މަތިންދާބޯޓުގެ ދަތުރުގައި ދިމާވި ކުއްލި ހާލަތުގައި ފްލައިޓް އެޓެންޑެންޓް ފަސިންޖަރުންނަށް ގޮވާލަމުން ބުނީ: "ޕްލީޒް! އަޅުގަނޑުމެންނަށް އިމަޖެންސީ ދިމާވެއްޖެ. ފަސިންޖަރުންގެ ތެރޭގައި ޑޮކްޓަރަކު އެބައިން ތޯ؟" އެއާއެކު ހުރިހާ ފަސިންޖަރުންވެސް އަތް އުފުލައި ލިއެވެ. އަދި، ކޮންމެ މީހަކުވެސް ބުނީ "އާނ. ތިމަންނާއަކީ ޑޮކްޓަރެއް" ކަމަށެވެ. މިއީ ޣައްޒާގެ ހޮލޮކޯސްޓާ ގުޅިގެން ޔަހޫދީން ގައުމު ދޫކޮށް ބެރުވަމުން ދާ މިންވަރާ ބެހޭ ގޮތުން ޖޯކު ޖަހަމުން ޔަހޫދީން ކިޔައި އުޅޭ ޖޯކެވެ.
ހޮލޮކޯސްޓް ފެށިފަހުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ހުނަރުވެރިން ވަނީ ޔަހޫދީންގެ ގައުމު ދޫކޮށް ބޭރުވެގެންފައެވެ. ކުރިން ބޭރުވި ޔަހޫދީން މިހާރު ވަނީ އެނބުރި އަންނަން ފަށާފައެވެ. އެމީހުންދިޔަ ގައުމުތަކުން އެމީހުން ބަލައި ނުގަތުމާއި ޔަހޫދީން ހިންގާ ހޮލޮކޯސްޓާ ހެދި މީހުންގެ ފުރައްސާރަ ލައިގަންނާތީ، އެނބުރި އިސްރާއީލަށް އަންނަން މިހާރު ވަނީ މަޖުބޫރުވެފައެވެ.
ޣައްޒާއިން ދުނިޔެއަށް ފެނިގްނެދާ ތަސްވީރުތަކާއި، ސޯޝަލް މީޑިއާގައި އާންމުވަމުންދާ ހިތާމަވެރި މަންޒަރުތަކުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުން ތިބީ ވަރަށް ނުބަިއ ފައްތަރެއްގައެވެ.
އާންމުކޮށް ފެންނަ މަންޒަރުތަކުގައި ޣައްޒާގެ ވަށައިގެންވާ ޔަހޫދީ ބަސްތީއެއްގެ ގެއެއްގެ ބެލްކަނީގައި އިސްރާއީލުގެ ދެ ޒުވާނަކު އިށީނދެލައިގެން ސޮފްޓް ޑްރިންކްސް ބޮއެ، އިސްރާއީލުން ދެމުންދާ ވައިގެ ހަމަލަތަކާއި ކަނޑުންނާއި އަދި ބިމުން ގޮއްވައިވާ ބޮންތަކުން ޣައްޒާއިން އުފުލިގެންދާ ބޯ ދުންތަކުގެ ތަސްވީރުތައް އުފަލުން ބަލަން ތިބި މަންޒަރު ހިމެނެއެވެ.

އިސްރާއީލުގެ ސިފައިންގެ މީހަކު އޭނާގެ އަންހެނުންނާއެކު ވީޑިއޯ ކޯލެއްގައި، ފަލަސްތީނުގެ ޖަބާލިއާގެ ގެއެއްގެ ސޯފާއެއްގައި އޮށޯވެގެން އޮވެ ވީޑިއޯކޮށް، ރީތި ސިޓިންރޫމް ސެޓެއް ގެނެސްދޭން ބޭނުންތޯ އަންހެނުން ގާތުން އަހާލާ މަންޒަރު ފެނެއެވެ.
ޔަހޫދީ ސިފައިންގެ މީހަކު ޣައްޒާގެ ފަނާވެފައިވާ އަވަށްތަކުން އަވަށެއްގައި އޭނާގެ އަންހެން ދަރިފުޅަށް ގުޅައިގެން އުފަންދުވަހުގެ ތަހުނިޔާ ކިޔައި، ހަދިޔާއަކަށް ހުށަހަޅަނީ: ފަލަސްތީނުގެ މީހެއްގެ އިމާރާތެއް ގޮއްވައި ލުމަށް ފިތަކަށް ފިތާލާ މަންޒަރެވެ.
އެހެން ޔަހޫދީ ސިފައިންގެ މީހަކު، ވީޑިއޯއެއްގައި، ޣައްޒާގެ ގެތަކުގައި އަލިފާން ރޯކޮށްލުމަށްފަހު އޭނާއާއި އޭނާގެ އެކުވެރިންނަށް އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކިޔައިދެއެވެ. އޭނާ ބުނެއެވެ. "ފަލަސްތީނުގެ ކޮންމެ ގެއެއްގައި ވެސް ޒައިތޫނި ތެޔޮ ހުންނާނެއެވެ. އަހަރެމެން އެ ތެޔޮ ފަރުނީޗަރަށް އުކާލާފައި ދުން ބޮމެއް އުކާލާފައި ބޭރު ވެގަންނަ އިރު ސިކުންތުކޮޅެއްގެ ތެރޭގައި އަލިފާން ރޯވެގެން ދާނެއެވެ."
އެހެން ވީޑިއޯއެއްގައި ޔަހޫދީ ދީނީ ސިފައިންގެ މީހަކު، ކޮންމެ ހަފްތާއަކު ސަވާބު ހޯދުމަށް، ގޮވާތަކެތިން ފަލަސްޠީނުގެ ދިހަވަރަކަށް ގެއެއް ހަލާކުކުރާ ގޮތް ކިޔައިދެއެވެ.
މި ހުރިހާ ކަމެއްގެ އިތުރުން، އަރަބި ސެޓެލައިޓް ޗެނަލްތަކާއި، މީޑިއާތަކާއި، ސޯޝަލް މީޑިއާއިން އާންމުން މަރާލާ މަންޒަރުތައް ޣައްޒާއިން ލައިވްކޮށް ދައްކާ ތަސްވީރުތައް މިހާރު ވަނީ ދުނިޔެއަށް އާންމު ވެފައެވެ. ބައެއް ފަހަރު ވަގުތުން ބްރޯޑްކާސްޓު ކުރވެއެވެ.

ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ޒުވާނުން މަރާލައި ގޮއްވާލާ މަންޒަރު، އަދި އިންސާނީ އެހީދޭ މަރުކަޒުތަކަށް އެއްވެ އުޅޭއިރު، ކާނާ ހޯދުމަށް ކެތްމަދުވެފައި ތިބި މީހުން މަރާލާ މަންޒަރާއި ދަރިންގެ ހާލުގައި ޖެހިފައި ވާތީ ރޮމުންދާ މައިންނާއި ދަރިންނަށް ބޯ ފެންފޮދެއް ނުލިބިގެން ބަފައިން ރޮމުންދާ މަންޒަރާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރަށްތައް ޔަހޫދީން އަންދާލާ މަންޒަރާއި ސެޓްލަރުން ނުލަފާ އަރުވާ މަންޒަރަކީ ކޮންމެ ދުވަހަކުވެސް ފެންނަ ކަންކަމެވެ.
މި ހުރިހާ ކަމަކާއެކު ވެސް އިސްރާއީލުގެ ވަޒީރުންނާއި މަންދޫބުން ދަނީ ޣައްޒާ ވުޖޫދުން ފޮހެލުމާ ބެހޭ ގޮތުން ބަޔާންތައް ނެރެ ޓީވީގައި ބަޔާންތައް ދެމުންނެވެ.
"ޣައްޒާގައި ކުށެއް ނެތް މީހަކު ނެތް، ކުށެއް ނެތް ކުޑަކުއްޖަކުވެސް ނެތް" ކަމަށް ބުނަމުން ދެއެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި ސާވޭއަކުން ދައްކާ ގޮތުގައި އިސްރާއީލުގެ 52 ޕަސެންޓް މީހުން ދަނީ ޔަހޫދީންގެ އާބާދީތައް ޣައްޒާގައި އަލުން ބިނާ ކުރުމަށް ވާހަކަ ދައްކަމުންނެވެ.
ނަތަންޔާހޫގެ ބަޔާންތަކުގައި ވެސް އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންނަށް އަނިޔާ ކުރުމުގެ ހުއްދަ ދީފައިވާ ތަން ފެނެއެވެ.
ޔަހޫދީންގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރާއި މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ދަނީ ބިރަކާ ނުލައި ޔަހޫދީންގެ ޓެރަރިޒަމް އާންމު ކުރުމަށް ވާހަކަ ދައްކަމުންނެވެ.
7 އޮކްޓޯބަރުގައި ޔަހޫދީން ހިންގި ކޮންސެންޓްރޭޝަން ކޭމްޕް ފަޅާލައި ނިކުމެ، ފަލަސްޠީނު މީހުން ދިން ހަމަލައަށް ފަހު ފެނިގެން ދިޔަ މަންޒަރުތަކުގައި ޔަހޫދީންނަށް ހުޅަނގުން ހަމްދަރުދީވިއެވެ. ނަމަވެސް ޔަހޫދީ ޓެރަރިސްޓް ހަމަލަތަކަށްފަހު، ކުޑަކުދިންނާއި އެހެން އާންމުންގެ ގަބުރުތައް ގިނައިން ފެންނަން ފެށުމުން ދުނިޔެއަށް ޔަހުދީންގެ ހަގީގަތް ހާމަވިއެވެ.
މިހާރު ޔަހޫދީން ފެންނަ ކޮންމެ ތާކުން އެމީހުންނަށް ފުރައްސާރަ ކުރުމާ ކުރިމަތިލާން ޖެހފައި ވެއެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގްރީސްގެ ރޯޑްސް ޖަޒީރާގެ ބަނދަރުގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއް ބާއްވާފައި ވެއެވެ. އިސްރާއީލުގެ ކްރޫޒް ޝިޕެއް ބަނދަރުގައި ބަނދަރުކޮށްފައިވާކަން އެނގުމާއެކު އާންމުން ވަނީ އިސްރާއީލުގެ ފަތުރުވެރިން ފޭބުން ހުއްޓުވައި، ފަލަސްތީނުގެ ދިދަތަކާއި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި މަރުވި ފަލަސްތީނުގެ ކުދިންގެ ތަސްވީރުތައް ހިފައިގެން "ފަލަސްތީނަށް މިނިވަންކަން" އަންބާ ކިޔައި މުޒާހަރާ ބާއްވާފައެވެ.
ފަހުން ޖުލައި 22 ވަނަ ދުވަހު ސައިރޯސް ޖަޒީރާއަށް އެ ބޯޓް ދަތުރުކުރިއިރު، ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ މުޒާހަރާތަކުގެ ސަބަބުން އިސްރާއީލުގެ ފަތުރުވެރިންނަށް އެ ޖަޒީރާއަށްވެސް ނު ފޭބި ބޯޓު ބަނދަރުން ފުރައިގެން ދާން މަޖުބޫރު ވިއެވެ.

އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ޔޫރަޕްގެ ގިނަ ސިޓީތަކުގައި އިސްރާއީލުގެ ފަތުރުވެރިންނަށް ޣައްޒާގެ ހޮލޮކޯސްޓް ވަނީ ނުހޮރޮއްޕާނަކަށް ވެފައެވެ. ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި ކަންމަތިންވެސް މީހުން ދަނީ ޔަހުދީންނާ ދިމާ ކުރަމުންނެވެ. މިފަދަ އެއް ދޮޅަސް ހާދިސާއަށް ވުރެން ގިނަ ހާދިސާ ހިނގާފައި ވެއެވެ.
އިސްރާއީލުން ރިޕޯޓްކުރާ ގޮތުގައި އެމީހުންނަށް އެންޓްރީ ވިސާ ދޫކުރާން ތިބޭ ބޯޑަރު ފުލުހުންނާއި ޓެކްސީ ޑްރައިވަރުންނާއި ހޮޓަލުގެ ރިސެޕްޝަނިސްޓުންގެ ފަރާތުން ވެސް މިހާރު ފުރައްސާރައާ ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި ރިސާޗް އިންސްޓިޓިއުޓްތަކަށާއި ސައިންޓިފިކް ކޮންފަރެންސްތަކަށް އިސްރާއީލުގެ ސައިންސްވެރިންނަށް ދޭ ދައުވަތު ވަރަށް ބޮޑަށް މަދުވެފައިވާ ކަމުގެ ޝަކުވާވެސް ޔަހޫދީން ދަނީ ކުރަމުންނެވެ.
ބުރާސްފަތި ދުވަހު ޔަހޫދީންގެ ހާރެޓްސްގައި ލިޔުނު ލިޔުމެއްގައި އިސްރާއީލުގެ ލިޔުންތެރިޔާ ވިސީ ކްލޭއިން ވަނީ ޔަހޫދީންނށް ބޭރު ގައުމުތަކުގައި ދިމާވާ ކަންކަން މިފަދައިން ކިޔައި ދީފައެވެ. "ބޭރުގައި އުޅޭ އިރު ޔަހޫދީ މީހެއްގެ ޒާތީ އައިޑެންޓިޓީއެއް ނޯވޭ، އޭނާގެ އޮންނަނީ ހަމައެކަނި ގައުމީ އައިޑެންޓިޓީއެއް. އަހަރަމެންގެ ގައުމުން ކުރާ ކަންކަމުން ބަދުނާމީއާ ކުރިމަތިލާން ޖެހެނީ" ކަމަށެވެ.






