އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މިފްކޯއާ ދެމެދު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ޚާއްސަކޮށް ކުޅެދިފައިވާ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް އެހީތެރިވެ ދިނުމެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، ޚާއްސަކޮށް ކުޅެދިފައިވާ މީހުން މަސައްކަތުގެ މައިދާނަށް ނެރެ، އެމީހުން ބާރުވެރިކުރުވުމުގެ މައިގަނޑު އަމާޒަކީ އެހެން މީހުންނަށް ނަމޫނާއަކަށްވެ، މުޖުތަމަޢުގެ ބޭނުންތެރި އަފްރާދުންގެ ގޮތުގައި އެފަރާތްތައް ހެދުމެވެ.
މި އެއްބަސްވުމުގެ ދަށުން، ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަށީގެންވާ މާޙައުލެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ޚާއްސަ ގޮތަކަށް ކުޅެދިފައިވާ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން މީހުންގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޢިއްޒަތްތެރި ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިއީ އުފާވެރި، ފުދުންތެރި އަދި ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ރައިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ވެސް ބެލެވެއެވެ.



