އެމެރިކާއިން ފިއްތިއަސް އިންޑިއާއިން އަމިއްލަ މަސްލަހަތު ހިމާޔަތް ކުރާނެ: މޮދީ

ވިޔަފާރީގެ ފިތުނަތައް އިތުރުކޮށް، އެމެރިކާއިން އިންޑިއާގެ މުދަލުން %50 ގެ ބޮޑު ޓެރިފެއް ނަގަން ނިންމުމުން އިންޑިއާގެ ދަނޑުވެރިންނާއި މަސްވެރިންނާއި ކިރު އުފައްދާ ފަރާތްތައް ހިމާޔަތް ކޮށްދޭނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އެމެރިކާއަށް ގޮން ޖައްސަވައިފިއެވެ.

އެމްއެސް ސްވަމިނަތަން ސެންޓެނަރީ އިންޓަނޭޝަނަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ އިންޑިއާއިން ރަޝިޔާގެ ތެލާއި އަސްކަރީ ސާމާނު ގަތުން ކުރިއަށް ގެންދާނީ އެމެރިކާއިން ދަތިކުރާ މައްސަލައަށް ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ފުރަތަމަ %25 ގެ ޓެރިފް އިންޑިއާގެ މުދަލަށް ތައާރަފް ކޮށްފައެވެ. ފަހުން އިތުރު %25 ޓެރިފް ނަގަން ފަށާފައި ވެއެވެ.

އޭގެ އިތުރުން އިންޑިއާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ޕްރެޝަރު ބޮޑު ކުރުމަށް އަދި އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައވެ.

މި ފިޔަވަޅާ ގުޅިގެން އެމެރިކާއާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ބުރޫއަރާފައި ވެއެވެ. ޚާއްސަކޮށް ދަނޑުވެރިކަމާއި ޑިޖިޓަލް މާކެޓްތަކާ ބެހޭ ގޮތުން ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ބުރޫއަރާފައިވާއިރު، ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަމެއް ކުރިމަތި ވެފައި ވެއެވެ.

އިންޑިއާ ސަރުކާރުން ވަނީ ޔޫރަޕާއި އެމެރިކާއިން ރަޝިޔާގެ ޔޫރޭނިއަމް އާއި އެހެނިހެން މުދާ އެތެރެކުރާ ކަމަށް ބުނެ، ހުޅަނގުން ގެންގުޅެނީ ދެ މިންގަނޑެއް ކަމަށް ބުނެފައެވެ.

މުހައްލިލުން ބުނަނީ މި ޓެރިފްތަކުގެ ސަބަބުން ޓެކްސްޓައިލްސް، ބޭސް، އަދި ޕްރޮސެސްޑް ފުޑްސް އިން އިންޑިއާގެ މުހިންމު އެކްސްޕޯޓް ދާއިރާތަކަށް ނުރައްކާވެ، ސަޕްލައި ޗޭންތަކަށް ބުރޫއަރައި އަގުތައް ބޮޑުވެގެން ދާނެ ކަމަށެވެ.

މޯދީ ވަނީ އިންޑިޢާގެ ދަނޑުވެރިން ޙިމާޔަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ދަނޑުވެރިން ރައްކާތެރި ކުރުމަށް ކޮންމެ އަގެއް ވެސް ދައްކަން މިތިބީ ތައްޔާރަށް،" ގައުމުގެ މަސްލަހަތުތަކަށް އިސްކަން ދިނުމަށް އިގްތިސާދީ ގެއްލުންތަކާ ކުރިމަތިލާން ތައްޔާރަށް ހުރިކަމުގެ އިޝާރާތެއް ދެއްވަމުން މޮދީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!