ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓްތައް ބުދަ ދުވަހުގެ ރޭ އެއްކޮށް ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ދަތުރު ފަށައިފިއެވެ. މިގޮތަށް ފްލައިޓްތަކުގެ ދަތުރު މެދު ކެނޑީ އެއަރލައިންގެ ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
އެއަރލައިންއިން ބުނީ މައްސަލަ ދިމާވި ޓެކްނޮލޮޖީގެ މައްސަލަ ރަނގަޅުކުރެވިފައިވާ ކަމަށާއި، ފްލައިޓްތަކަށް ލަސްވުން އުދަނގޫތައް ދިމާވާނެ ކަމަށް ބެލެވޭކަމަށާއި ނަމަވެސް، އާންމު ހާލަތަށް ޚިދުމަތްތައް އަނބުރާ ގެނައުމަށް އަވަހަށް މަސައްކަތް ކުރި ކަމަށެވެ. އަދި ފަސިންޖަރުން އެމީހުންގެ މަންޒިލްތަކަށް ފޮނުވުމަށް މަސައްކަތް ކޮށްދީފައި ވާނެ ކަމަށެވެ.
މި މައްސަލަ ދިމާވެފައިވަނީ "ޔުނިމެޓިކް" ކިޔާ މުހިންމު ސިސްޓަމަކަށެވެ. މިއީ ފްލައިޓްތަކުގެ މަޢުލޫމާތު ރައްކާކޮށް، އެހެން ސިސްޓަމްތަކަށް ފޯރުކޮށްދޭ ނިޒާމެކެވެ. ފްލައިޓް ވަގުތުތައް ޓްރެކްކުރުމާއި، އުދުއްސައި ގަތުމަށް ބޭނުންވާ ބަރުދަނާއި ބޯޓުގެ ބެލެންސް ކުރުމުގެ ހިސާބުތައް މި ސިސްޓަމުން ހަދައެވެ. ޒަމާންވެފައިވާ ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް ޔުނައިޓެޑް އެއާލައިނުން ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.
މި މައްސަލަ ފެށުނީ އެމެރިކާގައި ހަވީރުގެ ވަގުތެއްގައެވެ. އަދި ވަގުތުން މިއީ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް އެއަރލައިންއިން ބުންޏެވެ. ފްލައިޓް ޓްރެކިންގ ސައިޓްތަކުގެ މަޢުލޫމާތު ދައްކާގޮތުން، 60 އަށްވުރެ ގިނަ މުހިންމު ފްލައިޓް ކެންސަލްކުރެވި، 1,000 އަށްވުރެ ގިނަ ފްލައިޓްގެ ދަތުރަށް ބުރޫއަރައި ލަސްވެފައި ވެއެވެ.
މިފަދަ ޓެކްނޮލޮޖީއާ ގުޅުންހުރި މައްސަލަތަކަކީ ފަހަކަށްއައިސް އެއަރލައިންތަކަށް ދިމާވަމުންދާ މައްސަލަތަކެކެވެ. މިގޮތުން އަލާސްކާ އެއަރލައިންސްއަށްވެސް ޑޭޓާ ސެންޓަރެއްގެ ހާޑްވެއަރގެ މައްސަލައަކާ ގުޅިގެން ފްލައިޓްތައް ހުއްޓާލަން ޖެހުނެވެ. އަދި 2023 ގެ ކުރީކޮޅު، އެފްއޭއޭގެ ޕައިލެޓް އެލަރޓް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން، ސެޕްޓެމްބަރ 11 ގެ ޓެރަރިސްޓް ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް މުޅި ގައުމުގެ ފްލައިޓްތައް ހުއްޓާލަން ޖެހުނެވެ.







