ޕާކިސްތާނުން ޗައިނާއަށް ޙިމާރު މަސް އެކްސްޕޯޓްކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރުމަށް ވިސްނަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޕާކިސްތާން މީޑިއާއިން ބުނި ގޮތުގައި ޗައިނާއިން ވަނީ ޕާކިސްތާނުން ޙިމާރު މަސް އެކްސްޕޯޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާފައެވެ.
މި ފިޔަވަޅު އެޅީ އިސްލާމްއާބާދުގައި ގަވާއިދާ ޚިލާފަށް ހިމާރު ކަތިލަން އުޅޭ މީހަކު މިދިޔަ މަހު އަތުލައި ގަތުމަށްފަހު އޭނާގެ އަތުން ގާތްގަނޑަކަށް ޓަނެއްހާ މަސް އަތުލައިގަނެ 50 ދިރިހުރި ހިމާރު ސަލާމަތް ކުރުމަށް ފަހު ކަމަށް މީޑިއާއިން ބުނެ އެވެ.
ޗައިނާއަކީ ކެއުމުގައި ޙިމާރު މަހާއި ހަމުގެ ބާވަތްތައް ގިނައިން ބޭނުން ކުރާ ޤައުމެކެވެ. އަދި ސަގާފީ ބޭހެއްކަމަށްވާ އީ-ޖިއާއޯއަށް ޖެލެޓިން އުފެއްދުމަށް ހިމާރުގެ ބާވަތްތައް ބޭނުންކުރުމަށް ބޮޑު މާކެޓެއް ވެސް މެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ފުޑް ސެކިއުރިޓީ އެންޑް ރިސާޗް ޕާކިސްތާނުން ދަނީ ޗައިނާގެ ކުންފުނިތަކުގެ އެޕްލިކޭޝަންތައް މުރާޖައާ ކުރަމުންނެވެ. އަދި ރެގިއުލޭޓަރީ ޝަރުތުތައް ފުރިހަމަވުމުން، ޗައިނާއަށް ހިމާރު މަހާއި އޭގެ ބައިޕްރޮޑަކްޓް އެކްސްޕޯޓް ކުރުމުގެ ހުއްދަ ކުންފުނިތަކަށް އާންމުކޮށް ހުޅުވާލާނެ ކަމަށް މީޑިއާގައި ބުނެފައި ވެއެވެ.
ޗައިނާއަށް މި ތަކެތި އެކްސްޕޯޓު ކުރާއިރު އެކްސްޕޯޓު ކުރާނީ އެފަދަ ވިޔަފާރިއެއްގެ ހަމައެކަނި ޕްރޮސެސިން އަދި އެކްސްޕޯޓް ޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަލޫޗިސްތާނުގެ ގަވަދާރް ޕޯޓު ނޫނީ ވައިގެ ބަނދަރު މެދުވެރިކޮށެވެ.
ޕާކިސްތާން ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީބީއެސް) އިން ޖޫން މަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޕާކިސްތާނުގައި ވޭތުވެދިޔަ އަހަރު ތެރޭގައި 109،000 ހިމާރު އިތުރުވެފައި ވެއެވެ. އަދި ޖުމުލަ ހިމާރުގެ އަދަދު 6 މިލިއަނަށް ވުރެން އިތުރު ވެފައި ވެއެވެ.
ޗައިނާގެ ސަގާފީ ބޭސްވެރކަމަށް ޓަކައި އީ-ޖިއާއޯ ގެ ބޭނުމަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 5.9 މިލިއަން ޙިމާރުގެ ހަން ބޭނުން ވެއެވެ. މިއީ ދުނިޔޭގެ އާބާދީތަކަށް މީގެ ކުރިން ނުފެންނަ ފަދަ ޕްރެޝަރެކެވެ.
ނިއުސް އެޖެންސީ ރޮއިޓާސް އިން މިދިޔަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އީ-ޖިއާއޯ އަށް ޗައިނާގައި ޑިމާންޑް އިތުރުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު އެތައް މިލިއަން ޙިމާރު ކަތިލުމަށް މަޖޫބުރު ވަމުންދާ ކަމަށެވެ.
އީ-ޖިއާއޯ އަކީ އުތުރުގެ ޝަންޑޮންގް ޕްރޮވިންސްގައި 3000 އަހަރުގެ ތާރީޚެއް އޮތް ބޭސްވެރިކަމެއް ކަމަށް ސަރުކާރުގެ ޗައިނާ ޑެއިލީ ނޫހުގައި ބުނެފައިވެ އެވެ. އެ ޕްރޮވިންސުން ޗައިނާގެ އީ-ޖިއާއޯ އުފެއްދުމުގެ %90 ހިއްސާކުރާ ކަމަށް ވެސް އެ ޕްރޮވިންސުން ބުނެ އެވެ.
އެ ވައްތަރުގެ ބޭހަކީ "ގައުމީ ސަގާފީ ތަރިކައެއް" ކަމަށް ބެލެވޭ ބޭހެކެވެ. އަދި އެއީ، ޗައިނާގެ ސަގާފީ ބޭސްވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް އުފެއްދުން ކަމަށް ޗައިނާގެ ސަރުކާރު މީޑިއާއިން ބުނެ އެވެ.





