އިންޑިއާއިން ރަޝިޔާ ތެޔޮ ގަތުން ނުހުއްޓާނެ ކަމަށް ބުނެފި

އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާނުލާނެ ކަމަށް، އެގައުމުގެ ސަރުކާރުގެ މަސްދަރުތަކުން ބުނެފިއެވެ. އަދި ރަޝިޔައިން ތެޔޮ ގަތުމަށް އެއްބަސްވެފައިވާ ކޮންޓްރެކްޓްތަކަކީ ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ ރަޝިޔާ އިން ތެޔޮ ގަންނަނަމަ އިންޑިއާ އާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް، އިންޑިއާގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ރަޝިޔާ ތެޔޮ ލިބޭ އަގު ބޮޑުވުމާ ގުޅިގެން އިންޑިއާގެ ސަރުކާރު ހިންގާ ތެޔޮ ކުންފުނިތަކުން ވަގުތީ ގޮތުން ރަޝިޔާ ތެޔޮ ގަތުން ހުއްޓާލާފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރަޝިޔާއާ އިންޑިއާގެ ގުޅުން ވަރަށް ވަރުގަދަ ކަމަށާއި، އެހެން ގައުމަކަށް ބޯލަނބާލުމަށް އިންޑިއާގެ ގުޅުންތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. މިއީ އިންޑިއާގެ މިނިވަން ޚާރިޖީ ސިޔާސަތުގެ ދަށުން ނެގިފައިވާ ފިޔަވަޅެއް ކަމަށާއި އެކަން އެގޮތަށް އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާއަކީ އިންޑިއާއަށް އެންމެ ގިނައިން ތެޔޮ ވިއްކާ ގައުމެވެ. އިންޑިއާގެ ޖުމްލަ ތެޔޮ އެތެރެކުރާ މިންވަރުގެ 35 އިންސައްތައަކީ ރަޝިޔާއިން ގެންނަ ތެލެވެ. މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ދުވާލަކު 1.75 މިލިއަން ފީފާ ތެޔޮ ރަޝިޔާއިން އިންޑިއާއަށް ގެނަސްފައި ވެއެވެ. ރަޝިޔާގެ ކުންފުނިތަކުގެ ބޮޑު ހިއްސާއެއް އޮންނަ ނަޔާރާ އެނަރޖީއަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

 

ހިއްސާ ކުރައްވާ!