މަސްތުވާތަކެއްޗާއި ބްލެކްމެއިލް މައްސަލަތަކުގައި 12 މީހަކު ހައްޔަރުކޮށްފި

މާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފައިވާއިރު، ބްލެކްމެއިލްކޮށްގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލާގަނެފައިވާ މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ދެ މައްސަލައާ ގުޅިގެން ޖުމްލަ 12 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މާލެއިން 10 މީހަކު ހައްޔަރުކުރި މަސްތުވާތަކެތީގެ މައްސަލަ:

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޭކުރެންދޫ ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ، ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) އަދި ސ. ހުޅުދޫ، ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) އެވެ.

ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ވަގުތީ ބަރުދަނުގައި 66.92 ގުރާމުހުރި ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް މީހުން ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައެވެ. އަދި ތިން މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަ:

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ އަތުލާގަނެފައިވާ މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މައްސަލައާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، 32 އަހަރުގެ މުޙައްމަދު ފަވާޒު ލުޠުފީއާއި، މއ. ޔެލޯޑައިމަންޑް، 33 އަހަރުގެ އާމިނަތު ފައިނާޒް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައި ވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުޠުފީ ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!