އެމެރިކާ ރައީސުންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދޭން އުޅުނު ދައްލާލެއްގެ ރައްޓެއްސަކަށް އުޅުނު މީހަކު އޭނާގެ ޕްރެސް ސެކްރެޓަރީއަށް އާދަޔާ ޚިލާފަށް ޚުޝާމަދުކޮށްފިނަމަ އާންމުން އެކަމާ މެދު ނުތަނަވސް ވާނެއެވެ. މިފަހަރު މިވީ އެހެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް އަށް އާދަޔާ ޚިލާފް ގޮތަކަށް ޚުޝާމަދުކޮށްފައެވެ.
ޓްރަމްޕް ބުނަނީ، ލީވިޓަކީ، މިހާތަނަށް އެއްވެސް ލިބިފައި ނުވާފަދަ ގަދަ ސެކްރެޓަރީ އެއް ކަމަށެވެ. ނިއުސްމެކްސް އަށް ދިން އިންޓަވިއުގައި ޓްރަމްޕް ވަނީ އޭނާއަށް ނޯބެލްގެ އިނާމު ލިބުމަށް އެދި ހުށަޅި ފަރާތްތަކާ ބެހޭ ގޮތުން ދެއްކި ވާހަކައިގައި ލެވިޓް އޭނާއާ ބެހޭ ގޮތުން ބުނެފައިވާ ހެޔޮ ބަސްތަކަށް ތައުރީފުކޮށްފައެވެ.
އަދި އޭނާގެ ގުނަވަންތަކުގެ ތައުރީފް ކުރަން ފެށުމުން މީހުންނަށް ވަނީ އެކަމާ ގަޔާ ނުވާކަމަށް ބުނެފައެވެ.
"އޭނާ ތަރިއަކަށް ވެއްޖެ. އެއީ އެ މޫނު. އެއީ އެ ސިކުނޑި. އެއީ އެ ތުންފަތް، އެ ހެރެ ތުންފަތެއް ހެލިލާ ގޮތެއް. ހީވަނީ މެޝިން ބަޑިއެއް ހެން ހަރަކާތްތެރިވާ ތުންފަތެއް،" ޓްރަމްޕް އިންޓަރވިއުގައި ބުންޏެވެ. އަދި ކެރޮލިންއަށް ވުރެން މޮޅު ޕްރެސް ސެކްރެޓަރީއެއް އެއްވެސް މީހަކަށް ލިބޭނެކަމަށް ނުދެކޭ ކަމަށް ބުންޏެވެ.
އުމުރުން 27 އަހަރުގެ ލީވިޓަކީ ޓްރަމްޕްގެ ފަސް ވަނަ ޕްރެސް ސެކްރެޓަރީ އެވެ. އަދި އޭނާގެ ދެވަނަ ދައުރުގެ ފުރަތަމަ ޕްރެސް ސެކްރެޓަރީ އެވެ.
މީސްމީޑިއާގައި މީހުން ބުނެފައި ވަނީ ޓްރަމްޕްގެ ވާހަކަތަކަކީ ރައީސަކު ދައްކާ ވައްތަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މުސްކުޅިއަކު ދައްކާ ހީބިހިނަގާ ވައްތަރުގެ ވާހަކައެއް ކަމަށް މީހުން އެވާހަކަ ސިފަކުރިއެވެ.







