މީގެ 111 އަހަރު ކުރިން މިދުވަހު، 1914 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާގެ އޮހައިއޯގައި ފުރަތަމަ ޓްރެފިކް ސިގްނަލް ބެހެއްޓިއެވެ. ކާރު އީޖާދު ކުރުމުގެ ކުރިން ވެސް މަގުމަތީގެ ހަލަބޮލިކަމުން ސަލާމަތްވެ، އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ޓްރެފިކް ރެގިއުލޭޓް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން އެއިރުވެސް އިހުސާސް ކުރެވުނެވެ. 100 އަހަރަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ޓްރެފިކް ސިގްނަލްތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސާދާ މެނުއަލް ޑިވައިސްތަކުން ފެށިގެން މަބުގެ ޒަމާނީ ޓެކްނޮލޮޖީން ކޮންޓްރޯލު ކުރާ އިންޓެލިޖެންޓް ސިސްޓަމްތަކަށް ޓްރެފިކް ލައިޓް ވަނީ ބަދަލުވެފައެވެ.
ވޮޝިންޓަން މެގަޒިން އިން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން އެންމެ ފުރަތަމަ ޓްރެފިކް ލައިޓެއް ހަރުކުރީ 1868 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ، ލަންޑަންގައި އިނގިރޭސި ޕާލަމެންޓް އިމާރާތުގެ ކުރިމަތީގައި ގޭހުން ކަރަންޓް އުފައްދާ ފުރަތަމަ ޓްރެފިކް ސިގްނަލް އިންސްޓޯލް ކުރި ހިސާބުންނެވެ. އެލައިޓްތައް ކޮންޓްރޯލު ކުރަމުން ދިޔައީ ފުލުހަކު މެނުއަލްކޮށެވެ. ނަމަވެސް ގޭސް ސިގްނަލްތަކުގެ ނުރައްކާތެރިކަން ސާބިތުވެ، ގޮވުންތަކެއް ގޮވައި ފުލުހުންގެ ބައެއް އޮފިސަރުންނަށް އަނިޔާ ވުމުން އެއަށް ބަދަލު ގެނައެވެ.
އަދި ފަހުން ކާރުތަކުގެ އަދަދު އިތުރުވަމުން ދިއުމާއެކު 1912 ވަނަ އަހަރު އެމެރިކާގެ ފުލުހަކު ފުރަތަމަ އިލެކްޓްރިކް ސިގްނަލް އީޖާދުކުރިއެވެ. އަދި 1914 ވަނަ އަހަރު ކްލީވްލެންޑްގެ ހަތަރުއަނގޮޅީގައި ރަސްމީކޮށް ފުރަތަމަ ލައިޓް ބެހެއްޓިއެވެ. އަދި ގުޅިފައިވާ ވިއުގައެއްގައި ޓްރެފިކް ލައިޓްތައް އިންސްޓޯލް ކުރީ، 1917 ވަނަ އަހަރު ސޯލްޓް ލޭކް ސިޓީގައެވެ.
އެންމެ ބޮޑު ބަދަލެއް އައީ 1920 ވަނަ އަހަރު ޑެޓްރޮއިޓްގައި ފުލުހަކު ހަތަރު ފަރާތަށް ތިން ކުލައިގެ ޓްރެފިކް ސިގްނަލެއް ތަރައްގީ ކުރުމުންނެވެ.
ހިނގާ މީހުންނަށް ކަފި ހުރަސް ކައިރީގައި ޖަހާ ފައި ހުންނަ ހޮޅީގައި ލައިޓް ކޮންޓްރޯލު ކުރާ ސުއިޗު ފުރަތަމަ ހަރުކުރީ 1929 ވަނަ އަހަރު އެވެ.






