ޣައްޒާ ސިޓީ "ކޮންޓްރޯލް" ކުރުމަށް އިސްރާއީލުން ނިންމުމާ ގުޅިގެން، އެ ޤައުމަށް ހަތިޔާރު ވިއްކުން ހުއްޓާލާފައިވާ ކަމަށް ޖާމަނީގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ޖާމަނީގެ ޗާންސެލަރ ފްރިޑްރިޗް މާޒް ވަނީ ޣައްޒާގައި ދިމާވެފައިވާ އިންސާނީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަމާސް ބަލިކޮށ ްހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށް އިސްރާއީލުން ގެންގުޅޭ ސްޓްރެޓެޖީ އާ މެދު ސުވާލު އުފައްދަވާފައިވެއެވެ.
ހަތިޔާރު ވިއްކުން ހުއްޓާލުމުގެ ތެރޭގައި ކުރިން އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ހަތިޔާރު، ވަޒަން، ހަތިޔާރުގެ ބައިތަކާއި، ޚާއްޞަ އަސްކަރީ އާލާތްތައް ވެސް ހިމެނެއެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ނިންމުމާ ގުޅިގެން، 22 މަސްދުވަސް ވެފައިވާ ހަނގުރާމަ އިތުރަށް ގޯސްވެގެން ދާނެ ކަމުގެ ބިރު ޖަރުމަނުން ވަނީ ފާޅުކޮށްފައެވެ.
ޔަހޫދީންގެ ހޮލޮކޯސްޓް ހިންގި ޖަރުމަނުން ވަނީ ޔަހޫދީން ހިންގާ ފަލަސްޠީނުގެ ހޮލޮކޯސްޓާ މެދު ނުތަވަސްކަން ފާޅުކޮށްފައެވެ.
ފަލަސްޠީނުގެ ހޮލޮކޯސްޓް ފެށުނީއްސުރެ 60،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްފައި ކަން ޔަގީންވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި މިހާރު ޣައްޒާގައި ޔަހޫދީން ދަނީ ބަނޑަށް ޖެއްސުމުގެ ހަނގުރާމައެއް ހިންގމުންނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ހޮލޮކޯސްޓްގެ ތަރިކައިގެ ސަބަބުން ޖާމަނީން އިސްރާއީލަށް އެހީތެރިވުމަށް މަޖުބޫރު ވިނަމަވެސް ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދު ކުނި ޖެހެމުން ދެއެވެ. ޖާމަނީން ވަނީ އެހެން ގައުމުތަކެކޭ އެއްފަދައިން ޣައްޒާއަށް ވައިކުޑައިގައި އިންސާނީ އެހީ ފޯރުކޮށްދޭން ފަށާފައެވެ. ނަމަވެސް ފްރާންސް، ޔޫކޭ އަދި ކެނެޑާ ފަދަ ގައުމުތަކާ ޚިލާފަށް، ފަލަސްޠީނުގެ ދައުލަތް ގަބޫލު ކުރާކަށް އަދި ޖާމަނީއަކަށް ނުކެރެއެވެ.






