ބަނޑަށް ޖެއްސުމަކީ އިޒްރޭލާއި އެމެރިކާއާއި އިނގިރޭސިން ބޭނުންކުރާ ހަނގުރާމައިގެ ވަސީލަތެއް

"އަޅުގަނޑުމެން މި ގެންދަނީ ޣައްޒާ އެއްކޮށް ހިސާރަ ކުރުމަށް މަސައްކަތް ކުރަމުން. ކަރަންޓެއް، ކާނާއެއް، ފެނެއް، ތެލެއް ވެއްދިޔަ ނުދޭނަން!— ހުރިހާ ކަމެއް ބަންދު ކުރާނަން. އަޅުގަނޑުމެން މި ހަނގުރާމަ ކުރަނީ އިންސާނީ ޖަނަވާރުތަކާ. އެމީހުންނާ މުއާމަލާތު ކުރަން ޖެހޭނީ އެގޮތަށް" މިއީ އަޤްޞާ ޠޫފާނު ފެށިތާ ދެވަނައަށް ވީދުވަހު ޔަހޫދީންގެ ޑިފންސް މިނިސްޓަރ ޔޯވް ގަލަންޓް ބުނި ވާހަކައެކެވެ.

ގަލަންޓަކީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ކުށުގައި ނަތަންޔާހޫއާއެކު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ މުޖުރިމެކެވެ.

އިޒްރޭލުން ބަނޑަށް ޖެއްސުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައަކީ 2023 ވަނަ އަހަރުން ފެށިގެން އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ރަނގަޅަށް ޑޮކިއުމެންޓްކޮށްފައިވާ ޔަހޫދީންގެ ޖަރީމާއެކެވެ.

އިޒްރޭލުން ޣައްޒާ މީހުން ބނަޑަށް ޖައްސަނީ އާބާދީއަކަށް އެއްކޮށް އަދަބު ދިނުމުގެ ގޮތުންނެވެ. އިނގިރޭސިންނާއި އެމެރިކާއިން ވެސް ބަނޑަށް ޖެއްސުން ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކޮށްފައިވާތީ، ބައިނަލްއަގްވާމީ ގާނޫނުން ވަނީ އެކަން ހުއްޓުވުމަށް ޓަކައި އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ކަނޑައަޅާފައެވެ.

އެމެރިކާގެ ނަޒަރުގައި ބަނޑަށް ޖެއްސުމަކީ ގޯސްކަމެއް ނޫނެވެ. އެމެރިކާ ހިންގާފައިވާ ދެވަނަ ބޮޑު ހަނގުރާމައާ ބެހޭ ޓްރައިބިއުނަލަކުން މާނަކޮށް، ކަނޑައަޅާފައި ވަނީ، ގަދަކަމުން ބަނޑަށް ޖެއްސުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތް ކަމެއް ކަމަށެވެ. އެގޮތަށް ނިންމީ، ޖަރުމަނުން ހިފާފައިވާ ސަރަހައްދުތަކާއި ޖަޕާނު ހިސާރަކުރުމުގައި އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުން ބަނޑަށް ޖެއްސުން ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވާތީއެވެ.

ރާވައިގެން ގަސްތުގައި އާބާދީއެއް އެއްކޮށް ބަނޑަށް ޖެއްސުމުން ވިލަރެސްކޮށް ހިންގުމުގައި ހުޅަނގުގެ އިސްތިއުމާރުން ހިންގާފައިވާ ޖަރީމާތަކުގެ އެތައް މިސާލެއް ތާރީޚުން ފެންނާން އެބަހުއްޓެވެ.

ހުޅަނގުން ބަނޑަށް ޖެއްސުން ބޭނުން ކުރި ހާދިސާ ތަކުގެ ތެރޭގައި:

ރަޝިޔާ:

1941 އިން 1944 އަށް ނާޒީންނާއި އެމީހުންގެ އެކުވެރިން ރަޝިޔާގެ ލެނިންގްރާޑް ހިސާރަކޮށް ހިންގި ޖަރީމާއަކީ، ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހިސާރަ ކުރުމެވެ. އެކަމުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ބަނޑަށް މަރުވިއެވެ.

އިންޑިއާ:

1943 ވަނަ އަހަރު އިނގިރޭސިންގެ އިސްތިޢުމާރީ ވެރިކަން އިންޑިއާ ބައްރުގައި ނިމުމާ ގާތްވަމުން ދިޔައިރު، ބެންގޯލްގެ ބަނޑަށް ޖެއްސުމަކީ އިނގިރޭސިން ގަސްތުގައި ހިންގި ބަނޑަށް ޖެއްސުމެކެވެ. އެތާގެ މީހުން ބަނޑަށް ޖައްސައި 3 މިލިއަނަށް ވުރެން ގިނަ މީހުން ބަނޑަށް މަރާފައި ވެއެވެ.

ފަހުގެ ދިރާސާތަކުން ހޯދިފައިވާ ގޮތުގައި މި ބަނޑަށް ޖެއްސުމަކީ މޫސުމީ ކާރިސާއަކާ ގުޅިގެން ނޫނީ ހަނަފަސްކަމަކާ ގުޅިގެން ދިމާވި ކަމެއް ނޫނެވެ.

މިއީ، އިނގިރޭސިވިލާތުގެ ސިޔާސަތަކުން، އެއިރުގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ނިންމުމަކަށް ބެންގޯލްގެ އައްސޭރިފަށުގެ ހިސާބުތަކުން ހަނޑޫ ހިފަހައްޓައި، ދޯނިފަހަރުގެ ދަތުރުފަތުރަށް ހުރަސް އަޅައި ގަސްތުގައި ކުރިއަށް ގެންދިޔަ ބަނޑަށް ޖެއްސުމެކެވެ. ޗާޗިލްގެ އަމުރަށް އިންޑިއާއިން ބެންގޯލަށް ހަނޑޫ ސަޕްލައިކޮށް ބޭނުން ކުރުން ހުއްޓުވިއެވެ. އަދި އެހެން ގައުމުތަކުގައި ހަނގުރާމަ ކުރަމުން ދިޔަ އިނގިރޭސި ސިފައިންގެ ފައުޖުތަކަށް ހަނޑޫ ފޮނުވުމަށްތަކައި ބެންގޯލް މިހާރުގެ ބަނގްލަދޭޝްގެ މީހުން ބަނޑަށް ޖައްސައި ޗާޗިލް 3 މިލިއަން މީހުން މަރާލިއެވެ.

އެއިރު ޗާޗިލް ބުނެފައި ވަނީ މީހުންބަނޑަށް މަރުވަނީ، "މުސަޅުތަކެއް ހެން ވިހާތީ" ކަމަށެވެ. އަދި "އެބުނާ ވަރުގެ ބަނޑަށް ޖެހުމުގެ މައްސަލައެއް އެހިސާބުގައި އުޅޭނަމަ، މަހާތުމާ ގާނދީ ހުންނީ ބަނޑަށް މަރުވެފައި ނޫން ހޭ؟" ވެސް ޗާޗިލް ބުންޏެވެ!

ޖަޕާން:

އެއީ އިނގިރޭސިންނެވެ! ދެން އޮތީ އެމެރިކާގެ ވާހަކައެވެ! އެމެރިކާއިން ވެސް ހަނގުރާމައިގެ މަސްލަހަތު ކުރިއެރުވުމުގެ ވަސީލަތެއްގެ ގޮތުގައި މީހުން ބަނޑަށް ޖެއްސިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނާ ދެކޮޅަށް އެމެރިކާ ހިންގި އަސްކަރީ ކެމްޕޭނަށް ދީފައި އޮތް ނަމަކީ، "އޮޕަރޭޝަން ސްޓާވޭޝަން" — ބަނޑަށް ޖައްސާ އޮޕަރޭޝަން އެވެ. ޖަޕާނަށް އެއްވެސް އެއްޗެއް ބޭރުން އެތެރެ ވިޔަ ނުދިނުމަށްޓަކައި ޖަޕާނުގެ އިގްތިސާދު ހަލާކުކޮށްލުމަށް ހިންގި އޮޕަރޭޝަނެކެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން، ޖަޕާނަށް ލިބެންވާ ޒަރޫރީ ރޯ މެޓީރިއަލްތަކުން މަހުރޫމްވެ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ ރައްޔިތުން ބަނޑަށް ޖެހެން މެދުވެރިވި އެވެ.

ވިއެޓްނާމް:

1970ގެ އަހަރުތަކުގައި އެމެރިކާއިން ވިއެޓްނާމްގައި ކެމިކަލް ބޭނުންކޮށްގެން ހިނގި ހަނގުރާމައިގެ ޖަރީމާތަކާއެކު، ވިއެޓްނާމުގައިވެސް ބަނޑަށް ޖެއްސުން ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރިއެވެ.

ފްރާންސްގެ އިސްތިއުމާރުން ވިއެޓްނާމުގެ ހަނޑޫ ރައްޔިތުންނަށް ނުދީ ހަނގުރާމަ ކުރާ ފަރަންސޭސި ސިފައިންނަށް ފޮނުވަން ބޭރުކޮށް ރައްޔިތުން ބަނޑަށް ޖެއްސިއެވެ. ފްރެންޗު ގަވަރުނަރު ޖެނެރަލް ޖީން ޑެކޯސް އާއި ފްރާންސްގެ މަސްދަރުތަކުން ލަފާ ކުރަނީ 6 ލައްކައާއި 1 މިލިއަން މީހުން ބަނޑަށް މަރުވެފައިވާނެ ކަމަށެވެ. ވިއެޓްނާމްގެ މަސްދަރުތަކުން ބުނަނީ 2 މިލިއަނެއްހައި މީހުން ނޫނީ އާބާދީގެ ގާތްގަނޑަކަށް %10 ބަނޑަށް މަރާފައި ވާނެ ކަމަށެވެ.

ބޮސްނިއާ:

ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު (1992-1995) ގައި ސަރިއޭވޯ ވަށާލައި ސާބު ދަރިކޮޅުން މުސްލިމުން ބަނޑަށް ޖެއްސިއެވެ. އަދި އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ސްރެބްރެނިކާގައެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި ތުއްތު ކުދިންގެ އެތައް ބަޔަކު ބަނޑަށް މަރުވިއެވެ.

ބަނޑަށް ޖެއްސުން މަނާކުރުން:

ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1949 ވަނަ އަހަރުގެ ޖެނީވާ މުއާހަދާތަކުގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ދުޝްމަނުންގެ ސަރަހައްދަށް ވެއްދުމަށް ހުރަސް އެޅުން މަނާކުރުމަށް ބައެއް އުސޫލުތައް ގާއިމްކުރި އެވެ. އެއާއެކުވެސް  ބަނޑަށް ޖެއްސުން ހުއްދަ ކަމަކަށް ހުޅަނގުގެ ގައުމުތަކުން މާނަކުރަމުން ދިޔައެވެ.

އެކަން ހުއްޓުމަކަށް އައީ، މި ވެރިންގެ ނުހޮއްޕާނުން އިންސާނުން ސަލާމަތް ކުރުމަށް މަޝްވަރާކޮށް، 1977 ވަނަ އަހަރު އެއްބަސްވި ޖެނީވާ މުއާހަދާތަކަށް އިތުރު ޕްރޮޓޮކޯލްތައް އިތުރު ކޮށްގެން އެކަން ސާފު ބަހުން މަނާ ކަމެއް ކަމަށް ކަނޑައަޅައިގެންނެވެ. އޭގެ 20 އަހަރު ފަހުން، 1998 ވަނަ އަހަރު، ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު އުފެއްދުމުން ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ރަސްމީކޮށް ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ކަނޑައެޅިއެވެ. ބައިނަލްއަގްވާމީ މުޖުތަމައިން ބަލައިގަތަސް، ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި އެންމެ ކުރީގައި އުޅޭ އެމެރިކާއާއި އިޒްރޭލުން މި ކޯޓު ބަލައެއް ނުގަނެއެވެ.

އިޒްރޭލުން، ޣައްޒާ މީހުން ބަނޑަށް ޖެއްސީ ރެއަކާ ދުވާލަކުންނެއް ނޫނެވެ. ޔަހޫދީން ޣައްޒާ ބަނޑަށް ޖެއްސީ އެކަމަށް ފަހިކުރާ ސިޔާސަތުތަކާއި އުކުޅުތައް ބޭނުން ކޮށްގެންނެވެ.

އޮންރުވާއަކީ ނިޒާމީ ސިފައެއްގައި އެހީ ދެމުން ދިޔަ ޖަމާއަތެކެވެ. އެމީހުންގެ މަސައްކަތް ޔަހޫދީން ހުއްޓުވާލިއެވެ. ކާނާ ރައްކާ ކުރާ ގުދަންތަކާއި ކާނާ އުފުލާ ވަސީލަތައް ހަލާކުކޮށްލިއެވެ. ޔަހޫދީން ޣައްޒާއިން ކަރަންޓާއި ފެން ކަނޑާލިއެވެ. ނަރުދަމާ ހަލާކުކޮށްލިއެވެ. އެހެންވެ، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދިޔައީ ޣައްޒާ އޮތީ ބަނޑުހައިހޫނުކަމުގެ މަގުމަތީގައި ކަމަށް އިންޒާރު ދެމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ސޭވް ދަ ޗިލްޑްރަންސް އިން ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކުޑަކުދިން މަރުވަމުންދާކަން ވެސް ކަށަވަރު ކޮށްދީފައެވެ.

ޔަހޫދީންގެ ބަނޑަށް ޖެއްސުމުގެ ޖަރީމާއަށް ދުނިޔެ ހައްސާސްވީ، ބަނޑަށް ޖެހިގެން އުޅޭ މީހުންގެ ތަސްވީރު ކުލަކޮށް 4ކޭގައި ދުނިޔެއަށް ފެންނަން ފެށުމުންނެވެ. ބަނޑަށް ޖެއްސުމުގެ މައްސަލަތައް ދިރާސާކޮށްފައިވާ ތަޖުރިބާކާރުން ބުނަނީ އޮޅުމަކުން އެއްވެސް ގައުމަކަށް އެއްވެސް އާބާދީއެއް ބަނޑަށް ނުޖެއްސޭނެ ކަމަށެވެ. އަދި ބަނޑަށް ޖައްސަނީ ނިޒާމީ ސިފައެއްގައި ރާވައިގެން ކަމަށެވެ.

ޔަހޫދީ މުޖުރިމުން ވަނީ ޣައްޒާ މީހުން ބަނޑަށް ޖައްސާނެ ކަމަށް ބުނެ ގިނަ ބަޔާންތައް ދީފައެވެ. އަދި މިހާރުވެސް ކޮންމެ ދުވަހަކުވެސް ޔަހޫދީ ޓެރަރިސްތް ވަޒީރުން ދަނީ އެފަދަ ބަޔާންތައް ދެމުންނެވެ.

ހިއްސާ ކުރައްވާ!