެވެއެވެ.

ހިއްސާ ކުރައްވާ!