ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ޒުހްރާން މަމްދާނީއަށް ޔަހޫދީ ވޯޓަރުންގެ މެދުގައި ލިބެމުންދާ ތާއީދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޒެނިތު ރިސާރޗްގެ ހޯދުންތަކުން ދައްކާގޮތުގައި ޔަހޫދީ ވޯޓަރުންގެ 43 އިންސައްތަ މީހުން މަމްދާނީއަށް ތާއީދުކުރެއެވެ. ޚާއްސަކޮށް 18 އިން 44 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި 67 އިންސައްތައިގެ ތާއީދެއް ލިބިފައިވެއެވެ.
ނަމަވެސް، އޯތޮޑޮކްސް އަދި ކޮންސަވޭޓިވް ޔަހޫދީންގެ މެދުގައި މަމްދާނީއަށް ލިބޭ ތާއީދު ދަށްކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރިފޯމް، ރީކޮންސްޓްރަކްޝަނިސްޓް އަދި ސެކިއުލަރ ޔަހޫދީންގެ މެދުގައި އޭނާއަށް ފާހަގަކުރެވޭ ތާއީދެއް ލިބެމުންދެއެވެ. 50 އަހަރުން މަތީގެ ވޯޓަރުން އޭނާގެ ލީޑަރޝިޕްގެ ދަށުން އެމީހުންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރާއިރު، 40 އަހަރުން ދަށުގެ ވޯޓަރުން މިކަމާމެދު ދެކެނީ ތަފާތު ގޮތަކަށެވެ.
މަމްދާނީގެ ކެމްޕޭން ސްޓްރެޓެޖީގެ ދަށުން ޔަހޫދީ މުޖުތަމަޢުއާ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ރާބާއީންނާ ބައްދަލުކުރުމާއި، ޔަހޫދީ މުވައްޒަފުން ވަޒީފާތަކަށް ނެގުމާއި، ހޮލޯކޯސްޓްގެ ވާހަކަ އަންގައިދީއެކަމުގެ އިލްމާއި ތަޢުލީމު ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި "ގްލޯބަލައިޒް ދަ އިންތިފާޟާ" ފަދ ޝިޢާރުތަކާ ދުރުވުމަށްވެސް އޭނާ މަސައްކަތްކުރަމުންދެއެވެ.
މަމްދާނީގެ ކެމްޕޭނަށް ޔަހޫދީ ހަދިޔާކުރާ ފަރާތްތަކުން 220،000 ޑޮލަރަށްވުރެ ގިނަ ފައިސާ ދީފައިވާ ކަން ފާހަގަކުރެވެއެވެ. މިއީ އެހެން ކެންޑިޑޭޓުންނަށް ލިބުނު ވަރަށް ވުރެ މަތީ އަދަދެކެވެ. ނަމަވެސް ޔަހޫދީ މިލިއަނަރުންނާއި އެޑްވޮކަސީ ގްރޫޕްތަކުގެ ވަރުގަދަ ދެކޮޅު ހެދުމަކާ ކުރިމަތިލާންޖެހިފައި ވެއެވެ.
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި މަމްދާނީ ވާދަކުރާނީ އެންޑްރޫ ކުއޯމޯ (އިންޑިޕެންޑެންޓް)، ކަރޓިސް ސްލިވާ (ރިޕަބްލިކަން)، އެރިކް އެޑަމްސް (އިންޑިޕެންޑެންޓް) އަދި ޖިމް ވޯލްޑެން (އިންޑިޕެންޑެންޓް) އާ އެކުގައެވެ. ކުއޯމޯ ވަނީ މަމްދާނީ ބަލިކުރުމަށް އެޑަމްސް އަދި ސްލިވާއާއެކު އެއްބައިވުމުގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. ނަމަވެސް، އެ ހުށަހެޅުން ބަލައިނުގަނެވުނެވެ.







