އިޒްރޭލުން ހިންގާ ހޮލޮކޯސްޓާ ގުޅިގެން އިޓަލީގައި ފަލަސްތީނަށް ސަޕޯޓް އިތުރު ވަނީ

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ހޮލޮކޯސްޓާ ހެދި، ފަލަސްތީނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ އެއްބައިވަންތަކަން ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އިޓަލީގައި، ސަރުކާރުން އިޒްރޭލަށް ސަޕޯޓްދޭން މަސައްކަތްކުރި ނަމަވެސް، ރައްޔިތުންނާއި ކައުންސިލްތަކުގެ ވިސްނުމަށް ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަކުރެވެއެވެ.

މި ބަދަލުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ކަމަކީ އިޓަލީގެ އެންމެ ބޮޑު ކޮންސިއުމަރުންގެ ކޯޕަރޭޓިވް ކަމަށްވާ ކޫޕް އަލިއަންޒާ 3.0 އިން އަޅާފައިވާ ފިޔަވަޅެވެ. މި ކޯޕަރޭޓިވް އިން ޖޫން 24 ގައި ވަނީ އިޒްރޭލުގެ ބައެއް އުފެއްދުންތައް އެފަރާތުގެ ފިހާރަތަކުން ނަގައި ނުވިއްކުމަށް ނިންމާފައެވެ. އެފަރާތުން މިކަން ކުރި ސަބަބު ކަމަށް ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ޔަހޫދީ ހޮލޮކޯސްޓެވެ. ހަމަ އެދުވަހު، އިނގިރޭސިވިލާތުގެ ކޯޕަރޭޓިވްއަކުންވެސް ވެސް އިޒްރޭލުންނާއި އަދި އިންސާނީ ހައްގުތައް ނިގުޅައިގަންނަ ކަމުގެ ތުހުމަތުކުރެވޭ އެހެނިހެން ގައުމުތަކުން ލިބޭ މުދާ ވިއްކުން ހުއްޓާލައިފިއެވެ.

އަލިއަންޒާ 3.0 އިން މި ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރީ އިޓަލީގެ 160 އަށް ވުރެ ގިނަ ސިވިލް ސޮސައިޓީ ގުރޫޕްތައް ހިމެނޭ ޖަމާއަތަކުން ޔަހޫދީންގެ އުފެއްދުންތައް ވިއްކުން މަނާ ކުރާ "ނޯ ޓު އިޒްރޭލީ ޕްރޮޑަކްޓްސް އިން ލާޖް-ސްކޭލް ރީޓެއިލް" ކެމްޕޭނުގެ ސަބަބުންނެވެ.

މި ކެމްޕޭން ފެށުނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަކީ ގަތުލުއާންމުގެ ކޮންވެންޝަންއާ ޚިލާފުވެފައިވާ ގައުމެއް ކަމަށް ނިންމުމާ ގުޅިގެންނެވެ.

މިކަމަށް އިޓަލީގެ ބައެއް ފަރާތްތަކުން ފާޑު ކިޔައެވެ. އިޓަލީގެ ކަނާތުފިޔައިގެ ނޫސް "އިލް ފޮގްލިއޯ" އިން މިކަން ސިފަކުރީ "ނާޒީ ޒަމާނުގެ ބޮއިކޮޓްތަކާ" އެއްގޮތް ކަމެއްގެ ގޮތުގައެވެ. އަދި އިޓަލީގެ ވިޔަފާރި ވެރިންގެ ޖަމުއިއްޔާއިން މިކަން ސިފަކުރީ "ފޮރުވިފައިވާ ޔަހޫދީނާ ދެކޮޅުވެރިކަމެއް" ގެ ގޮތުގައެވެ.

އާންމު ފަރުދުންގެ ފިހާރަތަކުގެ ފިޔަވަޅުތަކުގެ އިތުރުން، ލޯކަލް ކައުންސިލްތަކުން ވެސް ވަނީ ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ފްލޮރެންސްގެ ސެސްޓޯ ފިއޮރެންޓީނޯގެ މޭޔަރު ލޮރެންޒޯ ފަލްޗީ ވަނީ އިޒްރޭލުގައި އުފައްދާ ބޭސް އަދި ކޮސްމެޓިކް އުފެއްދުންތައް އެ ރަށުގެ ފާމަސީތަކުން ވިއްކުން ހުއްޓާލުމަށް ނިންމާފައެވެ. އޭނާ މިކަން ކުރީ ޔަހޫދީންގެ "ގަތުލުއާންމުން ފައދާ ލިބިގަންނަ އިގްތިސާދަށް" ގޮންޖެހުމެއްގެ ގޮތުންނެވެ.

އިޓަލީގެ ވިޔަފާރިތަކުން ވަނީ ސަޕޯޓު ދެއްކުމަށް "ޣައްޒާ ކޯލާ" ވެސް ތައާރަފްކޮށްފައެވެ. މި ކޯލާގެ ފައިސާ ބޭނުންކުރަނީ ޣައްޒާގެ އަލް ކަރާމާ ހޮސްޕިޓަލް އަލުން ބިނާކުރުމަށެވެ.

މިފަދަ ހަރަކާތްތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިޓަލީގައި ޔަހޫދީންނާއި ޔަހޫދީންގެ ހޮލޮކޯސްޓަށް ވާގިވެރިވާ (ބޮއިކޮޓް، ޑައިވެސްޓްމެންޓް، ސެންކްޝަންސް) ކެމްޕޭން މަގްބޫލުވުން ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އަށްފަހު ފަލަސްތީނަށް އިޓަލީގައި ލިބޭ ސަޕޯޓު ވަނީ އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!