ޣައްޒާ އެއްކޮށް ހިފަން އަންގައި އެކަމަށް ނުރުހޭނަމަ ސިފައިންގެ ވެރިމީހާ އިސްތިއުފާ ދޭން އަންގައިފި

ޣައްޒާގެ ބިމުގެ ހުރިހައި ސަހައްދެއް އެއްކޮށް ހިފައި ނަސްލު ސާފުކޮށްލައި އެތަންތަނުން ފަލަސްޠީނު މީހުން ފައްސާލުމަށް ނިންމާފައިޥާ ކަމަށް ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫ އިއުލާން ކޮށްފިއެވެ. އޭނާ ބުނެފައި ވަނީ ޣައްޒާގެ ކޮންމެ އިންޗިއެއްގައި ޔަހޫދީ ސިފައިންގެ ބާރު ހިނގަން ވާނެ ކަމަށެވެ.

މި ފަދަ އަސްކަރީ އޮޕަރޭޝަނަކީ އިޒްރޭލުގައި ގިނަ ބަޔަކު ނުރުހޭ އޮޕަރޭޝަނެއް ކަމުން ޔަހޫދީ ކަލޭގެ ބުނެފައި ވަނީ އޮޕަރޭޝަންގެ މަގްސަދަކީ، ޣައްޒާގެ ކޮންމެ އިންޗިއެއްވެސް ޔަހޫދީންގެ ބާރުގެ ދަށަށް ގެނަސް، ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން ހޯދައި މިނިވަންކުރުން ކަމަށެވެ.

ޣައްޒާގައި ދުނިޔެއަށް ދައްކައިގެން ހޮލޮކޯސްޓް ހިންގަމުން ގެންދާ ނަތަންޔަހޫ ވަނީ އެކްސްގައި އޭނާގެ އޯޑަރު އިއުލާން ކޮށްފައެވެ.

އިޒްރޭލު ސިފައިންގެ ތެރެއިން ގިނަ ބަޔަކާއި ކުރިން ސިފައިންގެ އިސްވެރިންގެ ގޮތުގައި ތިބި ބަޔަކުވެސް ބުނެފައި ވަނީ މިހާތަނަށް ހިންގާފައިވާ އެއްވެސް އޮޕަރޭޝަނަކުން ޣައްޒާއިން އެދެވޭ ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށާއި މި ހޮލޮކޯސްޓަކީ ކާރިސާއެއް ކަމަށެވެ. އަދި ހަމާސް ބަލި ނުކުރެވޭނެ ކަމަށްވެސް އެމީހުން ބުނެއެވެ. އެކަމާ ގުޅިގެން ޔަހޫދީ ކަލޭގެ އޮފީހުން ވަނީ ހަރުކަށި މެސެޖެއް ފޮނވާފައެވެ.

ނަތަންޔާހޫގެ އޮފީހުން ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒާމިރަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ "މިކަން ތިބާމެނަށް ކަމުނުދާ ނަމަ ޖެހޭނީ އިސްތިއުފާ ދޭން" ކަމަށެވެ.

އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ގޮތާ ނަތަންޔާހޫ އާއި ޒާމިރުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. އަދި މިކަން ވަނީ ދެ ފަރާތް ދެމެދު ބަހުގެ ހަނގުރާމައަކަށް މިހާރު ބަދަލުވެފައެވެ.

ނަތަންޔާހޫ މިކަން އިއުލާން ކުރީ ގަތަރުގައި އިސްރާއީލާއި ހަމާސްއާ ދެމެދު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތައް ޔަހޫދީން ނާކާމިޔާބު ކުރުމަށް ފަހުއެވެ. އަދި ޔަހޫދީންގެ ހޮލޮކޯސްޓާ ހެދި ދުނިޔެއަށް ޒަޔަނިސްޓުން ނުހޮރޮއްޕާނަކަށް ވެފައިވާ ކަމަށް ދުނިޔެއިން ދެކެމުން ދިއުމާ ގުޅިގެން ޔަހޫދީންގެ އަގު ވެއްޓިފައިޥާ ދަނޑިވަޅެއްގައެވެ.

ޔަހޫދީން ވަނީ ޣައްޒާ އެއްކޮށް ހިފުމަށްފަހު ދެން އަމަލު ކުރާނެ ޕްލޭނެއްވެސް އެކުލަވާލާފައެވެ. މި ޕްލޭނަކީ، ޑިސެމްބަރު 2023 ގައި އެކުލަވާލާފައިވާ ޑޮކިއުމެންޓެއް ކަމަށް މީޑިއާއިން ބުނެއެވެ. އެއީ، "ޣައްޒާ ސެކިއުރިޓީ އެންޑް ރިކަވަރީ ޕްރޮގްރާމް، ހައު ޝުޑް ދަ ޑޭ އަފްޓަރ ލުކް ލައިކް" ގެ ނަމުގައި އެކުލަވާލާފައިވާ 32 ޞަފްޙާގެ އެކަޑަމިކް ޕޭޕަރެކެވެ. މި ދިރާސާ އެކުލަވާލި ފަރާތްތަކުން ވަނީ އިސްރާއީލު ސަރުކާރަށް އެ ދިރާސާ ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!