ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫގެ ދަރި، ޕިއަސް މޯގަންއާ ޒުވާބުކޮށްފި

ޔަހޫދީ ޒަޔަނިސްޓުން ޣައްޒާގައި ހިންގަމުން ގެންދާ ހޮލޮކޯސްޓްގައި ކުޑަކުދިންގެ ގަޔަށް ބަޑިޖަހައި މަރާލާ މައްސަލަތަކުގެ ތަފާސްހިސާބު އެއްކޮށް އެކަމާ ގުޅޭ ދިރާސާއެއް ބީބީސީ އިން ވަނީ އެކުލަވާލާފައެވެ.

ބީބީސީން އެކަމާ ގުޅިގެން ޝާއިއުކުރި ދިރާސާގައި ދައްކަނީ، ހޮލޮކޯސްޓް ހިންގާ ޔަހޫދީން ޣައްޒާގައި 160 އަށް ވުރެ ގިނަ ކުޑަކުދިންގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން 95 މައްސަލައިގައި ބަޑި ޖަހާފައި ވަނީ އެކުދިންގެ ބޮލަށް ނުވަތަ މޭމައްޗަށެވެ. އަދި މިކުދިންނަކީ 12 އަހަރުން ދަށުގެ ކުދިންނެވެ.

ބީބީސީން މިދިރާސާ ހާމަކުރުމުން މީޑިއާގެ ނަންމަޝްހޫރު އިނގިރޭސި ޝަޚުސިއްޔަތެއް ކަމަށްވާ ޕިއަސް މޯގަން އޭނާގެ މީސްމީޑިއާ އެކައުންޓުން ޔަހޫދީ ނާޒީ ލަޝްކަރަށް މަލާމާތް ކުރަމުން ބުނެފައި ވަނީ މިފެންނަނީ "ދުނިޔޭގެ އެންމެ އަޚްލާގީ ލަޝްކަރު" ގެ ފަންނުވެރިކަން ކަމަށެވެ!

އޭގެ ފަހުން ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫގެ ދަރި ޔާއިރު ނަތަންޔާހޫ ވަނީ މޯގަންއާ ސިލްސިލާ ޕޯސްޓްތަކެއްގައި ޒުވާބު ކޮށްފައެވެ.

ނަތަންޔާހޫ ދަރި: "… ތިޔަ އުޅެނީ މުޅިންވެސް ނާޒީން އުޅޭ ވައްތަރަށް. އުންމީދު ކުރަން ގަތަރުން ކަލޭމެންނަށް ރަނގަޅަށް މުސާރަ ދެމުންދާ ކަމަށް،" އަދި އިތުރަށް ބުނެފައި ވަނީ "ކަލޭގެ ބޭބެ އަފްޣާނިސްތާނާއި އިރާގުގައި ސިފައިންގެ ތެރޭގައި އުޅެއް ނޫންތަ؟ އެގައުމުގައި ނޭޓޯ އާއި އިނގިރޭސި ސިފައިން ބަޑިޖަހައި ދިހަހާސް މައުސޫމް ކުދިން މަރާލިއެއް ނޫންތަ؟"

ޕިއާސް މޯގަން: "ކަލޭގެ ތިޔަ ހަރުކަށި ވާހަކަތައް ނިމިގެން ބަފާ ކައިރީގައި ބުނެބަލަ! އަހަރެން ވާނެ އޭ، 7 އޮކްޓޯބަރުން ފެށިގެން އިންޓަވިއުކުރަން ބޭނުންވާ ކަމަށް ބުނެ މެސެޖުކޮށްފައި. އެއަށް ރައްދު ދީބަލާށޭ ބުނެ ބަލަ! އަހަރެން ކުރަން ބޭނުން ސުވާލުތަކެއް އެބަހުރި. ޝުކުރިއްޔާ."

ނަތަންޔާހޫ ދަރި: "ޓްވިޓާއިން ފެންނަ ކޮންމެ ނާޒީ އަދި ޔަހޫދީންނާ ދެކޮޅުވެރި ކޮންމެ މީހަކަމަށް އަހަރެންގެ ބައްޕަ އިންޓަރވިއު ދީއެއް ނޫޅޭނެ!" އަދި އިތުރަށް ބުނީ "ބައްޕަ ހިޒްބުاللهގެ  ޗެނަލްތަކަށް، ނުވަތަ އާޔަތުاللهގެ  ޗެނަލްތަކަށް، ނުވަތަ އެފަދަ ތަންތަނަށް އިންޓަވިއު ދީއެއް ނޫޅޭނެ. ޔަހުދީންނާ ދެކޮޅުވެރި ނާޒީ ގެ ވައްތަރު ޓީވީތަކަށް އިންޓަވިއު ދޭން ބޭނުންވާނީ ކާކު؟"

އަދި މޯގަންއާ ސުއާލު ކުރަމުން ބުނަނީ: "ކަލޭގެ ބޭބެއާ އިންޓަވިއުކޮށް ބަލަ، ނޭޓޯގެ ބައެއްގެ ގޮތުގައި އިނގިރޭސި ސިފައިން އަފްޣާނިސްތާނާއި އިރާގުގައި ދިހަހާސް އާންމުން މަރާލީ ކީއްވެތޯ ނު އަހާނަންތަ؟"

ޕިއަސް މޯގަން: "ކަލޭ މިހާރު ތިހިރީ ކަޓާފަ!"

ނަތަންޔާހޫ ދަރި އެއަށްފަހު އިނގިރޭސިންނަށް ބަދުބަސް ބުނަމުން ބުނެފައި ވަނީ  އިނގިރޭސިވިލާތުން އަފްޣާނިސްތާނާއި އިރާގަށް އަރައިގަތީ، އެ ދެ ޤައުމުން އިނގިރޭސިވިލާތަށް އެއްވެސް ކަމެއް ނުކުރަނިސް ކަމަށެވެ. އެކަމަކުވެސް އެ ދެ ގައުމުގައި 10 ހާސް މީހުން މަރާލި ކަމަށެވެ. އަދި އެކަމުގައި މޯގަންގެ ބޭބެ ބައިވެރިވި ކަން އޭނާއަށް ހަނދާން ކޮށްދިނެވެ.

އަދި އިތުރަށް ބުނެފައި ވަނީ އިނގިރޭސިވިލާތުން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ބިންތައް ހިފައި އެތަންތަނުގެ އަސްލު ވަޒަންވެރިންގެ ނަސްލުތައް ނައްތާލިކަން ވެސް އެނގޭ ކަމަށެވެ.

އަދި ނަތަންޔާހޫ ދަރި ބުނެފައި ވަނީ، އިނގިރޭސިވިލާތަކީ، ޔޫރަޕްގެ ޔަހޫދީން ބަލައިގަތުމަށް ދެކޮޅު ހަދައި، ނާޒީންނާއި ހޮލޮކޯސްޓްގައި ބައިވެރިވި ގައުމެއް ކަމެވެ. އަދި ކުރިމަގުގައި އިނގިރޭސިވިލާތުގައި އިސްލާމީ ޝަރީއާ ގާއިމް ކުރާނެ ކަމަށާއި އޭރުން ޔަހޫދީން މިހާރު ބުނާ ވާހަކަ އިނގިރޭސިންނަށް ވިސްނޭނެ ކަމަށެވެ.

މޯގަން: "އަހަރެން ކުރިންވެސް ބުނިހެން މަގޭ ޝޯއަށް އައިސް ތިޔަ ޚިޔާލުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްލަމާ ހިނގާ. ކަލޭ ނާންނަނީނަމަ އެންމެންނަށްވެސް އެނގޭނެ ކަލޭ ފިލާ ހުރެގެން ދޮގު ވާހަކަތައް ދައްކަނީކަން."

މި ޒުވާބު ދިޔައީ ވަރަށް ހުތުރު ގޮތަކަށެވެ.

ހިއްސާ ކުރައްވާ!