މައިކްރޯސޮފްޓްގެ އެޒުއަރ މެދުވެރިކޮށް ފަލަސްތީނުގެ ޖެނޮސައިޑް ހިންގުމަށް އެހީވެދިނުން

މީޑިއާއިން ކުރިއަށް ގެންދިޔަ ތަހުގީގީ ރިޕޯޓެއްގައި، މައިކްރޯސޮފްޓްގެ އޭޒަރ ކްލައުޑް ސަރވިސް މެދުވެރިކޮށް އިސްރާއީލުގެ އިންޓެލިޖެންސް ޔުނިޓުން ފަލަސްތީނުގެ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޖާސޫސީ ހަރަކާތްތައް ހިންގާކަމަށް ތުހުމަތުކޮށްފިއެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން، އިސްރާއީލުގެ އިންޓެލިޖެންސް ޔުނިޓް 8200 އިން ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ރައްޔިތުންނަށް ފާރަވެރިވުމަށް މޮނިޓަރިންގ ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށާއި، މި ސިސްޓަމް މެދުވެރިކޮށް ކޮންމެ ދުވަހަކު މިލިއަނުން ގުނާ ލެވޭ ވަރަށް ފޯނު ކޯލްތައް ރެކޯޑުކޮށް، އައަރލެންޑް އަދި ނެދަލޭންޑްސްގައި ހުރި އެޒުއަރގެ ސަރވަރތަކުގައި ރައްކާކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މައިކްރޯސޮފްޓްގެ ފަރާތުން ނެރުނު ބަޔާނެއްގައި، އިސްރާއީލުގެ މިލިޓަރީއާއެކު އެޒުއަރގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއް އޮތްކަމަށް ބުންޏެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މި ޚިދުމަތް ބޭނުންކުރާކަން ދެނެހުރިކަން ނުވަތަ އެކަމުގައި ބައިވެރިވާކަން ނަފީކޮށްފައިވެއެވެ. އަދި ކުންފުނީގެ ސީއީއޯ ސަތްޔާ ނަދެއްލާއަށްވެސް ސާވާތަކުގައި ރައްކާކުރެވޭ މައުލޫމާތުގެ ބާވަތް އެނގިފައިނުވާނެ ކަމަށް ބުނެފައިވެއެވެ.

މި ހާމަވުންތަކާ ގުޅިގެން މައިކްރޯސޮފްޓްގެ މުވައްޒަފުންގެ ފަރާތުން  އިހުތިޖާޖުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މައިކްރޯސޮފްޓަކީ މީގެ ކުރިންވެސް މިފަދަ ތުހުމަތެއް ކުރެވިގެން ފާހަގަ ކުރެވިފައިވާ އަދި ދެކޮޅުވެރިކަން ދައްކާފައިވާ ކުންފުންޏެކެވެ. އަދި ދެކޮޅު ހަދާ މީހުންގެ ތެރޭގައި އިންޖިނިއަރ ޖޯ ލޯޕެޒް ވަނީ އެއްފަހަރެއްގައި ސީއީއޯގެ ކީނޯޓް ސްޕީޗެއް ހުއްޓުވާލައި، ފަލަސްތީނު ރައްޔިތުންނަށް ތާއީދު ކޮށް ވާހަކަ ދައްކާފައެވެ.

މި ރިޕޯޓު އައިސްފައި ވަނީ ޔަހޫދީން ޣައްޒާގައި ހޮލޮކޯސްޓް ހިނގާ ކަމަށް ބައިނަލްއަގުވާމީ ފޯރަމްތަކުގައި އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ހާމަވުންތަކާއެކު، ޓެކްނޮލޮޖީ ކުންފުނިތަކުން ދުނިޔޭގެ ހަނގުރާމަތަކާއި ޖާސޫސީ ހަރަކާތްތަކުގައި އަދާކުރާ ދައުރާމެދު އަޚްލާގީ ސުވާލުތައް އުފެދިފައިވެއެވެ.

ހިއްސާ ކުރައްވާ!