ހޮލޮކޯސްޓް ހިނގަމުން ދިޔަނަމަވެސް ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާ ފަރާތްތަކަށް އެކަމުން އަސަރެއް ނުކުރެއެވެ. އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ނޮބެލްގެ ސުލްހައިގެ އިނާމަށް ހުށަހެޅި 3 ވަނަ ފަރާތަކީ، ކެމްބޯޑިއާ އެވެ. ކެމްބޯޑިއާއިން ބުނަނީ ތައިލެންޑާއެކު ކުރި ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް އެހީވެދިން ކަމަށެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ނައިބު ސަން ޗަންތޯލް ވަނީ ހުކުރު ދުވަހު ނޮމްޕެން އިން ޓްރަމްޕް ސުލްހައިގެ އިނާމަށް ހުށަހަޅާކަން އިޢުލާން ކުރައްވާފައެވެ.
ފަސް ދުވަހުގެ ހަނގުރާމައިގައި 43 މީހުން މަރުވެ، ބޯޑަރުގެ ދެފަރާތުން ތިން ލައްކައަށް ވުރެ ގިނަ މީހުން ވިއްސިވިހާލި ވެފައި ވެއެވެ. މި ހަމަނުޖެހުން ކޮންޓްރޯލު ކުރެވުނީ، ޖުލައި 26 ވަނަ ދުވަހު ތައިލެންޑްގެ އެކްޓިންގ ބޮޑުވަޒީރު ފުމްތަމް ވެޗަޗައި އަށް ރައީސް ޓްރަމްޕް ގުޅުއްވުމާ ގުޅިގެން ކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފައި ވެއެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ބޮޑު ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ މެލޭޝިއާގައި ބޭއްވި ބައްދަލުވުމުގައެވެ.
ޣައްޒާގައި ނަސްލު ސާފުކޮށްލުމަށް ބޭނުންވާ ކަމާއި އެކަން ކުރާނެ ގޮތުގެ ޕްލޭނެއް ދުނިޔެއަށް ހުށަހެޅި ޓްރަމްޕް ނޯބެލްގެ ސުލްހައިގެ އިނާމަށް އެންމެ ފުރަތަމަ ހުށަހެޅީ ޕާކިސްތާންގެ ބާރުގަދަ ޖެނެރަލް ފީލްޑް މާޝަލް އާސިމް މުނީރެވެ. އެއަށްފަހު ޣައްޒާ ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫއެވެ.



