އިސްރާއީލުގެ ޒަޔަނިސްޓް ސިފައިން މައިދާނުގައި ތިބެން ޖެހޭ މުއްދަތު ހަތަރު މަސް ދުވަހަށް އިތުރުކުރުމަށް ނިންމި އަމުރު ކެންސަލް ކޮށްފިއެވެ. އެ އަމުރު ކެންސަލް ކޮށްފައި ވަނީ ޔަހޫދީ ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވުމާއި ސިފައިންގެ ސަފުތަކުގެ ތެރޭގައި ވަރުބަލިކަން އިތުރުވަމުންދާތީ އެވެ.
އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިން އޮތޯރިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިފައިން މައިދާނުގައި ތިބެން ޖެހޭ މުއްދަތު 4 މަހަށް އިތުރު ކުރީ މީގެ ދެ ހަފްތާ ކުރިން ޖެނެރަލް ސްޓާފްގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހުއެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށްފައި ވަނީ ރިޒާވް ސިފައިންގެ ޚިދުމަތުގެ މުއްދަތު އަހަރަކު 74 ދުވަހަށް ވުރެ އިތުރު ނުވާނެ ކަމަށް ކުރިން ނިންމާފައިވާ ނިންމުމާ އެއް ގޮތަށް އަމަލު ކުރުމަށް ޓަކައެވެ.
އިޒްރޭލު މީޑިއާއިން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިންގެ ތެރޭގައި ހަނގުރާމައަށް ދާމީހުން މަދުވުމުގެ ސަބަބުން މެންޕަވަރ ޑިވިޝަނުން ދާދި ފަހުން ވަނީ "އެމަޖެންސީ ކޯޑް 77″ ތަންފީޒުކޮށްފަ އެވެ. އެއީ ވީވަރަކުން އިރުތު މީހުން ސިފައިންގެ ތެރެއަށް ގެނައުމަށް މަޖުބޫރުކުރާ ކޯޑެވެ.
މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި އިސްރާއީލުގެ ސިފައިންގެ ތަހުގީގުން އެނގުނު ގޮތުގައި ޣައްޒާ ހަނގުރާމައާ ހެދި ސިފައިންގެ ތެރޭގައި ގިނަ އަދަދަކަށް މީހުން ދަންޖެހުން އާންމުވެފައި ވެއެވެ. އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިން އޮތޯރިޓީން އިއްޔެ ބުނީ 2025 ވަނަ އަހަރު ފެށުނީއްސުރެ 16 ސިފައިން އަމިއްލައަށް މަރުވެފައިވާ ކަމަށެވެ. ނަމަވެސް ރިޕޯޓު ކޮށްފައި ނުވާ އަދަދު މިއަށް ވުރެން އެތައް ގުނައަށް އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްރާއީލު ސިފައިންގެ ތެރޭގައު ނަފްސާނީ ފަރުވާ ހޯދުމަށް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ސިފައިންގެ އަދަދު ދިހަހާހަށް އަރާ ކަމަށް ވެއެވެ.
އިސްރާއީލު ސަރުކާރުން ވަނީ ޣައްޒާގެ އޮޕަރޭޝަންތަކުގައި ހަމާސްއިން ނައްތާލާ ޔަހޫދީންގެ ޚަބަރާއި މަންޒަރު ގެނަސް ދިނުން ކޮންޓްރޯލު ކުރުމަށްވެސް ފިޔަވަޅުތައް އަޅާފައެވެ.






