ޣައްޒާއަކީ މިހާރު ދުނިޔޭގެ އެންމެ ނާޒުކު އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ސަރަހައްދެވެ. މި ބިމުގައި ދިރިއުޅޭ ރައްޔިތުން، ޚާއްސަކޮށް ކުޑަކުދިން، ވަނީ ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، ފެނާއި ކަރަންޓާއި ކާނާގެ ވަސީލަތްތައް ނެތުމުގެ ސަބަބުން އިންތިހާއަށް ބިކަ ހާލަތަކަށް ވެއްޓިފައެވެ. ސިއްޙީ އެހީތެރިކަމާއި، ކާބޯތަކެތި، އަދި ސާފު ބޯފެން ލިބުމުގެ ހައްގުން މަޙުރޫމުކުރެވިފައިވާ މި ރައްޔިތުންނަށް ދިރިއުޅުމުގެ އެންމެ އަސާސީ ޙައްގުތައް ވެސް ވަނީ ގެއްލިފައެވެ.
ނާޒީން ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓަށް ވުރެން ފަންނުވެރި ގޮތަކަށް ޔަހޫދީ ޒަޔަނިސްޓުން ވަނީ ޣައްޒާ މީހުންނާ ދެކޮޅަށް ހޮސްކޯސްޓު ހިންގާފައެވެ.
ޣައްޒާގެ ދެކުނުގައި، ޚާން ޔޫނިސްގެ މަވާސީ ސަރަހައްދުގައި ހަތަރު އަކަމީޓަރަށްވުރެ ކުޑަ ޓެންޓެއްގެ ތެރޭގައި ދިރިއުޅެމުންދާ ދެ އަހަރު ނުފުރޭ ޝާމް ޤުދާއިހްގެ ހިތާމަވެރި ވާހަކައަކީ، ޣައްޒާގެ އެތައް ހާސް ކުޑަކުދިންނެއް ތަޙައްމަލުކުރަމުންދާ ހާލަތުގެ ހިތާމަވެރި މިސާލެކެވެ. ކާބޯތަކެއްޗާއި ސިއްޙީ ފަރުވާގެ ދަތިކަމުގެ ސަބަބުން ޝާމްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. އޭނާގެ ކުޑަކުޑަ ހަށިގަނޑުން ދައްކައިދެނީ، ހަނގުރާމައިން ކުޑަކުދިންގެ ފުރާނައަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
ޝާމްގެ މަންމަ، އިސްލާމް ޤުދާއިހް، ހިތާމައިން ފުރިފައިވާ އަޑަކުން ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަށް ލިބެނީ ހަމައެކަނި ކޮންމެ ދުވަހަކު ކިރިޔާ ލިބޭ މަދު މިންވަރެއްގެ ފެން ފޮދެކެވެ؛ އެ ފެންފޮދުވެސް ބޭނުންކުރަނީ ޝާމްގެ ހުންގަނޑު ފިލުވުމަށެވެ. ކާނާގެ ދަތިކަން ބައެއް ފަހަރު އިންތިހާއަށް ބޮޑުވެ، ހޮސްޕިޓަލަށް ގެންދަން ޖެހޭ ހިސާބަށް ދެއެވެ. ނަމަވެސް، ޣައްޒާގެ ހޮސްޕިޓަލްތައް ވެސް ވަނީ ޔަހޫދީންގެ ހޮސްކޯސްޓްގައި ހަލާކުކޮށްލާފައެވެ. ފަރުވާދެވޭނެ ވަސީލަތްތައް ނެތުމުން، ޝާމް ފަދަ ކުދިންނަށް އަވަހަށް އަނބުރާ ގެއަށް ގެންދެވޭތީ، އެ ކުދިންގެ ހާލަތު އިތުރަށް ގޯސްވެއެވެ.

ޝާމް އުފަންވީއްސުރެ ކާނާގެ ދަތިކަން ތަޙައްމަލުކުރަމުން އައިސްފައިވާކަން އޭނާގެ މަންމަ ކިޔައި ދެއެވެ. މިހާރު އުމުރުން އެއް އަހަރާއި ދިހަ މަސްވެފައިވާ ޝާމްގެ ބަރުދަން ހުރީ އެންމެ 4.5 ކިލޯގައެވެ. މިއީ އެ އުމުރުގެ ކުއްޖެއްގެ އާދައިގެ ބަރުދަނަށްވުރެ އެތައް ގުނަ ދަށް މިންވަރެކެވެ. މީގެ އިތުރުން، ޝާމްގެ ހަށިގަނޑުގައި ކެލްސިއަމްއާއި ވިޓަމިންގެ މިންވަރު މަދުވުމުގެ ސަބަބުން ދަތްތަކުގެ ކުލަ ވެސް ވަނީ ބަދަލުވެފައެވެ. މިކަމުން ދައްކައިދެނީ ދިގު މުއްދަތެއްގައި ރަނގަޅު ކާނާ ލިބިފައިނުވާ ކަމުގެ ނިޝާނެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޮލޮކޯސްޓްގައި ބަނޑަށް ޖެއްސުމުގެ ސަބަބުން ޝަހީދުވެފައިވާ މީހުންގެ އަދަދު 154 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި 89 ކުޑަކުދިން ހިމެނެއެވެ. މި އަހަރުގެ ޖުލައި މަހު އެކަނިވެސް 90 މީހުން ބަނޑަށްތިބެން ޖެހިގެން ޝަހީދުވެފައިވާ ކަން ފާހަގަކުރެވެއެވެ. މިއީ ހޮލޮކޯސްޓްގައި ބަނޑަށް ޖެއްސުން ދުވަހުން ދުވަހަށް ބޮޑުވަމުންދާ މިންވަރު ދައްކައިދޭ އަދަދެކެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި ފަސް އަހަރުން ދަށުގެ ކުދިންގެ މެދުގައި ބަނޑަށް ޖެހިފައިވާ ކާޑު ބަލި އަށަގެންފައިވާ ކުދިންގެ ނިސްބަތް ވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ. މި ހިސާބުތަކުން ދައްކައިދެނީ ޣައްޒާގެ ކުޑަކުދިންގެ ކުރިމަގު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމެވެ. ދެބަނޑަށް ކައިގެން ތިބި އަރަބިންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް މިކަމުގައި ބޮޑު ޒިންމާއެއް އެބައޮތެވެ. މިހާރުވެސް ނުރައްކާތެރި ހާލަތެއްގައި އޮތް ޣައްޒާއަށް އަވަސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ސަރަހައްދަށް ޔަހޫދީންގެ ހޮލޮކޯސްޓްގައި ކާބޯތަކެތި ހިފަހައްޓާފައިވާ ހުރިހާ ހުރަހެއް ނެތިކޮށް، އާދައިގެ ދިރިއުޅުމަކަށް އެނބުރި ދިއުމަށް މަގުފަހިކުރުން މުހިންމު ކަމަށް ބެލެވެއެވެ.







