ޔަހޫދީންގެ ހޮލޮކޯސްޓްގައި މިއަދު ބަނޑަށް ޖައްސައިގެން ފަލަސްޠީނުގެ 7 މީހުން ޝަހީދުކޮށްފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ހޮލޮސްކޯސްޓް ހިންގަން ފެށިފަހުން ޣައްޒާގައި މީހުން ބަނޑަށް ޖެއްސުމުގެ ސަބަބުން 93 ކުޑަކުދިންނާ އެކު މިހާތަނަށް 169 ފަލަސްތީނު މީހުން ބަނޑަށް ތިބެގެން ޝަހީދުވެފައި ވެއެވެ.
ޔަހޫދީން ދަނީ އެހީވެއްދުމަށް ހުރަސް އަޅަމުންނެވެ. އަދި ވައްދާ އެހީގެ ގާފިލާތަށް ޔަހޫދީ ސިފައިންގެ ވާގިވެރިކަމާއެކު ލޫޓުވާލައެވެ. ނޫނީ އެތަކެތި ދާންވާ ތަންތަނަށް ނުފޯރާ ހަލާވާން ދޫކޮށްލައެވެ.
އެހީ ބެހުމުގެ މަސައްކަތުގައި އުޅޭ އެމެރިކާގެ ކުލީ ސިފައިން ގާތަށް އެހީ ހޯދަން އަންނަ މީހުންނާ ދިމާއަށް ޔަހޫދީން ބަޑިޖަހައި އެތައް ސަތޭކަ މީހުން މިހާތަނަށް ޝަހީދުކޮށްފައި ވެއެވެ.
ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ މަސްދަރަކުން ބުނިގޮތުގައި މިއަދު މަރުވި އުމުރުން 17 އަހަރުގެ އާތިފް އަބޫ ޚަތަރު މަރުވިއިރު އޭނާގެ ބަރުދަން ވަނީ 70 ކިލޯ އިން އެންމެ 25 ކިލޯ އަށް ދަށްވެފައެވެ.






