އެމެރިކާގެ އޮހާޔޯގައި މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އުފަންވި ތާޑިއަސް ޑޭނިއަލް ޕިއާސްއަކީ "ދުނިޔޭގެ އެންމެ ދުވަސްވީ ތުއްތު ކުއްޖާ" ގެ ގޮތުގައި ނަން ދީފައިވާ ކުއްޖާއެވެ.
މިއީ މެޑިކަލް ދާއިރާއިން ހާސިލުކުކޮށްފައިވާ ކުރިއެރުމެއް ކަމަށް ބުނެއެވެ. މިކުއްޖާ އުފަންވީ، 30 އަހަރު ދުވަސް ވަންދެން ގަނޑުކޮށްފައި އޮތް އެމްބްރިއޯއަކުން ނެވެ. އެމްބްރިއޯއަކީ، ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިހާ އެއްކޮށްލުމުން އުފެދޭ އިންސާނެއް ދުނިޔެއަށް އައުމަށް މަގުފަހިކޮށްދޭ ވެލިފުކަކަށް ވުރެން ކުޑަ ސެލް އެކެވެ.
ތާޑިއަސް އުފަންވާން މެދުވެރިވި އެމްބްރިއޯ ގަނޑުކޮށްފައި ވަނީ 1994 ވަނަ އަހަރުގައެވެ. އެހެންކަމުން، މިއީ މިހާތަނަށް ދިރިހުރި ކުއްޖެއް ދުނިޔެއަށް އުފަންކުރުމަށް ބޭނުން ކުރެވުނު އެންމެ ގިނަ ދުވަހަށް ފްރީޒްކޮށްފައި އޮތް އެމްބްރިއޯއެވެ.
ތާޑިއަސްއަކީ ފިރިހެން ކުއްޖެކެވެ. އޭނާގެ "ގާނޫނީ" މައިންބަފައިންނަކީ 35 އަހަރުގެ ލިންޑްސީ ޕިއާސް އާއި 34 އަހަރުގެ ޓިމް ޕިއާސްއެވެ. ތާޑިއަސް އުފަންވި އެމްބްރިއޯއަކީ މި ދެމީހުންނާއި ވިރާސީ ގޮތުން އެއްވެސް ގުޅުމެއް ނެތް އެމްބްރިއޯއެކެވެ. އަންހެން މީހާ، ލިންޑްސީ ޕިއާސްގެ ހިއްސާއަކީ އޭނާގެ ރަހިމުގައި 9 މަހާ 10 ވަންދެން މި އެމްބްރިއޯ ބާއްވައިގެން އުޅެ ވިހެއުމެވެ. ފިރިހެންމީހާ، ޓިމް ޕިއާސްގެ ދައުރަކީ، އަންހެންމީހާއާ އެމުއްދަތުގައި ކައިވެނިކޮށްގެން ހުރުމެވެ.
މި ދެމަފިރިން ވަނީ ދަރިއަކު ހޯދުމަށް ހަތް އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ. އެމީހުންގެ މަސައްކަތްތައް ނާކާމިޔާބު ވުމުން، ދަރިން ނުލިބޭ މީހުންނަށް އެމްބްރިއޯތައް ހޯދައިދޭ ޖަމާއަތެއް ކަމަށްވާ "ރިޖޮއިސް ފަރޓިލިޓީ" ޖަމާއަތުން އެކަމާ ގުޅޭ ޕްރޮގްރާމެއްގައި އެ ދެމަފިރިން ބައިވެރިކޮށްގެން އެމީހުންނަށް އެމްބްރިއޯއެއް ހޯދައި ދިނީއެވެ.
މި އެމްބްރިއޯ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ލިންޑްސީގެ ރަހިމުގައި އިންދައި ދިނީ، ދަރިމައި ކުރުމުގެ މާހިރެއް ކަމަށްވާ ޑރ. ޖޯން ގޯޑަންގެ ބެލުމުގެ ދަށުންނެވެ. އެކުއްޖާ، ތާޑިއަސް އުފަންވުމާއެކު ދެ މަފިރިން ބުނެފައި ވަނީ މުޅި ގަރުބަގެންނެވުމާއި ވިހެއުމުގެ ކަންކަން ދިޔަ ގޮތުން ހީވަނީ ސައިންސް ވާހަކައެއްގައި ކަން ހިނގައި ދިޔަ ގޮތް ހެންނެވެ.
މި އެމްބްރިއޯ ބޭނުންކޮށްގެން މި ދެމަފިރިންނަށް މިފިރިހެން ކުއްޖާ ލިބުމުން އެ ދެމަފިރިން ވެފައި ވަނީ އެކުއްޖާގެ "ގާނޫނީ މައިންބަފައިންނަށެވެ". ވިރާސީ މައިންބަފައިންނަކީ އެހެން ދެމީހެކެވެ.
ވިރާސީ ފަރާތުން ކުއްޖާއާ ގުޅޭ އަންހެން މީހާ، މިކުއްޖާ ވިހޭއިރު އެތާ ހާޒިރުވެ ހުއްޓެވެ. މި ވިރާސީ މައިންބަފައިން ވެސް ކުއްޖަކު ހޯދަން އުޅެގެން އެކަން ކާމިޔާބު ނުވެގެން އުޅެނިކޮށް، އައިވީއެފް މެދުވެރިކޮށް ދަރިއަކު ހޯދަން ކުރި މަސައްކަތުން 4 އެމްބްރިއޯ އެދެމަފިރިންނަށް ލިބެން މެދުވެރިވި އެވެ. އޭގެ ތެރެއިން އެއް އެމްބްރިއޯ އަންހެންމީހާގެ ރަހިމުގައި އިންދައިގެން އޭނާ އަންހެން ކުއްޖަކު ވިހާފައި ވެއެވެ. އެކުއްޖާގެ އުމުރަކީ މިހާރު 30 އަހަރެވެ. އަންހެން މީހާގެ އުމުރަކީ މިހާރު 62 އަހަރެވެ.
އޭގެ ތެރޭން ދެން އޮތް 3 އެމްބްރިއޯ ގަނޑުކޮށްފައި ލެބޯޓްރީން ރައްކާކޮށްފައި އޮތީއެވެ. 30 އަހަރު ފަހުން އެއިން އެއް އެމްބްރިއޯ ގަރުބަ ގެންނެވުމުން 26 ޖުލައި ގައި މިކުއްޖާ އުފަންވީ އެވެ. ކުއްޖާއާ ވިރާސީ ގޮތުން ގުޅޭ އަންހެންމީހާ ބުނަނީ މިކުއްޖާ ވިހޭއިރު ފެންނަ ފެނުމުން އޭނާ އެންމެ ވައްތަރީ، މީގެ 30 އަހަރު ކުރިން ވިހެއި އަންހެން ދަރުފުޅާ ކަމަށެވެ.
މިކަމާ ގުޅިގެން އުފެދޭ ގާނޫނީ ސުއާލުތައް:
އެމެރިކާގައި އެމްބްރިއޯއަކީ، ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ދިރިހުރި ފުރާނައެއް ނޫނެވެ. އެމްބްރިއޯގެ ހުކުމަކީ އެހެން މުދަލަމާ މެދު ވެސް އޮންނަ ފަދަ ޙުކުމެކެވެ. އެއީ ގަނެ ވިއްކައި ހެދޭނެ އެއްޗެކެވެ. އަދިު ދެމަފަރިއަކު އެމްބްރިއޯއެއް ގަނޑުކޮށްފައި ލެބޯޓްރީއެއްގައި ބާއްވާފައި ވަނިކޮށް ވަރި ވެއްޖެނަމ، ނޫނީ ދެބަސްވުމެއް އުފެދިއްޖެނަމަ، އެހެން މުދަލެއް ވެސް ބެހޭ ފަދައިން މި އެމްބްރިއޯވެސް ދެ މީހުންގެ މެދުގައި ހަމަހަމައަށް ބަހާލަން ޖެހެއެވެ!
އެހެންވެ، އެމެރިކާގެ ގާނޫނު ބުނާ ގޮތުން ތާޑިއަސްއާ ބެހޭ ހުރިހައި ގާނޫނީ ޒިންމާއެއް ލިބިގެން ވަނީ އޭނާގެ "ގާނޫނީ" މައިންބަފައިންނަށެވެ. އަދި ވާރުތަ ވާނީވެސް އެމީހުންގެ ފަރާތުންނެވެ. ވިރާސީ މައިންބަފައންނަށް އޭނާގެ މައްޗަށް އެއްވެސް ހައްގެއް ނުވަތަ ޒިންމާއެއް ނޯންނާނެއެވެ.
އެމެރިކާގައި މި ފަދަ މުއާމަލާތްތަކުގައި ކަންކަން ކުރަނީ އެއްބަސްވުންތައް ހަދައިގެންނެނެވެ. އެފަދަ ކޮންޓްރެކްޓްތައް ހަރުދަނާ ވެފައި އެއަށް އަމަލު ކުރަން ލާޒިމު ކުރެއެވެ.







