މީގެ 80 އަހަރު ކުރިން، މިފަދަ ދުވަހެއްގައި 1945 ވަނަ އަހަރުގެ އޮގަސްޓް 6 ވަނަ ދުވަސް އިންސާނިއްޔަތުގެ ތާރީޚުގައި އެންމެ ނުރައްކާތެރި ހަތިޔާރު ބޭނުންކުރެވުނު ދުވަހުގެ ގޮތުގައި ރެކޯޑުވެގެން ދިޔައެވެ. އެމެރިކާގެ "އެނޯލާ ގޭ" މަތިންދާބޯޓުން "ލިޓްލް ބޯއީ" ގެ ނަމުން މަޝްހޫރުވެފައިވާ އެޓޮމިކް ބޮން ޖަޕާނުގެ ހިރޯޝިމާ ސިޓީއަށް ވައްޓާލި ހިނދު، ސިކުންތުތަކެއްގެ ތެރޭގައި 80،000 އަށްވުރެ ގިނަ އިންސާނުން އެމެރިކާއިން މަރާލިއެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ކައިރިވެފައިވަނިކޮށް މި ނުރައްކާތެރި ހަމަލާ ދިނުމަށް އެމެރިކާއިން ނިންމީ "މެންހެޓަން ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސިއްރު މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ އިސް ސައިންޓިސްޓް ޖޭ ރޮބަޓް އޮޕެންހައިމަރ، ފުރަތަމަ ޓެސްޓް ކާމިޔާބުވުމާއެކު ބުނެފައިވަނީ "ދުނިޔެތައް ނައްތާލާ މަރު" އުފަންވެއްޖެ ކަމަށެވެ. އޭނާގެ އަމއިްލަ އުފެއްދުމަށް އޭނާ ހިތާމަ ކުރިއެވެ.

ހިރޯޝިމާއަށް އެމެރިކާއިން ދިން ހަމަލާގެ ތިން ދުވަސް ފަހުން، އިންސާނިއްޔަތަށް ފަރުވާލެއް ްބެހެއްޓުމަކާ ނުލައި އަނެއްކާވެސް އެމެރިކާއިން ނާގަސާކީއަށް ދެވަނަ އެޓޮމިކް ބޮން އެޅިއެވެ. މި ދެ ހަމަލާގެ ސަބަބުން ޖުމްލަ 200،000 އަށްވުރެ ގިނަ މީހުން މަރުވެ، އަދި އެތައް ބަޔަކަށް ރޭޑިއޭޝަންގެ އަސަރު ކޮށް އުމުރަށް ޒަޚަމްތަކުގެ ސަބަބުން ދިގުދެމިގެންވާ ގެއްލުމެއް ލިބި ނަސްލު ފަނާވެ، ފަހުން އެތައް ބަޔަކު މަރުވެފައިވެއެވެ. މި ޖަރީމާއިން މިއަދާހަމަށްވެސް އެމެރިކައިން މައާފަށް އެދިފައެއް ނުވެއެވެ. އަދި އެކަމަކާ އެމެރިކާއިން ހިތާމައެއްވެސް ނުގަނެއެވެ. ލަދެއްވެސް ނު ގަނެއެވެ. މުއައްރިޚުން ދެކޭގޮތުގައި މި ހަމަލާތަކަކީ ހަމައެކަނި ޖަޕާނު ބަލިކުރުމަށް ދިން ހަމަލާތަކެއް ނޫނެވެ. އެމެރިކާގެ މަގްސަދަކަށްވީ އެއީ އޭރު އެކުވެރިއެއްގެ ގޮތުގައި އޮތް ސޯވިއެޓް ޔޫނިއަނަށް ބިރުދެއްކުމަށް ސިޔާސީ މެސެޖެއް ދޭށެވެ.


އެޓޮމިކް ބޮމުގެ ނުރައްކާތެރިކަން ތަޖުރިބާކޮށް ވަޒަންކުރެވުނު ފަހުން، އޭގެ ތަރައްޤީގައި އިސްދައުރެއް އަދާކުރި ގިނަ ސައިންޓިސްޓުން ވަނީ އެމެރިކާގެ ވެރިންނަށް އުފައްދައި ދެވުނު ބޮމާމެދު ހިތާމަ ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އަލްބަޓް އައިންސްޓައިން އަދި އޮޕެންހައިމަރ ހިމެނެއެވެ. އައިންސްޓައިން ވަނީ ރޫޒްވެލްޓަށް ފޮނުވި ސިޓީގައި އެކަމުގައި އުޅުމަކީ އޭނާގެ ހަޔާތުގައި ހެދުނު "ބޮޑު ގޯހެއް" ކަމަށް ބުނެފައެވެ.
މިއަދު ހިރޯޝިމާ ވަނީ ސުލްހައިގެ ރަމްޒަކަށް ވެފައެވެ. އެމެރިކާއިން ހިންގި ޖަރީމާގެ ހަނދާނީ ބިނާއަކާއި މިއުޒިއަމްތަކުން އެޓޮމިކް ހަތިޔާރުގެ ނުރައްކާތެރިކަން ދުނިޔެއަށް ހަނދާންކޮށްދެއެވެ. ދުނިޔޭގައި އަދިވެސް 12،500 ނިއުކްލިއަރ ވޯހެޑް ހުރިއިރު، ހިރޯޝިމާގެ ހިތި ތަޖުރިބާއިން އިންސާނިއްޔަތަށް ލިބެންޖެހޭ އެންމެ ބޮޑު ފިލާވަޅަކީ ސުލްހައިގެ މަގު އިޚްތިޔާރުކުރުމެވެ.








